Advertisement

އިންޑިއާ މުބާރާތަކުން ނަބާ އަނެއްކާ ވެސް ޗެމްޕިއަންކަން ހޯދައިފި


އިންޑިއާ މުބާރާތަކުން ނަބާ އަނެއްކާ ވެސް ޗެމްޕިއަންކަން ހޯދައިފި

އިންޑިއާގެ އޯލް އިންޑިއާ ޓެނިސް އެސޯސިއޭޝަން ޖޫނިއާ ޗެމްޕިއަންޝިޕްގެ 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ރާއްޖޭގެ ޒުވާން ޓެނިސް ތަރި ނަބާ ނިޝާމް ހޯދައިފި އެވެ.

ނަބާ 12، އަކީ މިދިޔަ އަހަރު ރާއްޖޭގެ ގައުމީ ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައި ރާއްޖޭގެ އެންމެ ޒުވާން ޗެމްޕިއަންގެ ޝަރަފު ހޯދާފަ އެވެ. އޭރު 11 އަހަރުގެ ނަބާ ގައުމީ މުބާރާތަށް ފަހު ތަމްރީން ހަދަމުންދަނީ އިންޑިއާގެ ބެންގަލޫރުގަ އެވެ.

ނަބާ ވަނީ ފެބްރުއަރީ މަހު ބޭއްވި ބެންގަލޫރުގެ ޕޭސް އޯޕަން ޖޫނިއާ ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. އެެ މުބާރާތުގެ 12 އަހަރުން ދަށުގެ ޗެމްޕިއަންކަން އޭނާ ހޯދީ ކުޅުނު ހަ މެޗު ވެސް ކާމިޔާބުކޮށް ސެޓެެއް ވެސް ގެއްލުވާ ނުލަ އެވެ.

ބެންގަލޫރުގައި އިއްޔެ އާއި މިއަދު ކުރިއަށްދިޔަ އިންޑިއާގެ އޯލް އިންޑިއާ ޓެނިސް އެސޯސިއޭޝަން ޖޫނިއާ ޗެމްޕިއަންޝިޕްގެ 14 އަހަރުން ދަށުގެ ފައިނަލުން ނަބާ މޮޅުވީ އިންޑިއާގެ އާކީޝާ ގޯޝް 14، ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. މެޗުގެ ސެޓުތައް ނަބާ ގެންދިޔައީ 6-4 އަދި 6-2 އިންނެވެ. ފުރަތަމަ ސެޓުގެ ކުރީކޮޅު އަކީޝާ ދެ ސެޓުގެ ލީޑަކާ އެކު ކުރީގައި އޮތް ނަމަވެސް ނަބާ ވަނީ އަކީޝާގެ ސާވިސް ދެ ފަހަރަށް ބްރޭކްކޮށްލައި، މޮޅު ކުޅުމަކާ އެކު ތަށި ހޯދައިފަ އެވެ.

ނަބާގެ އުމުރުފުރާ އަށް ވުރެ ދޮށީ އުމުރުގެ ކުޅުންތެރިންގެ ކެޓަގަރީގައި ވާދަކޮށް، ނަބާ މި ހޯދި ކާމިޔާބީ އަކީ އޭނާގެ ތަމްރީންތަކުގައި ހޯދަމުން އަންނަ ކުރިއެރުން ވަޒަންކޮށްލެވުނު ކާމިޔާބެއްގެ ގޮތުގައި އޭނާގެ މަންމަ، ޑރ. ނަޒްމާ ހަމީދު ވަނީ ފާހަގަކޮށްފަ އެވެ.

މުބާރާތުގެ ފައިނަލާއި ހަމައަށް ނަބާ ދިޔައީ ވެސް މޮޅު ކުޅުމެއް ދައްކައިގެންނެވެ. އެ ގޮތުން ނަބާ ވަނީ ސެމީ ފައިނަލްގައި ހަތަރު ވަނަ އަށް ސީޑުކޮށްފައި އޮތް އިންޑިއާގެ ތަނޫ ވިޝްވާސް ވެސް ސީދާ ދެ ސެޓުން ބަލިކޮށްފަ އެވެ.

ފުރަތަމަ ފަހަރަށް މި މުބާރާތުގައި ނަބާ ވާދަކުރާތީ އޭނާ ފަށަން ޖެހުނީ ކޮލިފައިން ބުރުންނެވެ. ނަމަވެސް ފަސޭހަ މޮޅަކާ އެކު ކޮލިފައިން ނިންމަައި ފައިނަލާއި ހަމައަށް މެއިން ޑްރޯގައި ހިމެނޭ ސީޑްކޮށްފައިވާ ދެ ކުޅުންތެރިއެއްގެ މައްޗަށް ނަބާ ކުރި ހޯދި އެވެ.

"އަސްލު ނަބާއަށްވުރެ އުމުރުން ބޮޑެތި ކުދިން މުޅިންވެސް ކުޅުނީ. އެންމެ ޔަންގް ޕްލޭޔަރުގެ ގޮތުގައި ގޮސް ސީޑްކޮށްފައި ތިބި ކުދިން ބަލިކޮށްފައި ތަށި އެ ނެގީ. ވަރަށް ފަޚުރުވެރިވޭ ނަބާ އާ މެދު. މިއީ މުޅި ރާއްޖެއަށްވެސް ލިބުނު ކާމިޔާބެއްގެ ގޮތުގައި ދެކެނީ" ނަބާގެ މަންމަ ޑރ. ނަޒްމާ، "އަދަދު" އަށް ބުންޏެވެ.

ނަބާ ވަނީ މިދިޔަ މާޗް މަހު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި އެންމެ މޮޅު އަންހެން ޓެނިސް ކުޅުންތެރިޔާގެ އެވޯޑްވެސް ހޯދައިފަ އެވެ.

ޒުވާން ނަބާގެ އަމާޒަކީ އިންޑިއާގައި ހަދަމުން އަންނަ އެއް އަހަރުގެ ތަމްރީންތަކަށް ފަހު ވެސް އިތުރު ތަމްރީންގެ ފުރުސަތު ހޯދައި މި ކުޅިވަރުގައި ކުރިއަށްދިނުމެވެ. އަދި ގައުމަށް ޓެނިހުން ރަނގަޅު ކާމިޔާބީތައް ހޯދައިދީ މެޑަލް ހޯދައިދިނުމަކީ ނަބާގެ އަމާޒެވެ.