Advertisement

ޕީޖީގައި އުޅުއްވި އިރު އައި މައްސަލަތަކުގައި ނިހާޔަތުއަށް ވަކާލާތު ނުކުރެއްވޭނެ ކަމަށް ކަނޑައަޅައިފި

16 މޭ 2022 - 17:15 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ސުޕްރީމް ކޯޓުގައި:


ޕީޖީގައި އުޅުއްވި އިރު އައި މައްސަލަތަކުގައި ނިހާޔަތުއަށް ވަކާލާތު ނުކުރެއްވޭނެ ކަމަށް ކަނޑައަޅައިފި

16 މޭ 2022 - 17:15 0

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އެ އޮފީހުގައި މަސައްކަތް ކުރެއްވި ދުވަސްވަރު ކުރިއަށް ގެންގޮސްފައިވާ މައްސަލަތަކުގައި ދައުވާ ރައްދުވާ ފަރާތްތަކުގެ ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތް ނުކުރެވޭނެ ކަމަށް ރާއްޖޭގެ އެންމެ މަތީ މަރުހަލާގެ ކޯޓު، ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ކަނޑައެޅީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަނީ ލޯންޑާކޮށްދެއްވި ކަމަށް ބުނެ އެކަނިކުފާނުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރަށް ދައުވާ ކުރާ މައްސަލައިގަ އެވެ. އެ މައްސަލައިގައި އާޒިމާގެ ވަކީލަކީ ނިހާޔަތެވެ.

އާޒިމާގެ ދިފާއުގައި ނިހާޔަތުއަށް ވަކާލާތު ނުކުރެއްވޭނެ ކަމަށް ދަށު ކޯޓުން ވެސް އޮތީ ކަނޑައަޅައިފަ އެވެ. ނަމަވެސް ހައި ކޯޓުން އެ ނިންމުން ބަދަލު ކުރި އެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ނިންމުމާއެކު މިހާރު އެކަމުގައި ދާއިމީ ގޮތެއް ކަނޑައެޅުނީ އެވެ.

ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު ހުސްނުއްސުއޫދު އިއްވެވި ރައުޔުގައި ވެސް ފާހަގަ ކުރެއްވި ކަމަކީ މީގެ ކުރިން ވެސް ޕީޖީ އޮފީހުގައި މަސައްކަތް ކުރި އެހެން ވަކީލަކަށް ވެސް އޭނާ އެ އޮފީހުގައި މަސައްކަތް ކުރި ދުވަސްވަރު ހިނގި މައްސަލައެއްގައި ވަކާލާތު ނުކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ ކަމެވެ. އެ ނިންމުމަށް ދެން ވެސް ބަދަލެއް ގެންނަން ނުޖެހޭ ކަމަށް ވިދާޅުވި އެވެ.

ފަނޑިޔާރު ހުސްނުއްސުއޫދުގެ އެ ރައުޔައަށް ދެން ތިއްބެވި ފަނޑިޔާރުން ވެސް ތާއީދު ކުރެއްވި އެވެ. ދެން ބެންޗުގައި ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރަށް ރިޔާސަތު ބެލެހެއްޓެވި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނެވެ.

މީގެ އިތުރުން އާޒިމާގެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ދަށު ކޯޓުން ނިންމި ނިންމުމަށް ހައި ކޯޓުން ތާއީދު ކުރި ނިންމުން ވެސް އާޒިމާ އިސްތިއުނާފް ކުރެއްވި އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނު މިހާރު އޮތް ގޮތުން އިސްތިއުނާފް ނުކުރެވޭނެ ކަމަށް ދައުލަތުން ބުނި ނަމަވެސް އިސްތިއުނާފް ކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމި ނިންމުން ވެސް ދައުލަތުން އިސްތިއުނާފް ކޮށްފައިވެ އެވެ.

ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ ޖިނާއީ އިޖުރާއަތްތަކުގެ ގާނޫނު މިހާރު އޮތް ގޮތުން އެ މައްސަލަ އިސްތިއުނާފް ކުރެވެން ނެތުމުން މައްސަލަ ބޭރުކޮށްލުމަށެވެ.