ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވިންޗެންޒޯ ވާހަކަ ދައްކަނީ.
އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގައި މާދަމާރޭ ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން، ގޯކުލަމް ކެރަލާ އެފްސީ ކުޅޭ މެޗަކީ އެ ޓީމަށް އެކްސްޕެރިމަންޓެއް ކަމަށް ގޯކުލަމްގެ ކޯޗު އިޓަލީގެ ވިންޗެންޒޯ އަލްބާޓޯ ބުނެފި އެވެ.
މިއީ މިދިޔަ ދެ އަހަރު އައި ލީގުގެ ޗެމްޕިއަންކަން ހޯދި ގޯކުލަމް އިން އޭއެފްސީ ކަޕްގައި ކުޅޭ ފުރަތަމަ ފަހަރެވެ. މާޒިޔާ އިން ވަނީ މީގެ ކުރިން ހަތް ފަހަރެއްގެ މަތިން އޭއެފްސީ ކަޕްގައި ވާދަކޮށްފަ އެވެ. މީގެ ފަސް އަހަރު ކުރިން ވުޖޫދުވި ގޯކުލަމް ކެރަލާ ޓީމު އޭއެފްސީ ކަޕްގައި ކުޅުނު ފުރަތަމަ މެޗުން ވަނީ މިދިޔަ ބުދަ ދުވަހު ހަވީރު، އިންޑިއާގެ ސުޕަ ލީގުގެ ޓީމު އޭޓީކޭ މޯހަން ބަގާން 4-2 އިން ބަލިކޮށްފަ އެެވެ.
އޭޓީކޭ އަތުން ގޯކުލަމް އަށް ލިބުނު މޮޅާ އެކު އެ ޓީމުގެ ކޮންފިޑެންސް ވަނީ ރަނގަޅުވެފަ އެވެ. އެކަމަކު، ގޯކުލަމްގެ ކޯޗު ވިންޗެންޒޯ ބުނީ މާޒިޔާއާ ދެކޮޅަށް ކުޅޭއިރު، އެ ޓީމާ މެދު ސަމާލުވާންޖެހޭ ސަބަބުތަކެއް އެބަހުރި ކަމަށެވެ.
"މާޒިޔާ މެޗަކީ އަހަރެމެންނަށް ރަނގަޅު އެކްސްޕެރިމެންޓެއް. މާޒިޔާގައި އެބަތިބި ރާއްޖޭގެ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން. ބަންގްލަދޭޝް ޓީމު (ބަޝުންދަރާ)އާ ދެކޮޅަށް މާޒިޔާ އިން ރަނގަޅަށް ކުޅުނު ނަތީޖާ ނުނެރެވުނީ، މެދު ތެރޭގައި ބޯޅަ ހިފަހައްޓައިގެން ގޭމެއް ކުޅެވޭތޯ މަސައްކަތް ކުރި،" ވިންޗެންޒޯ ބުންޏެވެ.
"ހަލުވި ކުޅުންތެރިން މާޒިޔާ އެބަތިބި، އެއީ އަހަރެމެންނަށް ނުރައްކާ ކުރާނެ ކުޅުންތެރިން. މި ކަހަލަ މުބާރާތެއްގައި ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ވެސް ހުރިހާ ކަމެއް ބަދަލުވެދާނެ. އަހަރެމެން ޖެހޭނެ 90 މިނިޓް ނިމެންދެން ވިސްނައިގެން ތިބެން،"
ގޯކުލަމް އިން އޭއެފްސީ ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ގައުމުން ބޭރުގެ ކްލަބަކާ ކުޅޭއިރު، މާޒިޔާ އިން މި ލެވަލްގައި ތަޖުރިބާ ބޮޑު ޓީމެއްގެ ގޮތުގައި އޮތުމަކީ ވެސް މި މެޗާ މެދު ވިންޗެންޒޯ ސަމާލުވާނެ ސަބަބެކެވެ. މެޗާ ކުރިމަތިލާއިރު، ގޯކުލަމް ކުރިމަތީގައި އޮތް ހަގީގަތަކީ މާޒިޔާ އަތުން މޮޅުވެއްޖެނަމަ، ކުރު މުއްދަތެއްގެ ތެރޭގައި ގޯކުލަމް ކެރަލާ އެއް ހަރުފަތް މައްޗަށް ޖައްސާލަން ކުރާ މަސައްކަތުގައި އުންމީދު ބޮޑުވުން ކަމަށް ވިންޗެންޒޯ ގަބޫލުކުރެ އެވެ.
"އަހަރެމެން މި ތިބީ ރަނގަޅު ފޯމެއް ދަމަހައްޓަން ވަރަށް ބޮޑަށް ބޭނުންވެފައި. ދެ ވަނަ މޮޅު ހޯދައިފިއްޔާ އަހަރެމެން ތިބޭނީ މަންޒިލާ ވަރަށް ކައިރީގައި، ކުރިން ވެސް ބުނިހެން ގްރޫޕްގެ އެއް ވަނަ އަމާޒަކީ. އެކަން ކުރަން މާދަމާރޭގެ މެޗުން މޮޅުވިއްޔާ އަހަރެމެންނާ މެދު މީހުން ދެކޭގޮތް ބަދަލުވީ،" ވިންޗެންޒޯ ބުންޏެވެ.
2020 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި އަބަހާނީއާ ދެކޮޅަށް މާޒިޔާ އިން ކުޅުނު މެޗުގައި އެ ޓީމަށް އޭރު ކުޅުނު ޝަރީފް (ވ) ބޯޅަ ފޮނުވާލަނީ: ޝަރީފަކީ މި ވަގުތު ގޯކުލަމްގެ ކެޕްޓަން، ފުރަތަމަ މެޗުގައި ގޯކުލަމް އިން އޭޓީކޭ ބަލިކުރިއިރު ޝަރީފް ވަނީ މޮޅަށް ކުޅެފައި.-- ފޮޓޯ: މިހާރު
ގޯކުލަމްގެ ކެޕްޓަނަކީ މާޒިޔާ އަށް 2020 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި ކުޅުނު ކުޅުންތެރިއެކެވެ. މާޒިޔާ އިން އެ ފަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިން ބުރުގައި ވަނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އާއި އިންޑިއާގެ ބެންގަލޫރު ކަޓުވާލައިފަ އެވެ. އެ ދެ މެޗުގައި ވެސް ޝަރީފް މޮޅަށް ކުޅުނެވެ. މާޒިޔާގައި މިހާރު ތިބި ކުޅުންތެރިންގެ ތެރެއިން 90 ޕަސެންޓަށް ވުރެ ގިނަ ކުޅުންތެރިން ޝަރީފާ އެކު އެ ޓީމަށް ކުޅުނެވެ.
ވިންޗެންޒޯ ބުނީ މާޒިޔާ މެޗަށް ތައްޔާރުވާއިރު، ޝަރީފްގެ ބޭނުން ހިފާނެ ކަމަށެެވެ.
"އޭނަ (ޝަރީފް) ކައިރިން އަހަރެމެން އެހިން މާޒިޔާ މިއީ ކޮން ސްޓައިލަކަށް ކުޅޭ ޓީމެއް ތޯ. އޭނަގެ އެހީ ހޯދާނަން. އެކަަމަކު، ޝަރީފް މާޒިޔާ އަށް ކުޅުނުތާ ގިނަ އަހަރުތަކެއް ވެއްޖެ. އެ ފަހުން މާޒިޔާ ޓީމު ބަދަލުވެއްޖެ ކޮންމެވެސް ވަރަކަށް. ބިދޭސީ ކުޅުންތެރިން ވެސް އެ ތިބީ ގާތްގަނޑަކަށް ބަދަލުވެފައި،" ވިންޗެންޒޯ ބުންޏެވެ. "އެންމެ ބޮޑު ކަމަކަށް ބަލާއިރު އެ މީހުންގެ ކޯޗު ވެސް ބަދަލުވެއްޖެ، އެހެންވީމަ މި ހުރިހާ ކަމަކަށް ބަލާއިރު، އަހަރެމެން އަމިއްލަ އަށް އެނަލައިޒްކޮށްގެން ވެސް ތައްޔާރުވާން އެބަޖެހޭ،"
ވިންޗެންޒޯ ވަނީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާގައި ތިބި ބިދޭސީ ކުޅުންތެރިންގެ ތެރެއިން ބައެއް ކުޅުންތެރިންނާ އެކު ކުރެވިފައި ހުރި ތަޖުރިބާ ކިޔައިދީފަ އެވެ. އެ ގޮތުން މާޒިޔާ ގޯލުގައި ހުރި ނޭޕާލް ގައުމީ ޓީމުގެ ކީޕަރު ކިރަން ކުމާރް ޝެމްޝޮން ވަނީ އިންޑިއާ އައި ލީގުގައި މިނެރްވާ ޕަންޖާބަށް ކުޅުނުއިރު، ގޯކުލަމް ކެރަލާއާ ދެކޮޅަށް ކުޅެފަ އެވެ. އަދި މާޒިޔާ އަށް ކުޅޭ ސެއިން ވިންސެންޓް ގައުމީ ޓީމުގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ވަނީ ވިންޗެންޒޯ ހުއްޓައި، ބެލީޒް ގައުމީ ޓީމާ ދެކޮޅަށް ކުޅެފަ އެވެ.
"މި ކުޅުންތެރިން ހުއްޓުވަން އަހަރެމެން ކުރާ މަސައްކަތް މެޗުގައި ފެންނާނެ،" ވިންޗެންޒޯ ބުންޏެވެ.
މި ފަހަރު އައި ލީގު ކާމިޔާބުކުރި ގޯކުލަމް ޓީމުގައި ސްރީ ލަންކާ ގައުމީ ޓީމުގެ ފޯވާޑް ވަސީމް ރަޒީކް ހިމެނެ އެވެ. ވަސީމް ވަނީ މިދިޔަ ނޮވެމްބަރު މަހު ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕްގައި ރާއްޖޭގެ ގައުމީ ޓީމު ކޮޅަށް ހަތަރު ގޯލު ޖަަހައި، 4-4 އިން މެޗު އެއްވަރުކޮށްފަ އެވެ.
ގޯކުލަމް އިން އޭއެފްސީ އަށް ރަޖިސްޓްރީކުރި ކުޅުންތެރިންގެ ތެރޭގައި ވަސީމް ނުހިމެނެ އެވެ. ވިންޗެންޒޯ ބުނީ އޭއެފްސީ ކަޕަށް ބޭނުންވާ މަގާމުތަކަށް ކުޅުންތެރިން ނެގިއިރު، ވަސީމް ބާކީކުރަން ޖެހުނީ ކަމަށެވެ. އެއީ އެ މަގާމުތަކަށް ބޭނުންކުރެވޭނެ ކުޅުންތެރިން ވަސީމަށް ވުރެ ރަނގަޅުވުމުންނެވެ.
ކަލްކަތާގެ މަޝްހޫރު ސޯލްޓް ލޭކް ސްޓޭޑިއަމްގައި މާދަމާރޭ މާޒިޔާ އާއި ގޯކުލަމް ކެރަލާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 20:00 ގަ އެވެ. މާދަމާ ހަވީރު 16:00 ގައި ކުޅޭނީ ބަޝުންދަރާ ކިންގްސް އާއި އޭޓީކޭ މޯހަން ބަގާން އެވެ. އޭޓީކޭ އާއި މާޒިޔާ އަށް މުބާރާތުގައި ބޭނުންވާ މަންޒިލަށް ކުރިއަށް ދެވެން އޮތީ މާދަމާގެ މެޗުން މޮޅުވެގެންނެވެ.
Comment