Advertisement

ބަލިވީމަ ދެރަވޭ، މަސައްކަތް ކޮށްގެން ނަތީޖާ ނެރެވޭނެ: ހަމްޕު

19 މޭ 2022 - 00:49 0

ކަލްކަތާ، އިންޑިއާ

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު


ބަލިވީމަ ދެރަވޭ، މަސައްކަތް ކޮށްގެން ނަތީޖާ ނެރެވޭނެ: ހަމްޕު

19 މޭ 2022 - 00:49 0

ކަލްކަތާ، އިންޑިއާ

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގައި މިރޭ ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އަތުން ބަލިވުމުން އެކަމާ ދެރަވާ ކަމަށާއި ކުރިއަށް އޮތް ދެ މެޗުގައި މަސައްކަތް ކޮށްގެން ނަތީޖާ ނެރެވޭނެ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ފޯވާޑް، ހަމްޒާ މުހައްމަދު (ހަމްޕު) ބުނެފި އެވެ.

ބަޝުންދުރާ އިން މިރޭގެ މެޗު ފަށައިގެން ރަނގަޅަށް ކުޅުނު ނަަމަވެސް މެޗުގެ ފަހު ހާފުގައި މާޒިޔާ އިން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން މޮޅަށް ކުޅެ، ގޯލު ޖަހާނެ ގިނަ ފުރުސަތުތައް ވެސް ހޯދި އެވެ. އެކަމަކު، ގޯލެއް ނުޖެހިގެން 1-0 އިން ބަޝުންދަރާ އަތުން ބަލިވީ އެވެ.

ބަޝުންދަރާ ކައިރީގައި މޮޅަށް ކުޅެ، ހަމްޕު، މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި އެވެ. އިންޑިވިޖުއަލް ކާމިޔާބެއް ލިބުނަސް، މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވިއިރު، ހަމްޕުގެ މޫނުމަތިން ފެނުނީ މެޗުން ބަލިވުމުގެ މާޔޫސްކަމެވެ.

"މެޗުގެ (ކުޅުން) ދިޔައީ ވަރަށް ރަނގަޅަށް، އެންމެ ބޭނުންވި ގޮތެއް ނޫން ވީ، މޮޅެއް ބޭނުންވީ، ދެން، އެޓްލީސްޓް (އެންމެ ކުޑަމިނުން) އަހަރެމެންނަށް ޑްރޯއެއް ވިޔަސް މުހިންމު ދުވަހެއް މިދިޔައީ. ދެން، އެކަމު، ބަލިވީމަ ވަރަށް ދެރަވެފައި މި ތިބީ،" ހަމްޕު ބުންޏެވެ.

މާޒިޔާ އަށް ދެން މި ގްރޫޕްގައި ބާކީ އޮތީ އިންޑިއާގެ ދެ ޓީމާ ކުޅެން ޖެހޭ މެޗުތަކެވެ. އެ ގޮތުން ހޮނިހިރު ދުވަހުގެރޭ އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން، ގޯކުލަމް ކެރަލާއާ ބައްދަލުކުރާނެ އެވެ. އަދި އެ އަށް ފަހު އަންނަ އަންގާރަ ދުވަހުގެރޭ އިންޑިއާގެ ސުޕަ ލީގުގެ ކްލަބް، އޭޓީކޭ މޯހަން ބަގާންއާ ކުޅޭނެ އެވެ. ގޯކުލަމް ވަނީ މިއަދު 4-2 އިން އޭޓީކޭ ބަލިކޮށްފަ އެވެ.

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ދާދި ފަހުން ހޯދި ހަމްޕު ބުނީ ފުރަތަމަ މެޗުން ބަލިވުމުން އުނދަގޫ ވިޔަސް ދެން އޮތް ދެ މެޗުން މޮޅުވާން ވަރަށް މަސައްކަތް ކުރާނެ ކަމަށެވެ.

"ވަރަށް އުނދަގޫވާނެ. ގައިމު ވެސް ދެ މެޗު މި އިނީ ދެން. ނުވާވަރު ކަމެއް ނޫން މިއީ. މަސައްކަތް ކޮށްފިއްޔާ ވާނެ ކަމަށް މި ބަލަނީ،" ހަމްޕު ބުންޏެވެ.

މިރޭގެ މެޗުގައި ހަމްޕު، ފުރަތަމަ ހާފުގައި ފޮނުވާލި ޝޮޓެއް ބަޝުންދަރާ ގޯލުގައި ހުރި ބަންގްލަދޭޝް ގައުމީ ޓީމުގެ ކީޕަރު އަނީސުއްރަހުމާން ޒީކޯ ވަނީ މަތަކޮށްފަ އެވެ. ދެ ވަނަ ހާފުގައި ދެ ފަހަރެއްގެ މަތިން ބަޝުންދަރާގެ ތިން ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު ހަމްޕު ފޮނުވާލި ބޯޅަތައް ބަޝުންދަރާ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ.

"ނަސީބު ވެސް ދަށްކޮށް މިދިޔައީ،" ހަމްޕު ބުންޏެވެ.

މި ސީޒަނުގައި ހަމްޕު ވަނީ މާޒިޔާ އަށް 11 ގޯލު ޖަހައިދިނުމުގެ އިތުރުން ހަތް ގޯލު ޖަހައިދޭން ފުރުސަތު ތަނަވަސްކޮށްފަ އެވެ.