Advertisement

މާލޭ މަގުތައް ހެދުން ލަސްވަނީ ކައުންސިލުގެ އިދާރީ ކަންކަން ލަސްވާތީ: މޫކޭ

19 މޭ 2022 - 12:02 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މި ޕްރޮޖެކްޓުގެ ސްކޯޕަށް ބަދަލުތަކެއް ގެނެސް އާ އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި މޫކޭ ވާހަކަ ދައްކަވަނީ --- ފޮޓޯ: އާރުޑީސީ


މާލޭ މަގުތައް ހެދުން ލަސްވަނީ ކައުންސިލުގެ އިދާރީ ކަންކަން ލަސްވާތީ: މޫކޭ

19 މޭ 2022 - 12:02 0

މަގުތަކުގެ މައްސަލަ ހައްލުކުރަން މާލެ ސިޓީ ކައުންސިލުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ "މާލޭ ސްޓްރީޓްސްކޭޕިން ޕްރޮޖެކްޓް" ގެ މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު އަލުން ފެށުން ލަސްވެފައި ވަނީ ސިޓީ ކައުންސިލުން ނިންމަން ޖެހޭ އިދާރީ ކަންކަން ނުނިމި ލަސްވަމުންދާތީ ކަމަށް އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެ އެވެ.

މި ބޮޑު މަޝްރޫއު އާރުޑީސީ އާ ހަވާލުކުރިތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު އެންމެ އެކަށީގެންވާ މިންވަރެއްގެ މަސައްކަތްތައް ކުރިއަށް ނުދާތީ ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ. މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެ މަޝްރޫއު ކުރިއަށް ނުގެންދެވޭ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

"ސްޓްރީޓްސްކޭޕިން މަޝްރޫއުގައި ކުރިއަށް ގެންދަން ނިންމާފައިވާ އެއްވެސް ކަމެއް އަޅުގަނޑުމެންނަށް ކުރިއަށް ނުގެންދެވޭ،" ކައުންސިލަށް އަހަރެއް ފުރުމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވި އެވެ.

އެ ވާހަކަތަކާ ގުޅިގެން "އަދަދު"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މޫކޭ ވަނީ އެ ޕްރޮޖެކްޓްގެ މަސައްކަތް "ނުފެށި ލަސްވަނީ ޕްރޮޖެކްޓާ ގުޅުންހުރި ކައުންސިލުން ނިންމަންޖެހޭ އިދާރީ ބައެއް ކަންކަން ނުނިމި ލަސްވަމުން ދާތީ" ކަމަށް ވިދާޅުވެފަ އެވެ.

އެ މަޝްރޫއުގެ ދަށުން އާރުޑީސީން ދެން އެންމެ އަވަހަށް ފަށާނީ އެންމެ އަޑިގުޑަން ގިނަ އަދި ހަލާކުވެފައިވާ އަމީނީ މަގު މަރާމާތުކޮށް ތާރު އެޅުމުގެ މަސައްކަތެވެ. އަމީނީ މަގުގެ ހާލަތު ދަށްވެ ނުރައްކާތެރި ހާދިސާތައް ވެސް ހިނގަމުންދާތީ ރައްޔިތުންގެ ކަންބޮޑުވުން އެބައޮތެވެ.

"ކައުންސިލުން ނިންމަން ޖެހޭ އިދާރީ ކަންކަން ނިމުނުހާ އަވަހަކަށް އަޅުގަނޑުމެން ސްޓޭކްހޯލްޑާސް އާ ބައްދަލުކޮށް ޑިޒައިނާ އެކު ޝެޑިއުލް ހާމަކުރެވޭނެ،" އަމީނީ މަގުގެ މަސައްކަތް އޮތް ހިސާބާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މޫކޭ ވިދާޅުވި އެވެ.

ޕްރޮޖެކްޓް ސްކޯޕަށް ބަދަލުތަކެއް

މި ޕްރޮޖެކްޓު އޭރުގެ ސިޓީ ކައުންސިލުން 2019 ގައި އާރްޑީސީއާ ހަވާލުކުރީ ހުރިހާ މަގެއްގައި ގާ އަތުރާ ގޮތަށެވެ. އެކަމަކު މާލެ ސިޓީ ކައުންސިލުގެ މި ދައުރުން ވަނީ މި ޕްރޮޖެކްޓަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ.

އެހެން ނަމަވެސް، މި ޕްރޮޖެކްޓުގެ ސްކޯޕަށް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް މުއިއްޒު މި ހަފްތާގައި ވިދާޅުވި އެވެ.

"ސްކޯޕަކަށް ބަދަލު ގެނައި މަޝްރޫއެއް ނޫން، ކުރިއަށް ހިނގަމުންދިޔަ މަޝްރޫއެއް ހުވާކުރިއިރު. އެ މަޝްރޫއު އެގޮތުގައި ކުރިއަށް ގެންދަން ފުރުސަތު ދެއްވިނަމަ މިއަދު އަމީނީ މަގު އޮންނާނީ ތާރު އަޅައި ނިމިފައި،" މޭޔަރު ވިދާޅުވި އެވެ.

އެކަމަކު، އޮކްޓޯބަރު 11، 2022 ގައި އާރުޑީސީ އަދި ސިޓީ ކައުންސިލުން ވަނީ ޕްރޮޖެކްޓުގެ ސްކޯޕަށް ބަދަލުތަކެއް ގެނެސް އަލުން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ކުރިން ގާ އަތުރައިގެން ހުރިހާ މަގެއް ތަރައްގީކުރަން އޮތް ނަމަވެސް، މިހާރު އޮތީ ބޮޑުތަކުރުފާނު މަގު ހިމެނޭހެން މާލޭގެ 16 މަގެއްގައި ތާރު އަޅާ ގޮތަށެވެ. ޖުމްލަ 105 މަގެއްގައި 18 ކިލޯމީޓަރު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަން ވަނީ ހިމަނާފަ އެވެ.

މި ޕްރޮޖެކްޓަށް ގާތްގަނޑަކަށް 462 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.