Advertisement

ރޭންޖާސް ބަލިކޮށް ފްރޭންކްފާޓުން 42 އަހަރަށް ފަހު ޔޫރޮޕާ ލީގު ކާމިޔާބުކޮށްފި

19 މޭ 2022 - 08:28 0

ފްރޭންކްފާޓް ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ


ރޭންޖާސް ބަލިކޮށް ފްރޭންކްފާޓުން 42 އަހަރަށް ފަހު ޔޫރޮޕާ ލީގު ކާމިޔާބުކޮށްފި

19 މޭ 2022 - 08:28 0

ސެވިލް، ސްޕެއިން (މެއި 19) - ޕެނަލްޓީ ޖަހައިގެން 5-4 އިން ސްކޮޓްލެންޑްގެ ރޭންޖާސް ބަލިކޮށް ޖަރުމަނުގެ އައިންޓްރަކްޓް ފްރޭންްކްފާޓުން ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ރޭ ހޯދައިފި އެވެ.

މިއީ 1980 ވަނަ އަހަރު ޔުއެފާ ކަޕް (މިހާރުގެ ޔޫރޮޕާ ލީގު) ކާމިޔާބުކުރި ފަހުން ފްރޭންކްފާޓަށް ޔޫރަޕްގައި ލިބުނު ފުރަތަމަ ކާމިޔާބެވެ. ރޭގެ ފައިނަލުގެ 120 މިނިޓްގެ ކުޅުން ނިމުނުއިރު، އޮޮތީ 1-1 އިން އެއްވަރުވެފަ އެވެ. ދެ ޓީމުން ޖުމްލަ އެކު ފޮނުވާލި 10 ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ ރޭންޖާސްގެ އާރޮން ރަމްސޭ ފޮނުވާލި ޕެނަލްޓީ އެވެ.

ސްޕެއިނުގެ އެސްޓަޑިއޯ ސަންޗޭޒް ޕިޒްޖުއާން ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލުގައި ފްރޭންކްފާޓުން އެޓޭކްކުރަމުން ދަނިކޮށް މެޗުގެ 57 ވަނަ މިނިޓްގައި ލީޑުނެގީ ރޭންޖާސް އިންނެވެ. މިއީ ފްރޭންކްފާޓްގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި ރޭންޖާސްގެ ޖޯ އަރީބޯ ޖެހި ގޯލުންނެވެ. ރޭންޖާސް އަށް މާގިނައިރު ލީޑު ހިފަހައްޓައިނުލެވުނެވެ. މެޗުގެ 69 ވަނަ މިނިޓްގައި ފްރޭންކްފާޓަށް އެއްވަރުކޮށްދިނީ ފިލިޕް ކޮސްޓިޗް ދިން ބޯޅަ އަކުން ރަފައެލް ސަންޓޯސް ބޯރޭ އެވެ.

މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފުގައި ގޯލެއް ޖެހޭތޯ ދެ ޓީމުން ކުރި މަސައްކަތް ވެސް ކާމިޔާބެއްނުވި އެވެ. ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ.

ޕެނަލްޓީގައި ފްރޭންކްފާޓުން ފަސް ޕެނަލްޓީ ވެސް ކާމިޔާބުކުރި އެެވެ. އެ ޓީމުގެ ޕެނަލްޓީތައް ޖެހީ ކްރިސްޓޮފާ ލެންޒް، އަޖްޑިން ރުސްޓިޗް، ޑައީޗީ ކަމާޑާ، ކޮސްޓިޗް އަދި ބޯރޭ އެވެ. ރޭންޖާސްގެ ޖޭމްސް ޓަވޭނިއާ، ސްޓީވެން ޑޭވިސް، ސްކޮޓް އާފީލްޑް، ކެމާ ރޫފް ޕެނަލްޓީ ކާމިޔާބުކުރި ނަމަވެސް ރަމްސޭ ޖެހި ޕެނަލްޓީ ފްރޭންކްފާޓް ކީޕަރު ކެވިން ޓްރަޕް ވަނީ މަތަކޮށްފަ އެވެ.