Advertisement

ރައީސްގެ ވައުދާ ހިލާފަށް އަލިފުށީ އާރުޑީސީ ސައިޓުން މުވައްޒަފުން ވަކިކުރުން އެމްޑީޕީން ކުށްވެރިކޮށްފި

15 ސެޕްޓެންބަރު 2024 - 18:31 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރ. އަލިފުށި: އެ ރަށުގެ އާރުޑީސީ ސައިޓުން މުވައްޒަފުން ވަކިކުރުން އިދިކޮޅު އެމްޑީޕީން ވަނީ ކުށްވެރިކޮށްފަ --- ފޮޓޯ: މިރާން ނާޝިމް / އަދަދު


ރައީސްގެ ވައުދާ ހިލާފަށް އަލިފުށީ އާރުޑީސީ ސައިޓުން މުވައްޒަފުން ވަކިކުރުން އެމްޑީޕީން ކުށްވެރިކޮށްފި

15 ސެޕްޓެންބަރު 2024 - 18:31 0

ރ. އަލިފުށީ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއަށް އެ ރަށުގައި ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) އިން ގާއިމުކޮށްފައިވާ ސައިޓުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ އަލިފުށީ ދާއިރާއިން އެކަން ކުށްވެރިކޮށްފި އެވެ.

އެމްޑީޕީ އަލިފުށީ ދާއިރާއިން ނެރުނު ބަޔާނެއްގައި ބުނީ، އިގުތިސޯދީ ގޮތުން ދަތި ދަނޑިވަޅެއްގައި އެތައް އާއިލާތަކެއް އާމްދަނީ ހުއްޓާލައި އެ މީހުން ހާލުގައި ޖެއްސުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އާންމުން މުވައްޒަފުންނަށް "އަނިޔާ ދެމުން" ދާއިރު ކުރީ ސަރުކާރަށްވުރެ ގިނައި އެ ސައިޓުގައި މަތީ ވަޒީފާތައް އުފައްދާފައިވާކަންވެސް އެމްޑީޕީން ފާހަގަކޮށްފައިވެ އެވެ.

މި ބަޔާން ހިއްސާކުރައްވާ އަލިފުށީ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ރަޝީދު (ބިގޭ) ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އަކީ ވައުދާ ހިލާފުވާ ބޭފުޅެއް ކަމަށެވެ. އަދި، ރިޔާސީ ކެމްޕޭނުގައި ރައީސް މުއިއްޒު އެ ރަށަށް ވަޑައިގެން، ވައްޒަފުން ވަޒީފާތަކުން ވަކި ނުކުރާނެ ވައުދުވި ކަމަށް ވިދާޅުވެ ބިގޭ ވަނީ އެ ޖަލްސާގެ ވީޑިއޯވެސް ހިއްސާކުރައްވާފަ އެވެ.

"ތަރައްގީގެ މަޝްރޫއުތައް ހުއްޓާލަން އުޅޭ ބަޔެކޭ ކިޔާ. ވަޒީފާތަކުގަ ތިބި. ކުންފުނިތަކުގަ ތިބި އަޅުގަނޑުމެންގެ ޒުވާން ކުދިން ވަކިކުރާނެ ބަޔެކޭ ކިޔާ ދޮގު ވާހަކަތައް ފަތުރަމުންދާ ދިއުމަށް އަޅުގަނޑުމެ މި ދަނޑިވަޅުގަވެސް ދަންނަވާލަން އޮތީ އެކަހަލަ ވާހަކަތައް ދައްކަނީ ވަރަށްވެސް ފިނޑި ބަޔެކޭ،" އަލިފުށީގައި ހުންނަވާ ރައީސް މުއިއްޒު ވިދާޅުވާތަން އެ ވީޑިއޯއިން ފެނެ އެވެ.

ބިގޭ ސިފަކުރެއްވި ގޮތުގައި އާރުޑީސީގެ މުވައްޒަފުން ވަކިކުރުމަކީ ރައީސްގެ އެ ވައުދާ ކަނޑައެޅިގެން ހިލާފުވުމެވެ. އަދި އެ ރަށުގެ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުވެސް ހުއްޓިފައިވާ ކަމަށާއި އެ މަސައްކަތަށް ބޭނުންކުރި އާލާތްތައް ވަނީ ރަށުން ބާލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރައީސްގެ ވީޑިއޯއިން ފެންނަ ގޮތުން، އެމަނިކުފާނު ވަނީ އަލިފުށީ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއަކީ އެމްޑީޕީއަށްވުރެ ބޮޑަށް ޕީއެންސީން ކުރަން ބޭނުންވާ ކަމެއް ކަމަށް ސިފަކުރައްވާ މަޝްރޫއު ނުހުއްޓޭނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ.

މި ސަރުކާރުން ރަށްރަށުގައި ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލާފައިވާ ކަމަށް އިދިކޮޅުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އެ ވާހަކަ ސަރުކާރުން ދޮގުކުރި ނަަމަވެސް މާލީ ހިސާބުތައް ހާމަނުކޮށް ތިން މަސް ވާން ގާތްވެފައިވާތީ އެ މަޝްރޫއުތަކަށް ހަރަދުކުރުން ހުއްޓާލާފައިވާކަން ސާފެއް ނޫނެވެ. ނަމަވެސް އެފަދަ ޝަކުވާތަށް ރަށްރަށުންވެސް ލިބެ އެވެ.