Advertisement

ރަށު ނޯޓު: ދޮންހިޔަލަ އާއި އަލިފުޅު ވާހަކަ؛ ހުޅުދެލީގެ މާޒީ އަދި ކުރިމަގު!

14 މޭ 2022 - 07:23 6

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ހުޅުދެލި: މި ރަށާ ގުޅިފައިވާ ތާރީހީ މުހިންމު އެތައް ހާދިސާތަކެއް އެބަ ހުރި. -- ފޮޓޯ: އެފްބީ/ހުޅުދެލިއިން


ރަށު ނޯޓު: ދޮންހިޔަލަ އާއި އަލިފުޅު ވާހަކަ؛ ހުޅުދެލީގެ މާޒީ އަދި ކުރިމަގު!

14 މޭ 2022 - 07:23 6

މުހައްމަދު އިބްރާހީމް ލުތުފީ ވިދާޅުވާ ގޮތުން ހުޅުދެލީގައި މީހުން ދިރިއުޅެން ފަށައިގަތްދުވަސްވަރު އެރަށުގެ ނަމަކީ ސަލަޒަ އައިލޭންޑް އެވެ. އެ ނަން ކިޔައި އުޅުނީ އެއީ ބުދު ދީނުގެ މައި މަރުކަޒަކަށްވާތީ އެވެ. ފަހުން މި ނަން ބަދަލުވީ 'ސުޅުދަލި' އަށެވެ. ހުޅުދެލި ކިޔުނު ކަމަށްވަނީ އޭގެ މާ ފަހުންނެވެ. މިއީ ރާއްޖޭގައި އެންމެ ހުނަރުވެރި ތިލޭރުން ތިބި ރަށެވެ. ގަހަނާ ހެދުމަށް ބޭނުންވާ މައުދަންތައް ވިރުވަނީ ދެލި ބޭނުންކޮށްގެންނެވެ. ދެލިތައް ކިލަނބުގެ ތެރެއަށް އަޅާލައި ގިރުބާއިން ފުމެލުމުން ހުޅުހިފާފައިވާ ދެއްޔަކީ މިރަށުން އެންމެ ފުރަތަމަ ފެންނާނޭ މަންޒަރެވެ. މިރަށަށް ހުޅުދެލި ކިޔަނީ އެހެންވެގެން ކަމަށް ބުނެވެ އެވެ. ދެލި ގެންނަނީ ކައިރީގައި އޮތް ރަށުންނެވެ. އެރަށު މީހުންގެ ވިޔަފާރިއަކީ ހުޅުދެލީ މީހުންނަށް ދެލި ވިއްކުމެވެ. އެރަށަށް 'މާދެލި' ކިޔަނީ އެހެންވެގެން ކަމަށް ބުނެވެ އެވެ.

ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީގެ ބޮޑުމިނަކީ 18.8 ހެކްޓަރެވެ. ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ އެމް4 އެވެ.

ފެބުރުއަރީ 2022 ގެ ނިޔަލަށް ބަލާއިރު މިރަށުގެ އާބާދީއަކީ 482 އަންހެނުންނާއި 481 ފިރިހެނުންނާއެކު ޖުމްލަ 963 މީހުންނެވެ. މީގެ ތެރެއިން 700 އެއްހައި މީހުން ހުޅުދެލީގައި ދިރިއުޅެ އެވެ. އެހެންވީމާ ރަށުގެ އާބާދީގެ ބޮޑު އިންސައްތައެއް ދިރިއުޅެނީ ރަށުގަ އެވެ.

ހުޅުދެލީގައި ޓޫރިޒަމްގެ ވިޔަފާރި އަންނަނީ ދިރެމުން، މިހާރު ދެ ގެސްޓް ހައުސް އެބަހުރި. -- ފޮޓޯ: އެފްބީ/ހުޅުދެލިއިން


މިރަށު މީހުންނަކީ ރަންރިހިންނާއި އެންދެރިން ގަހަނާ ހެދުމަށް މަޝްހޫރު ބައެކެވެ. ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް އެމަސައްކަތް ކުރުމަށް ދަތުރުކޮށް އުޅުނެވެ. ކުދި ބައްތެލިތަކުގައި ރަށްރަށަށް ގޮސް ބަނޑަހަ ޖަހައިގެން ތިބެ، މިމަސައްކަތް ކޮށްގެން ރަނގަޅު އާމްދަނީއެއް ހޯދާފައި ވެ އެވެ. އެހެންނަމަވެސް މިހާރު ރަންރިހީގެ މަސައްކަތް އޮތީ 'ކޮންމެވެސް ވަރަކަށް ކޮށްއުޅޭ' މަސައްކަތެއްގެ ގޮތުގަ އެވެ.

ރަށުގެ އާމްދަނީގެ މައިގަނޑު ބިނާވެފައި އޮތީ މަސްވެރިކަމުގެ މައްޗަށެވެ. ކަންނެއްޔާއި ހުއިފިލަނޑާގެ މަސްވެރިކަން ވެސް މިރަށުގައި ފުޅާ ދާއިރާއެއްގައި ކޮށްއުޅެ އެވެ. ރަށުގެ ގިނަ ޒުވާނުން ވަޒީފާ އަދާކުރަނީ ރިސޯޓުތަކުގަ އެވެ. ރަށުގައި ހުރި ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ އެކި އިދާރާތަކުގެ ވަޒީފާއަކީވެސް ރަށަށް އާމްދަނީ ވަންނަ އެއް މަގެވެ.

އާންމު ވިޔަފާރިކުރާ ފަސް ފިހާރައެއް މިރަށުގައި ހިންގަ އެވެ. ތިން ކެފޭއެއް ހިންގާއިރު މިވަގުތު ހުރީ ދެ ގެސްޓްހައުސް އެވެ. އިގްތިސާދީ މަސައްކަތްތައް ކުރިއެރުވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ބިމުގެ ދަތިކަމެވެ.

ހުޅުދެއްޔަށް ދިމާވެފައި ހުރި މައްސަލަތައްވެސް ގިނަ އެވެ. ރަށުގެ ދެކުނު ފަރާތް ގިރަމުންދަނީ ހިފެހެއްޓުމެއް ނެތި އެވެ. ރަށުގެ ފެން ލޮނުވުމުގެ ސަބަބުން ކެއްކުމާއި ސާފުތާހިރުވުން ފަދަ ބޭނުންތަކަށް އެ ފެން ބޭނުމެއް ނުކުރެވެ އެވެ. ރަށުގައި އިޖުތިމާއީ ކުޅިވަރުތަކަށް މާގިނަ ވަސީލަތްތަކެއް ގާއިމުކުރެވިފައެއް ނުވެ އެވެ.

މިރަށުގެ ބަނދަރު ބޮޑުކޮށް، ތަރައްގީކުރުމުގެ މަޝްރޫއު އެ ދަނީ ހިނގަމުންނެވެ. ވާރޭ ފެން ރައްކާކުރެވޭނޭ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް އެބަ ދެ އެވެ. އެ ނޫން ބޭނުންތަކަށްޓަކައި ބޭނުންކުރާނޭ ފެން އުފެއްދުމަށް ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ވެސް އެބަ ހިނގަ އެވެ. ފުޓްސަލްދަނޑު އެޅުމުގެ މަސައްކަތް އޮތީ ޕްރީ ޓެންޑަރިން މަރުހަލާގަ އެވެ.

ހުޅުދެއްޔާ ގުޅިފައިވާ ތާރީހީ މުހިންމު އެތައް ހާދިސާތަކެއް އެބަހުއްޓެވެ. މާލޭގެ ހުކުރު މިސްކިތް ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ ހަރަދުގެ ޒިންމާ އުފުލި އެއް ރަށަކީ ހުޅުދެއްޔެވެ. ރަސްކަމުގެ ތާރީހު ކިޔާއިރު ވެސް ހުޅުދެލީގެ ވާހަކަ އެއްފަރާތް ކޮށްލެވޭކަށް ނެތެވެ. ދޮންބުޅާ ފާށަނާ އަވަހާރަކޮށްލީ އޭނާގެ ދައްތާފުޅު، ބުރެކިރަނިން ގާފަރު ކަޅުއުނބުށޭމު މެދުވެރިކޮށް ހުޅުދެލީ ދޮންޔޫސުބު ކިޔާ މީހަކު ލައްވައި ކަމަށް 'ދިވެހިތާރީހަށް އައުއަލިކަމެއް' ގައި އޮވެ އެވެ.

މިރަށުގައި "ހާޖީ ބަންޑާރައިންގެ ޒިޔާރަތް" ކަމަށް ބުނެވޭ، މަޝްހޫރު ޒިޔާރަތެއް ހުރެ އެވެ. މި ޒިޔާރަތް ބަލަހައްޓައި، މިރަށުގައި ކޮންމެ އަހަރަކުވެސް ޒިޔާރަތްފުޅު މާލޫދު ކިއުންވެސް އޮވެ އެވެ. މާލޫދު ކިޔައި އުޅެނީ ރަބީއުލްއައްވަލް މަހުގެ ހަ ވަނަ ދުވަހުގެ ރޭގަ އެވެ. "ހާޖީ ބަންޑާރައިންގެ ޒިޔާރަތް" ކަމަށް ބުނެވޭ ޒިޔާރަތެކޭ މި ދެންނެވީ އެފަދަ 70 އެއްހައި މަގާމުފުޅާއި އެތައް ޒިޔާރަތެއް ރާއްޖޭގެ އެތައް ރަށެއްގައި ހުރީތީ އެވެ. ހާޖީ ބަންޑާރައިން ނުވަތަ ސުލްތާން މުހައްމަދު އިޔާޒުއްދީނު ރަސްކަމުގެ 7 ވަނަ އަހަރުގައި ހައްޖުވުމަށް މައްކާއަށް ވަޑައިގެންނެވުމަށްފަހު އެނބުރިވަޑައިގެންނެވިއިރު ރަސްކަމުގައި ހުންނެވީ ސުލްތާން މުހައްމަދު މުއިއްޒުއްދީނު އެވެ. ވީއެއްޗެއް ވެގެން ވެރިކަން އޮތީ ބަދަލުވެފަ އެވެ. ރަސްކަން ބަދަލުވުމާގުޅިގެން ހާޖީ ބަންޑާރައިން ބަންދުކޮށް ބަހައްޓާނޭ ހުރަގެތަކެއް ހެދުމަށް މުޅި ރާއްޖޭގެ ކަންކޮޅުތަކަށް މާލެއިން އެންގެވިކަމަށް ބުނެވެ އެވެ. އެއީ އެ ރަދުންނާ މީސްތަކުން ގަބޫލުކަމާއި، އަދި އެރަދުންގެ މަތިމަތިކޮޅުން ރަސްކަންކުރެއްވި ދިޔަމިގިލީ ވަންހައިގެ ހެވަތާއި ފަސޭހަތައް ލިބިފައިވާ މީހުން ރާއްޖޭގައި ގިނަކަމުން އެރަދުން ހައްޔަރުކުޅަ ވަކިތަނެއް ކަނޑައެޅިގެން ނުއެންގެވުމަށްޓަކައި ކަމަށް ދިވެހިންގެ ތަރިކަ 6 ގައި ލިޔެފައި ވެ އެވެ. ފަހުން އެ ހުރިހާ ތަނެއް ބަދަލުވީ ހާޖީ ބަންޑާރައިންގެ މަގާމުފުޅަށެވެ.

'ބުރުނީ ކަމަނާގެ ރައިވަރު' ގެ ޖާދޫ ހިނގައިގަތީ އެ ރައިވަރު އަސްލަކަށް ބަލައިގެން ހެންވޭރު އާމުލީގޭ އަބްދުﷲ ސޯދިގު (ސޯދުބެ) ލިޔުއްވާފައިވާ 'ހުޅުދެލީ އަލީފުޅާއި ދޮންހިޔަލަ' ވާހަކައާ ހިސާބުންނެވެ. އެ ރައިވަރު އަދި ވާހަކަ ބިނާވެފައި އޮތީ ހަގީގީ ހާދިސާތަކެއްގެ މައްޗަށެވެ. ދޮންހިޔަލަ ބަލާ ދިޔުމަށް އޮޑި ބަނީ ބަހުރަށް ކިޔަވައި، ކަނޑުރަސްގެފާނު ގެންނަވައި، އެ ރަސްގެފާނު އަތްޕުޅުން ހޯއްދެވި އެންދެރިން ކަމާއި، 'މޮޅު މީހަކު އެނގޭނީ ފޮތާއި ފޮތް އެޅީމާ' ކަމަށް ބުނެ ކަތީބުގެ ހައްވާފުޅު އަލީފުޅާކުރި ފަންޑިތައިގެ ހަނގުރާމައިގެ ވާހަކަތަކަކީ އަސްލަކަށް ވެދާނޭކަމަށް ނުބަލަމެވެ. އެހެންނަމަވެސް ވާހަކަ ބިނާވަނީ ހަގީގަތްތަކެއްގެ މައްޗަށްކަން ސާބިތުވަނީ އެ ވާހަކައިގައި ބުނެފައި ހުރި މަކާނުތަކާއި ރަމްޒުތައް ހުރިކަމުގެ ހެކި ހުޅުދެލިންނާއި އެހެން ރަށްރަށުންވެސް ފެންނަން ހުރީމަ އެވެ.

ހުޅުދެލީ ބަނދަރުގައި މަސް ދޯނިތައް އަޅާފައި. މި ރަށުގެ މައިގަނޑު އިގުތިސޯދީ އެއް ހަރަކާތަކީ މަސްވެރިކަން. -- ފޮޓޯ: އެފްބީ/ހުޅުދެލިއިން


ކަތީބުގޭ ހައްވާފުޅާއި އަލީފުޅު ކުރި ފަންޑިތައިގެ ހަނގުރާމައިގައި ހައްވާފުޅު މަރުވުމުން ވަޅުލީ ރަންބިންމަގު ހުކުރުމިސްކިތުގަ އެވެ. އެ ބުނާ މިސްކިތެއްގެ ތަރާގަނޑު ހުޅުދެލިން ފެންނަން އެބަހުއްޓެވެ. ރަންބިންމަގު ވެސް އެބައޮތެވެ. އޮޑި ބަންނަން އެންދެރި ގަސް ދެއްވާނޭކަމަށް ކަނޑުރަސްގެފާނު ވިދާޅުވުމަށްފަހު ހުޅުދެއްޔަށް ލެއްގުވި އެންދެރިގަސް ދެމިގެން އައި މަގު ދެ ކޯރެއްގެ ގޮތުގައި ފެންނަން އޮވެ އެވެ. މިއީ އެހެން ހާދިސާއަކާ ގުޅުންހުރި ކަމަކަށްވުން ވެސް އެކަށީގެން ވެ އެވެ. އެންދެރި އޮޑި ބަންތަނާއި ދެލިއުނބަށް ފެންޖަހަން ކޮނުނު ވަޅުކަމަށް ބުނާ ތަންވެސް އެބަހުއްޓެވެ. އެހެން ނަމަވެސް އެހާ ބޮޑު އަޅާލުމަކާއި ފަރުވާލެއް މިއިން ތަނަކާމެދު ބަހައްޓާތަނެއް ނުފެނެ އެވެ.

ހުޅުދެލިން ފެންނަންހުރި ރަމްޒުތަކާއި 'ބުރުނީ ކަމަނާގެ ރައިވަރު' ގުޅުވާލުމުން އެއީ މިލިއަން ޑޮލަރުގެ ވާހަކަ އެކެވެ. ވާހަކައިގެ ބަތަލަކީ ހުޅުދެލީ އަލީފުޅެވެ. އެ ލޯބީގެ ރަމްޒުތަކާއި އެ ނިޝާންތައް ދެކިލަން ދުނިޔެ ޝައުގުވެރި ނުވާނޭ ގޮތެއް ނޯންނާނެ އެވެ. ވިސްނައި ފިކުރުކޮށްފިނަމަ ބުރުނީ ކަމަނާގެ ރައިވަރަކީ ފުލޯކު ވާހަކައެއް ނޫނެވެ. އެ ވާހަކަ ދިރުވައި، މި ޖީލާ ހަމައަށް ގެނެސްދިނުމުގެ ބުރަ މަސައްކަތްކުރެއްވި ސޯދުބެއަށް ޝުކުރާއި ތައުރީފު ހައްގެވެ. އެއީ ފުލޯކު ވާހަކައެއް ކަމަށް ބުނެ ނިންމާލާނީތޯ ނުވަތަ އެ ވާހަކައަކީ ރާއްޖެއަށް އާމްދަނީ ލިބޭނޭ މަގަކަށް ހަދާނީތޯ ނިންމުމުގެ ބާރު އޮތީ އަޅުގަނޑުމެންގެ އަތްމަތީގަ އެވެ. އެއީ ހުޅުދެލީގެ މުސްތަގުބަލުގެ އިތުރުން، އަންނާން އޮތް ޖީލަށްޓަކައި ކުރަންޖެހޭ ކަމެކެވެ.

އާންމު މައުލޫމާތު


ރަށުގެ ނަން: ހުޅުދެލި އަތޮޅު: ނިލަންދެއަތޮޅު ދެކުނުބުރި (ދ. އަތޮޅު) އިނގިރޭސި އަކުރާއި ނަންބަރު: އެމް-4 އާބާދީ: 963 ފިހާރަ: 5 ކެފޭ، ރެސްޓޯރެންޓް: 3 ގެސްޓް ހައުސް: 2 އެންމެ ކައިރީގައި އޮތް އެއާޕޯޓް: ދާލު އެއާޕޯޓު (ކުޑަހުވަދޫ) ކުރިއަށްދާ މަޝްރޫއުތައް: 1. ބަނދަރު ބޮޑުކުރުން 2. ވާރޭ ފެން ރައްކާކުރެވޭނޭ ނިޒާމު ގާއިމުކުރުން 3. ފެން އުފެއްދުމަށް ޕްލާންޓް ބެހެެއްޓުން 4. ފުޓްސަލްދަނޑު އެޅުމުގެ މަސައްކަތް ޕްރީ ޓެންޑަރިން މަރުހަލާގައި