Advertisement

ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ޑިބްރޭނާ އަށް، އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް ފޯޑަން

22 މޭ 2022 - 14:11 0


ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ޑިބްރޭނާ އަށް، އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް ފޯޑަން

22 މޭ 2022 - 14:11 0

ލަންޑަން (މެއި 22) - އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަނުގެ މޮޅު ކުޅުންތެރިޔާގެ މަގާމު މެންޗެސްޓާ ސިޓީގެ ބެލްޖިއަމް މިޑްފީލްޑަރު، ކެވިން ޑިބްރޭނާ އަށް ލިބުނުއިރު، އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ލިބުނީ ސިޓީގެ ފިލް ފޯޑަން އަށް ލިބިއްޖެ އެވެ.

ޕްރިމިއާ ލީގުގެ ބެލުންތެރިންގެ ވޯޓުން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 2019/2020 ވަނަ އަހަރުގެ ސީޒަންގައި ވެސް ހޯދީ ޑި ބްރޭނާ އެވެ. މި ސީޒަންގައި ޑިބްރޭނާ ވަނީ ލީގުގައި 15 ލަނޑު ޖަހައިފަ އެވެ. އަދި ޑިބްރޭނާ ވަނީ 13 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

މި އެވޯޑަށް ޑިބްރޭނާއާ ވާދަކުރީ ސިޓީގެ ޔާއޯ ކަންސެލޯ އާއި ލިވަޕޫލްގެ ޓްރެންޓް އެލެކްޒަންޑާ އާނޯލްޑް އާއި މުހައްމަދު ސަލާހް އާއި ވެސްޓް ހޭމްގެ ޖޭރަޑް ބޮވެން އާއި އާސެނަލްގެ ބުކާޔޯ ސާކާ ސައުތުހެމްޓަންގެ ޖޭމްސް ވާޑް ޕްރޯވިސް އަދި ޓޮޓެންހަމް ހޮޓްސްޕާގެ ސޮން ހެއުން މިން އެވެ.

"ދެ ވަނަ ފަހަރަށް މި އެވޯޑް ލިބުމަކީ އަހަންނަށް ލިބުނު ވަރަށް ބޮޑު ފަހުރެއް،" ޑި ބްރޭނާ ބުންޏެވެ.

ޑި ބްރޭނާ އަކީ މި އެވޯޑް ދެ ފަހަރު ހޯދި ހަތަރު ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން، އާސެނަލްގެ ކުރީގެ ފޯވާޑް، ތިއޭރީ އޮންރީ އާއި މެންޗެސްޓާ ޔުނައިޓެޑްގެ، ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ނެމަންޖާ ވިޑިޗް ވަނީ ދެ ފަހަރު މި އެވޯޑް ހާސިލްކޮށްފަ އެވެ.

އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު މިދިޔަ ސީޒަންގައި ވެސް ހޯދީ ފޯޑަން ،21، އެވެ. ފޯޑަން ވަނީ މި ސީޒަންގައި ނުވަ ލަނޑު ޖަހައި، ފަސް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްފަ އެވެ.

ސީޒަންގެ ފަހު މެޗުތަކަށް މިރޭ ޓީމުތައް ކުރިމަތިލާއިރު، ތާވަލްގެ އެއް ވަނައިގައި ސިޓީ އޮތީ އެއް ޕޮއިންޓްގެ ލީޑަކާ އެކު އެވެ. ލީގުގައި މިރޭ އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗުން ސިޓީ މޮޅުވެއްޖެ ނަމަ، ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ. -- އޭއެފްޕީ