Advertisement

ގޯކުލަމް ކެރަލާ ބަލިކޮށް މާޒިޔާ އުންމީދުގައި

21 މޭ 2022 - 21:52 0

ކަލްކަތާ، އިންޑިއާ

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

މާޒިޔާ އިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްސީ


ގޯކުލަމް ކެރަލާ ބަލިކޮށް މާޒިޔާ އުންމީދުގައި

21 މޭ 2022 - 21:52 0

ކަލްކަތާ، އިންޑިއާ

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގައި މިރޭ ކުޅުނު މެޗުގައި އިންޑިއާގެ އައި ލީގުގެ ޗެމްޕިއަންކަން މިދިޔަ ދެ ފަހަރު ހޯދި ގޯކުލަމް ކެރަލާ އެފްސީ 1-0 އިން ބަލިކޮށް، ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އަނެއް ބުރަށް ދިއުމުގެ އުންމީދު ހޯދައިފި އެވެ.

މާޒިޔާ ފުރަތަމަ މެޗުން ވަނީ ބަޝުންދަރާ ކިންގްސް އަތުން 1-0 އިން ބަލިވެފަ އެވެ. ގޯކުލަމް ވަނީ ފުރަތަމަ މެޗުން އޭޓީކޭ މޯހަން ބަގާން 4-2 އިން ބަލިކޮށްފަ އެވެ. މޯހަން ބަގާން ވަނީ މިއަދު ހަވީރު ބަޝުންދަރާ ކިންގްސް 4-0 އިން ބަލިކޮށް ގްރޫޕް ޑީގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. މާޒިޔާ އިން މިރޭ ގޯކުލަމް ބަލިކުރުމުން، މި ގްރޫޕްގެ ފަހު ދެ މެޗަށްދާއިރު، ހަތަރު ޓީމު ވެސް އޮތީ ތިން ޕޮއިންޓާ އެކު ޕޮއިންޓްގެ ގޮތުން އެއްވަރުވެފަ އެވެ.

ކޮންމެ ޓީމެއް މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު، ގްރޫޕް ޑީގެ އެއް ވަނައިގައި އޭޓީކޭ މޯހަން ބަގާން އޮތީ ތިން ޕޮއިންޓާއި ފައިދާ ދެ ގޯލާ އެކު އެވެ. ގޯކުލަމް ދެ ވަނައިގައި އޮތީ ފައިދާ އެއް ގޯލު އޮތުމުންނެވެ. ތިން ވަނައިގައި އޮތް މާޒިޔާ އަށް ފައިދާ ގޯލެއް ނެތެވެ. ބަޝުންދަރާ ފުލުގައި އޮތީ ގެއްލުން ތިން ގޯލު އޮތުމުންނެވެ. ދެ ޓީމެއް ޕޮއިންޓުގެ ގޮތުން އެއްވަރުވެއްޖެނަމަ ބަލަނީ ހެޑް ޓު ހެޑް ގަވާއިދަށެވެ. އެކަމަކު، ދެ ޓީމަށް ވުރެ ގިނަ ޓީމު އެއްވަރުވެއްޖެނަމަ ދެން ބަލާނީ ފައިދާ ގޯލަށެވެ.

ފަހު މެޗުތަކަށް ބަލާއިރު، އަންގާރަ ދުވަހު ހަވީރު ގޯކުލަމް ކުޅޭނީ ބަޝުންދަރާއާ އެވެ. އެރޭ ގްރޫޕްގެ ފަހު މެޗުގައި އޭޓީކޭ މޯހަން ބަގާން ބައްދަލުކުރާނީ މާޒިޔާއާ އެވެ. އިންޓަ ޒޯނަލް ޕްލޭއޮފުން ފުރުސަތު ލިބޭނީ މި ގްރޫޕުން އެއް ވަނަ ހޯދާ ޓީމަކަށެވެ.

މިރޭގެ މެޗަށް ނުކުތްއިރު، މާޒިޔާ އާއި ގޯކުލަމް ކެރަލާ އިން ވެސް ފުރަތަމަ އެގާރަ އަށް ބަދަލެއް ނުގެނެ އެވެ.

ގޯކުލަމް ކުޅުންތެރިއަކު ކައިރިން ބޯޅަ ހޯދަން މާޒިޔާގެ ހައިޝަމް މަސައްކަތް ކުރަނީ.


ސޯލްޓް ލޭކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން މާޒިޔާ ގިނަ ކުޅުންތެރިންތަކެއް އެޓޭކްގައި ބައިވެރިވެ، ބޯޅަ ހިފަހައްޓައިގެން މެޗުގެ ކޮންޓްރޯލް ނެގި އެވެ. މެޗުގެ ފަސް ވަނަ މިނިޓްގައި މާޒިޔާގެ ސްޕެއިން މިޑްފީލްޑަރު ޓަނާ ޑޮމިންގޭޒް ޖެހި ބޯޅަ ދިޔައީ ގޯކުލަމް ކެރަލާ ކީޕަރު ރަކްޝިތު ދާގަރު އަތަށެެވެ. މެޗުގެ 12 ވަނަ މިނިޓްގައި މާޒިޔާގެ މިޑްފީލްޑަރު ހުސެއިން ނިހާން (ނިހާޓް) ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ ފަސް މިނިޓް ފަހުން މާޒިޔާގެ އިބްރާހިމް އައިސަމް ހުސްކޮށްލާފައި އޭރިއާތެރެއިން އެ ޓީމުގެ ސެއިން ވިންސެންޓްގެ ފޯވާޑް، ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އަށް ދިން ބޯޅަ ފޮނުވާލި ނަމަވެސް ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ފުރަތަމަ ހާފުގައި ގޯކުލަމް އަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވުނީ މެޗުގެ 23 ވަނަ މިނިޓްގަ އެވެ. މާޒިޔާ ޑިފެންޑަރުންނަަށް ސަލާމަތް ނުކުރެވުނު ބޯޅައެއް އޭރިއާތެރެއިން ލިބުނީ ގޯކުލަމްގެ ކެމަރޫން ޑިފެންޑަރު، ބޯބާ އަމީނޫ އަށެވެ. އޭނާ ޖެހި ބޯޅަ މާޒިޔާގެ ކީޕަރު ނޭޕާލްގެ ކިރަން ކުމާރް ލިމްބޫ ވަނީ މަތަކޮށްފަ އެވެ.

މާޒިޔާ އަށް ގޯލެއް ޖަހައިދޭން މެޗުގެ 25 ވަނަ މިނިޓްގައި ހަމްޒާ މުހައްމަދު (ހަމްޕު) ޖެހި ބޯޅައެއް ހުރަސްދަނޑިމަތިން ދިޔައިރު، އޭގެ މިނިޓެއް ފަހުން އައިސަމް ޖެހި ބޯޅަ ކީޕަރު ރަކްޝިތު ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފުގެ ފަހު ކޮޅުގައި މާޒިޔާގެ ހަމްޕު އަށް އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ގޯލަށް ފޮނުވާލުމުގެ ބަދަލުގައި އޭނާ މަސައްކަތް ކުރީ ކޯނޭ އަށް ދީގެން ގޯލަށް ޖެހުމަށެވެ. އެކަމަކު، ގޯކުލަމް ޑިފެންޑަރުން ވަނީ އެ ބޯޅަ ބޭރުކޮށްލައިފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން މާޒިޔާގެ ހަމްޕު އަށް ޖަހަން ލިބުނު ބޯޅައެއް ޓަނާ އަށް ދީގެން ގޯލަށް ފޮނުވާލެވޭތޯ ބެލިއިރު، އެ ބޯޅަ ވަނީ ގޯކުލަމް ޑިފެންޑަރުންގެ މަސައްކަތުން ބްލޮކްވެފަ އެވެ.

މާޒިޔާ އިން މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ 50 ވަނަ މިނިޓްގަ އެވެ. ޓަނާ ހުސްކޮށްލާފައި ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ކޯނޭ ފޮނުވާލި ބޯޅަ ގޯކުލަމް ޑިފެންޑަރެއް ފައިގައި ޖެހިފައި ވަނީ ގޯލުގެ ތެރެއަށެވެ.

މާޒިޔާ އިން ލީޑުނެގުމާ އެކު ގޯކުލަމް އިން ކުރިއަށް ޖެހިގެން ދެ އެޓޭކެއް ވަރު ވަނީ ކޮށްފަ އެވެ. އެކަމަކު، މާޒިޔާ ޑިފެންޑަރުން ވަނީ އެ ހަމަލާތައް ހުއްޓުވައިފަ އެވެ.

މެޗުގެ ފަހު ވިއްސަކަށް މިނިޓަށް މާޒިޔާ އިން ވަނީ ނާއިޒު ހަސަން (ދާދު) ބަދަލުގައި އަސަދުﷲ އަބްދުﷲ ކުޅެން އަރުވައިފަ އެވެ.

މެޗުގެ 75 ވަަނަ މިނިޓްގައި މާޒިޔާގެ ޓަނާ ޖެހި ބޯޅަ ކީޕަރު ރަކްޝިތު ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ހިލޭ ޖެހުމަކުން ޓަނާ ޖެހި ބޯޅަ ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ. މި މެޗުގައި ގޯލެއް ޖަހަަން ޓަނާ އަށް ގިނަ ފުރުސަތުތަކެއް ލިބުނުއިރު، ގޯލަކަށް ހަދައިނުލެވުނެވެ.

މާޒިޔާގެ އިން ދެ ވަނަ ގޯލެއް ޖަހަން ކުރި މަސައްކަތުގައި މެޗުގެ 88 ވަނަ މިނިޓްގައި އެ ޓީމުގެ ސާބިއާ ޑިފެންޑަރު ނަމާންޏާ ކާޓާލް ބޮލުން ޖެހި ބޯޅަ ވެސް އަމާޒުވީ ހުރަސްދަނޑިއަށެވެ. ބަދަލަކަށް އެރި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަށް ވެސް އޭރިއާތެރެއިން ގޯލަށް ޖަހަން ލިބުނު ބޯޅަ ފޮނުވާލުން ލަސްކޮށްލުމުން ބޭނުމެއް ނުހިފުނެވެ.

އޭއެފްސީ ކަޕް މެޗަކުން މާޒިޔާ މި މޮޅުވީ ޖެހިޖެހިގެން ހަތަރު މެޗުން ބަލިވުމަށް ފަހު އެވެ. މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ތިން މެޗުން ވެސް މާޒިޔާ ބަލިވިއިރު، މި ފަހަރު ފަށަން ޖެހުނީ ވެސް ބައްޔަކުންނެވެ.