Advertisement

"އިންޑިއާ އައުޓް" ހަރަކާތުން ރޭ ހައްޔަރު ކުރި މީހުން ދޫކޮށްލައިފި

19 މޭ 2022 - 11:03 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

އިންޑިއާ އައުޓް" މުޒާހާރާއެއްގެ ތެރެއިން: ރޭގެ އެއްވުމުގައި ހައްޔަރުކުރި މީހުން ވަނީ ދޫކޮށްލާފައި- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


"އިންޑިއާ އައުޓް" ހަރަކާތުން ރޭ ހައްޔަރު ކުރި މީހުން ދޫކޮށްލައިފި

19 މޭ 2022 - 11:03 0

ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާގެ ހަތިޔާރުއެޅި ސިފައިން ބާލަން ގޮވާލާ އިދިކޮޅުން ފަށާފައިވާ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން ރޭ ބޭއްވި މަގުމަތީ ހަރަކާތުން ހައްޔަރުކުރި މީހުން ބަންދުން ދޫކޮށްލައިފި އެވެ.

މުޒާހަރާއާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު، އެ ތިން މީހުން ވެސް ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވި އެވެ.

ރޭގެ މުޒާހަރާ ވެސް ފެށީ އާދައިގެ މަތިން ޕީޕީއެމްގެ އޮފީސް ކައިރިންނެވެ. ހެންވޭރު، އާޓިފިޝަލް ބީޗް ކައިރީގައި ހުންނަ އެ އޮފީސް ކައިރިން ފަށައިގެން މުޒާހަރާގެ ބައިވެރިން މަޖީދީމަގުން ކުރިއަށް ގޮސް އަލިކިލެގެފާނު މަގުން އުތުރަށް، ކުޑަތަންކޮޅަކަށް ކުރިއަށް ދިޔަ ތަނާ ފުލުހުން އެމީހުން ހުރަސް އަޅައި ހުއްޓުވި އެވެ.

ފުލުހުން ވަނީ އެއްވުން ރޫޅާލުމަށް ބާރުގެ ބޭނުން ވެސް ކޮށްފަ އެވެ. ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން މުޒާހަރާގެ ދެ ބައިވެރިން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި އެވެ.

ރޭގެ އެއްވުމުގައި ވަނީ އިންޑިއާ އައުޓް ހަރަކާތަށް ހުރަސް އަޅާތީ އަޑު އުފުލާފަ އެވެ.

އަދި، އެ ހަރަކާތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި ޕީޕީއެމްގެ އެކްޓިވިސްޓް އަލީ ނަސީމް (ތަކަނޭ) ދޫކޮށްލަން ވެސް ގޮވާލާފަ އެވެ. އިންޑިއާ އައުޓް ކެމްޕެއިނު ހިންގާތީ އެ ދެ މީހުން ހައްޔަރު ކުރީ އިއްޔެގެ ވަގުތެއްގަ އެވެ.

ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން ހިންގާ އެ ހަަރަކާތް ހުއްޓުވަން ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް އަންގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކުރިން ވަނީ ރިޔާސީ ގަރާރެއް ވަނީ ނެރުއްވައިފަ އެވެ. އިންޑިއާ އައުޓް ހަރަކާތާ ދެކޮޅަށް ފުލުހުން ފިޔަވަޅުތައް އަޅަމުން ދަނީ އެ ގަރާރުގެ ދަށުންނެވެ.