Advertisement

ފޯރިގަދަ ބައިބަލާ ޗެލެންޖުގެ ސެމީ ފައިނަލާއި ފައިނަލް މެޗު މިރޭ

14 މޭ 2022 - 12:27 0

ަބައިބަލާ ޗެލެންޖްގައި އީގަލްސް ކުޅުނު މެޗެއްގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ފޯރިގަދަ ބައިބަލާ ޗެލެންޖުގެ ސެމީ ފައިނަލާއި ފައިނަލް މެޗު މިރޭ

14 މޭ 2022 - 12:27 0

ބައިބަލާ ޗެލެންޖް 2022ގެ ކުއާޓާ ފައިނަލު މެޗުތަކަށް ފަހު މިރޭ ކުޅޭ ސެމީ ފައިނަލަށް ޓީމުތައް ތައްޔާރުވެއްޖެ އެވެ.

ކޮންމެ އަހަރަކުވެސް ފިތުރު އީދާއި ދިމާކޮށް އީދު ބައިބަލާ ޗެލެންޖް މި އަހަރު މި ބާއްވަނީ ދެ އަހަރުގެ މެޗުކެނޑުމަކަށް ފަހުގަ އެވެ. 32 ޓީމް ބައިވެރިވި ބައިބަލާ މުބާރާތް ފަށަން ފުރަތަމަ ނިންމާފައި އޮތީ ވަޅު އީދު ދުވަހު އެވެ. އެހެންނަމަވެސް މާލެ ތެރޭ ހިނގައިދިޔަ މާރާމާރީތަކާއެކު ފުލުހުންގެ އެދުމުގެ މަތިން ބައިބަލާ މުބާރާތް ފަސްކޮށް ފަށާފައިވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ރޭ އެވެ.

މުބާރާތުގެ ފުރަތަމަ ބުރު، ގަދަ 16 އާއި ކުއާޓާ ފައިނަލުގެ މެޗުތައް ނިމި ސެމީ ފައިނަލްގައި ވާދަކުރާ ޓީމްތައް މިހާރު ވަނީ ކަށަވަރުވެފަ އެވެ. އެ ގޮތުން ގިނަ ބަޔަކު ސިއްސުވާލުމަށް ފަހު މި ފަހަރު ސެމީ ފައިނަލުން މުޅިން އަލަށް ޖާގަ ހޯދި އެއް ޓީމަކީ ކުލަބު 010 އެވެ. ކުލަބު 010 ގެ އިތުރުން ދެން ޖާގަ ހޯދި އަނެއް ތިން ޓީމަކީ ޓީސީ ސްޕޯޓްސް ކުލަބު، ކުލަބު އީގަލްސް އަދި ކުލަބު ޓީނޭޖް އެވެ.

ކުލަބު 010 ސެމީ ފައިނަލުން ޖާގަ ހޯދީ މުބާރާތުގެ ފޭވަރިޓުން ކަމަށްވާ، ބައިބަލާ ރަސްގެފާނު، ބީޖީ ސްޕޯޓްސް ކުލަބު ބަލިކޮށްގެންނެވެ. ބައިބަލާ މުބާރާތުގެ ޗެމްޕިއަަންކަން 10 ފަހަރު ހޯދި ބީޖީ އަތުން ކުލަބު 010 މޮޅުވީ ގަދަ ހިފުމަށް ގޮސް ގަދަ ހިފުން 2-1 އިންނެވެ.

މުބާރާތުގެ ގަދަ 16ގައި ކްލަބް 010 ވަނީ މަސްއޮޑީ ވޯވޯ ސީދާ ދެ ގޭމުން ބަލިކޮށްފަ އެވެ. އަދި އޭގެ ކުރިން ކުޅުނު ފުރަތަމަ ބުރުގެ މެޗު އެޓީމުން ކާމިޔާބުކުރީ ލޮރެންޒޯ ޕާކާއި ވާދަކޮށެވެ.

ކުލަބު 010 އާއި ދެކޮޅަށް ސެމީ ފައިނަލުގައި ނުކުންނާނީ ޓީސީ ސްޕޯޓްސް ކުލަބެވެ. ޓީސީ ސެމީ ފައިނަލަށް ދަތުރުކުރީ ބީޖީ ޖޫނިއާސް ކުއާޓާ ފައިނަލުގައި ބަލިކޮށްގެންނެވެ. ގަދަ 16 ގައި އެ ޓީމުން ކުރި ހޯދީ ހުޅުމާލެ ސްޕޯޓްސް ކުލަބުގެ މައްޗަށެވެ.

ކުލަބު އީގަލްސް ސެމީ ފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި އެލްޓީ ސްޕޯޓްސް ކުލަބު ސީދާ ދެ ގޭމުން ބަލިކޮށްގެންނެވެ. ގަދަ 16 ގައި ޓީސީ ކުރި ހޯދީ ގަދަ ހިފުމަކަށް ގޮސް ލޮރެންޒޯ ސްޕޯޓްސް ކުލަބުގެ މައްޗަށެވެ. ފުރަތަމަ ބުރުގައި އެ ޓީމު މޮޅުވީ ރޮކްޒީ އަތުންނެވެ.

ކްލަބް ޓީނޭޖް ސެމީ ފައިނަލަށް ދަތުރުކުރީ، ޔުނައިޓެޑް އީސްޓް ކޯސްޓާ ދެކޮޅަށް ކުޅުނު މެޗު ދެ ގޭމުން ކާމިޔާބުކޮށްގެންނެވެ. ޓީނޭޖުން ކުއާޓާ އަށް އައީ ވަރުގަދަ ބުރު ސްޕޯޓްސް ކުލަބް ބަލިކޮށްފަ އެވެ. ފުރަތަމަ ބުރުގައި އެ ޓީމުން ވަނީ ކުލަބު ވޯންޓެޑް ބަލިކޮށްފަ އެވެ.

ދޮންގަނޑު ބީޗްކޯޓުގައި ކުރިއަށްދާ ބައިބަލާ މުބާރާތުގައި މިރޭ ޓީނޭޖް އާއި އީގަލްސް ކުޅޭ ސެމީ ފައިނަލްގެ ފުރަތަމަ މެޗު ފަށާނީ 20:30 ގަ އެވެ. އަދި ދެ ވަނަ ސެމީ ފައިނަލްގައި ޓީސީ އާއި ކްލަބް 010 ކުޅޭ މެޗު އޮންނާނީ 21:00 ގަ އެވެ. ދެ ސެމީން މޮޅުވާ ޓީމުތަކުގެ މެދުގައި ފައިނަލް މެޗު ކުޅޭނީ މިރޭ 23:00 ގަ އެވެ.

ބައިބަލާ މުބާރާތުގެ ޗެމްޕިއަން ޓީމަށް 100,000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާއިރު، ރަނަރަޕް ޓީމަށް 40,000 ރުފިޔާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން މިސްޓާ ބައިބަލާ އާއި ފެއާޕްލޭ ޓީމަށް ފައިސާގެ އިނާމާއި އެވޯޑް ދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ.