Advertisement

ގުދުސްގައި އޮތް ޖަނާޒާއެއްގައި ހަމަނުޖެހުން ހިނގައި 70 މީހުންނަށް އަނިޔާވެއްޖެ

އަލް އަގްސާ މިސްކިތުގެ ގޯތި ތެރޭގއި ޖަނާޒާގެ ބައިވެރިން ޖަމާވެފައި. -- ފޮޓޯ: އޭއެފްޕީ


ގުދުސްގައި އޮތް ޖަނާޒާއެއްގައި ހަމަނުޖެހުން ހިނގައި 70 މީހުންނަށް އަނިޔާވެއްޖެ

ގުދުސް (މޭ 17) - ގުދުސްގައި ބޭއްވި ޖަނާޒާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންނާއި އިޒްރޭލް ފުލުހުންނާ ދެމެދު ހަމަނުޖެހުން ހިނގައި، 70 މީހުންނަށް އަނިޔާވެއްޖެ އެވެ.

ހަމަނުޖެހުން ހިނގީ އުމުރުން 23 އަހަރުގައި މަރުވި ވަލީދް އަލް ޝަރީފްގެ ޖަނާޒާގަ އެވެ. އޭނާ މަރުވީ މިދިޔަ މަހު އަލް އަގްސާ މިސްކިތުގެ ގޯތި ތެރޭގައި އިޒްރޭލް ފުލުހުން ހަމަލާ ދިނުމުން ލިބުނު އަނިޔާތަކުގަ އެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނީ ވަލީދަށް އަނިޔާ ލިބުނީ އިޒްރޭލް ފުލުހުން ރަބަރު ބުލެޓާއި ސްޓަން ގްރެނޭޑް ބޭނުންކޮށް ހަމަލާ ދިނުމުން ކަމަށެވެ. އޭނާ މަރުވީ ހޮނިހިރު ދުވަހު އެވެ.

އަލް އަގްސާ މިސްކިތުގެ ގޯތި ތެރެއިން އޭނާގެ ސަންދޯއް އުފުއްލާލައިގެން ގެންގިސް، ވަޅުވީ ކައިރީގައި ހުންނަ ސަހަރާއެއްގަ އެވެ.

އިޒްރޭލް ފުލުހުން ބުނީ ޖަނާޒާގެ ކުރިން އަދި ފަހުން ވެސް ފަލަސްތީން މީހުން ހަމަނުޖެހުން ހިންގި ކަމަށާއި ސަހަރާ ތެރޭގައި ވެސް ހަމަނުޖެހުން ހިންގި ކަމަށެވެ. ހަ ފުލުހުންނަށް އަނިޔާ ލިބުނެވެ.

އިޒްރޭލް ފުލުހުން ނެރުނު ބަޔާނުގައި ބުނީ ގަލާއި ހިލަ އުކުމުގެ އިތުރުން ބަޑި ބޭސް ޖެހުން ފަދަ ކަންކަން ޖަނާޒާގެ ބައިވެރިން ކުރި ކަމަށެވެ.

ފަލަސްތީނުގެ ޕްރިޒަނާޒް ކްލަބް ޖަމިއްޔާއިން ބުނީ 50 މީހުން ހައްޔަރު ކުރި ކަމަށެވެ. އެކަމަކު އިޒްރޭލް ފުލުހުން ބުނީ ހައްޔަރު ކުރީ 15 މީހުން ކަމަށެވެ.

މިދިޔަ ހަފްތާގައި އިޒްރޭލް ސިފައިން ބަޑި ޖަހައި މަރާލި ނޫސްވެރިޔާ ޝީރީން އަބޫ އަކްލެހްގެ ޖަނާޒާއަށް ވެސް އިޒްރޭލް ފުލުހުން ހުރަސް އަޅައި، ހަމަނުޖެހުން އުފެއްދި އެވެ.