ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޖެސިކް ވާހަކަ ދައްކަނީ.-
އޭއެފްސީ ކަޕްގައި ދެކުނު އޭޝިއާގެ ޓީމުތައް ކުޅޭ ގްރޫޕް ޑީގެ އެއް ވަނަ ހޯދައި އިންޓަ ޒޯން ޕްލޭ-އޮފް ސެމީ ފައިނަލުން ޖާގަ ހޯދަން އެންމެ ފަހު ވަގުތާ ހަމައަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މަސައްކަތް ކުރާނެ ކަމަށް އެ ޓީމުގެ ކޯޗު މިއޮޑްރަގް ޖެސިކް ބުނެފި އެވެ.
މާޒިޔާ ފުރަތަމަ މެޗުން ވަނީ ބަންގްލަދޭޝްގެ ޗެމްޕިއަން، ބަޝުންދަރާ ކިންގްސް އަތުން 1-0 އިން ބަލިވެފަ އެވެ. މާޒިޔާ އިން ފުރަތަމަ މެޗުގެ އެ ނަތީޖާ އިން އަރައިގަނެ، ދެ ވަނަ ބުރުގެ އުންމީދު އާކުރަން ކުރި މަސައްކަތް ކާމިޔާބުވީ ރޭ ކުޅުނު މެޗުގައި އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން، ގޯކުލަމް ކެރަލާ އަތުން 1-0 އިން މޮޅުވުމުންނެވެ.
ގޯކުލަމް އަތުން މޮޅުވި މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖެސިކް ބުނީ ކުރިން ވެސް ބުނަމުން އައި ގޮތަށް މި ގްރޫޕްގައި އޮތް ކޮންމެ ޓީމަކަށް ވެސް އަނެއް ޓީމު އަތުން މޮޅުވެވިދާނެ ކަމަށެވެ. ފުރަތަމަ މެޗުގައި މާޒިޔާ އިން ބަޝުންދަރާ ކައިރީގައި މޮޅަށް ކުޅުނު ނަމަވެސް ނަސީބުގެ އެހީ ނުލިބި، ފަހަތުން ހެދުނު ގޯހަކުން ބަލިވީ ކަމަށާއި އެކަމަކު، އެކަން ރަނގަޅުކޮށް ދެ ވަނަ މެޗުން މޮޅުވީތީ ޖެސިކް ވަނީ ކުުޅުންތެރިންނަށް މަރުހަބާ ކިޔައިފަ އެވެ.
ކޮންމެ ޓީމެއް މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު، ގްރޫޕް ޑީގެ އެއް ވަނައިގައި އޭޓީކޭ މޯހަން ބަގާން އޮތީ ތިން ޕޮއިންޓާއި ފައިދާ ދެ ގޯލާ އެކު އެވެ. ގޯކުލަމް ދެ ވަނައިގައި އޮތީ ފައިދާ އެއް ގޯލު އޮތުމުންނެވެ. ތިން ވަނައިގައި އޮތް މާޒިޔާ އަށް ފައިދާ ގޯލެއް ނެތެވެ. ބަޝުންދަރާ ފުލުގައި އޮތީ ގެއްލުން ތިން ގޯލު އޮތުމުންނެވެ. ދެ ޓީމެއް ޕޮއިންޓުގެ ގޮތުން އެއްވަރުވެއްޖެނަމަ ބަލަނީ ހެޑް ޓު ހެޑް ގަވާއިދަށެވެ. އެކަމަކު، ދެ ޓީމަށް ވުރެ ގިނަ ޓީމު އެއްވަރުވެއްޖެނަމަ ދެން ބަލާނީ ފައިދާ ގޯލަށެވެ.
"މާޒިޔާ ގްރޫޕް ފަހަނައަޅައި ދާނެ ކަމުގެ ޔަގީންކަމެއް ނުދެވޭނެ. އެކަމަކު، ޔަގީންކަމާ އެކު ބުނެވިދާނެ. އަހަރެމެން އެންމެ ފަހު މިނިޓާ ހަމައަށް ހިތްވަރު ކުރާނަން. އެއީ އެއް ގްރޫޕްގެ އެއް ވަަަނަ ހޯދުމަށް. އަހަރެމެން މި ދެ މެޗު ކުޅުނު ގޮތަށް ފަހު މެޗުގައި ވެސް ކުޅެފިއްޔާ މޮޅުވާން ގިނަ ފުރުސަތުތައް ލިބޭނެ،" މާޒިޔާ އަށް ގްރޫޕްގެ އެއް ވަނަ ލިބޭނެތޯ އެހުމުން ޖެސިކް ބުންޏެވެ.
މާޒިޔާ ފަހު މެޗުގައި އަންގާރަ ދުވަހުގެރޭ ބައްދަލުކުރާނީ އޭޓީކޭ މޯހަން ބަގާންއާ އެވެ. މޯހަން ބަގާން ފުރަތަމަ މެޗުން ވަނީ 4-2 އިން ގޯކުލަމް ކެރަލާ އަތުން ބަލިވެފަ އެވެ. އެކަމަކު، އިއްޔެ ވަނީ ބަޝުންދަރާ ކިންގްސް އަތުން 4-0 އިން މޮޅުވެ، އަނެއް ބުރުގެ އުންމީދު ދަމަހައްޓައިފި އެވެ.
ޖެސިކް ބުނީ އޭޓީކޭ މޯހަން ބާގަންއާ ދެކޮޅަށް ކުޅޭނީ ވެސް ފުރަތަަމަ ދެ މެޗުގައި ކުޅުނު ގޮތަށް މާޒިޔާގެ އަމިއްލަ ސްޓައިލުގައި ކަމަށެވެ.
"މި މުބާރާތުން ފެންނަ މަންޒަރުތަކަށް ބަލާއިރު ކޮންމެ ގޮތެއް ވެސް ވެދާނެ. ޔަގީންކަމާ އެކު ނުކުންނާނެ ނަތީޖާއާ ބެހޭގޮތުން ވާހަކައެއް ނުދެއްކޭނެ. އެކަމަކު، ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނީ ނަތީޖާ ނެރެން. އެއީ ނިންމާފައި އުފާފާޅުކުރެވޭ ވަރަށް،" ޖެސިކް ބުންޏެވެ.
އޭއެފްސީ ކަޕް މެޗަކުން މާޒިޔާ މި މޮޅުވީ ޖެހިޖެހިގެން ހަތަރު މެޗުން ބަލިވުމަށް ފަހު އެވެ. މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ތިން މެޗުން ވެސް މާޒިޔާ ބަލިވިއިރު، މި ފަހަރު ފަށަން ޖެހުނީ ވެސް ބައްޔަކުންނެވެ.
ރޭގެ މެޗުގައި މާޒިޔާ މޮޅުވި ގޯލު ޖަހައިދިން ސެއިންޓް ވިންސެންޓްގެ ފޯވާޑް، ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ބުނީ މިދިޔަ އަހަރު މާޒިޔާ ގްރޫޕް ސްޓޭޖުގެ ތިން މެޗުން ވެސް ބަލިވިއިރު، ފިޓްނަސް ހުރީ އެންމެ ރަނގަޅު ލެވަލެއްގައި ނޫން ކަމަށެވެ. އެކަމަކު، މި ފަަހަރު މާޒިޔާ ފެންނަނީ ކުރިއަށް ވުރެ ފިޓްކޮށް ކަމަށާއި އޭގެ ކްރެޑިޓް ހައްގުވަނީ ކޯޗު ޖެސިކް އާއި ޓްރެއިނަރު، ގޯރާން ގުޒިޖާން އަށް ކަމަށް ކޯނޭ ބުންޏެވެ.
ގޯކުލަމްގެ ކޯޗު ވިންޗެންޒޯ: އޭނާ ދެކޭގޮތުގައި މާޒިޔާ އަށް ލިބުނީ ހައްގު މޮޅެއް.
ގްރޫޕްގެ ފުރަތަމަ މެޗުގައި ގޯކުލަމް ކެރަލާ އިން އިންޑިއަން ސުޕަ ލީގުގެ، އޭޓީކޭ މޯހަން ބަގާން ބަލިކުރުމާ އެކު، މި ފަހަރުގެ އޭއެފްސީ ކަޕްގައި ގޯކުލަމް ސަޕްރައިޒް ޓީމަކަށް ވެދާނެ ކަމަށް ބެލެވުނެވެ. އެކަމަކު، ރޭ މާޒިޔާ އިން ގޯކުލަމްއާ ދެކޮޅަށް މެޗު ޑޮމިނޭޓްކޮށްގެން ކުޅެ، ނަތީޖާ ނެރުމުން ގޯކުލަމްގެ ކޯޗު އިޓަލީގެ ވިންޗެންޒޯ އަލްބާޓޯ ބުނީ އޭނާގެ ޓީމުގެ ކުޅުންތެރިން ތިބީ މެޗު ފަސޭހަކޮށްލައިގެން ކަމަށެވެ.
"އަހަރެމެންގެ ކުޅުންތެރިންނަށް ފުރަތަމަ މެޗުތަކުގެ ނަތީޖާ އަށް ބަލާފައި ހީވީ މާޒިޔާ ފަސޭހަވާނެހެން. އަހަރެމެން މެޗަށް ނުކުތީ ރަނގަޅު ވިސްނުމުގައި ތިބެ އެއް ނޫން. މިއީ މާޒިޔާ އިން ހޯދި ހައްގު މޮޅެއް. އަހަރެމެންނަށް ނަތީޖާ އެއް ނެރެވޭނެ ވަރުގެ ކުުޅުމެއް ވެސް ނުދެއްްކޭ،" ވިންޗެންޒޯ ބުންޏެވެ.
ވިންޗެންޒޯ ބުނީ މިއީ ގޯކުލަމް އިން އޭއެފްސީ ކަޕްގައި ކުޅޭ ފުރަތަމަ ފަަހަރު ކަމަށާއި މާޒިޔާގައި ތިބީ މި މުބާރާތުގެ އިތުރުން މި ލެވަލްގެ ފުޓްބޯޅަ އަށް ފަރިތަ ކުޅުންތެރިން ކަމަށްވާތީ އެއީ ވެސް މެޗުން ފެނުނު ތަފާތެއް ކަމަށެވެ.
މާޒިޔާ މޮޅުވީ މި ލެވަލްގެ ތަޖުރިބާ ބޮޑުވެގެން އެ ތަފާތުގެ ސަބަބުންތޯ އެހުމުން ވިންޗެންޒޯ ބުނީ ތަޖުރިބާ އަކީ ވެސް ބޮޑު ބައެއް ކަމަށާއި އެހެން ނަމަވެސް މެޗަކުން މޮޅުވެވޭނީ އެ ދުވަހެއްގައި އެ ކަމަށް ބޭނުންވެގެން ކުރާ މަސައްކަތުން ކަމަށެވެ.
"އަހަރެމެން މެޗު ފެށީ ދަށްކޮށް. ދެން، ވިސްނަން ތިބެވުނީ ކޮން އިރަކުތޯ އަހަރެމެން ކޮޅަށް ގޯލެއް ވަންނާނީ. އެ ގޮތަށް ވިސްނައިގެން ތިއްބައި، ގޯލެއް މާޒިޔާ އިން ޖެހި ހިސާބުން އަހަރެމެން ރިއެކްޓް މި ކުރީ. މި ލެވަލްގެ ފުޓްބޯޅައިގައި އިދިކޮޅު ޓީމު ގޯލެއް ޖަހަންދެން އެހެން ތިބުމަކީ ހެދޭނެ ގޯހެއް،" ވިންޗެންޒޯ ބުންޏެވެ.
މާޒިޔާ އަތުން ބަލިވި މި މެޗަކީ ގޯކުލަމްގައި ތިބި ކުޅުންތެރިން ރަނގަޅަށް ވިސްނަން ޖެހޭ މެޗެއް ކަމަށް ވިންޗެންޒޯ ވަނީ ބުނެފަ އެވެ. އެއީ އަބަދުވެސް ގިނަ ކަންކަން ދަސްވާނީ ބަލިވާ ދުވަހަކު އެ ކަމަކަށް ވިސްނައި ދެން ރަނގަޅުކުރުމުގެ އުންމީދާ އެކުގައި ކަމަށްވާތީ އެވެ.
Comment