Advertisement

ނޫސްވެރިޔާގެ ޖަނާޒާގައި ބައިވެރިވި މީހުންނަށް އިޒްރޭލް ފުލުހުން ހަމަލާ ދީފި

ސަންދޯއް ހިފައިގެން ތިބި މީހުން ކައިރިއަށް ގޮސް، އިޒްރޭލް ފުލުހުން ހަމަލާ ދެނީ. -- ފޮޓޯ: ބީބީސީ


ނޫސްވެރިޔާގެ ޖަނާޒާގައި ބައިވެރިވި މީހުންނަށް އިޒްރޭލް ފުލުހުން ހަމަލާ ދީފި

މިދިޔަ ބުދަ ދުވަހު އިޒްރޭލް ސިފައިން ގަސްތުގައި ހަމަލާ ދީ މަރާލި އަލް ޖަޒީރާގެ ނޫސްވެރިޔާ ޝީރީން އަބޫ އަކްލެހްގެ ޖަނާޒާގައި ބައިވެރިވި މީހުންނަށް އިޒްރޭލް ފުލުހުން ހަމަލާ ދީ، ހުރަސް އަޅައިފި އެވެ.

މުގުރު ބުރި ހިފައިގެން ޖަނާޒާގެ ބައިވެރިންގެ ތެރެއަށް ވަން އިޒްރޭލް ފުލުހުންގެ ހަމަލާތަކުގެ ސަބަބުން ޝީރީންގެ ގަބުރު އޮތް ސަންދޯއް ބިންމައްޗަށް ނުވެއްޓުނީ ކިރިޔާ އެވެ.

އިޒްރޭލް ފުލުހުން ބުނީ އެގޮތަށް އަމަލު ކުރީ އެ މީހުންނަށް އަމާޒުކޮށް ހިލަ އުކުމުން ކަމަށެވެ.

އުމުރުން 51 އަހަރުގެ ޝީރީންގެ ގަޔަށް ބަޑި ޖަހައި މަރާލީ ހުޅަނގު އައްސޭރީގައި އިޒްރޭލް ސިފައިން ހިންގަމުން ދިޔަ އޮޕަރޭޝަނެއް ރިޕޯޓު ކުރަމުން ދަނިކޮށެވެ.

ޝީރީން މަރާލީ އިޒްރޭލު ސިފައިންގެ މީހަކު ކަމަށް އަލް ޖަޒީރާ އާއި ފަލަސްތީން ސަރުކާރުން، ވީޑިއޯ ހެކީގެ މައްޗަށް ބިނާކޮށް ބުނެ އެވެ. އެކަމަކު އިޒްރޭލުން ބުނީ ތަހުގީގެއް ކުރުމަކާ ނުލައި ވީ ގޮތް ނޭނގޭނެ ކަމަށެވެ.

އިޒްރޭލް ސިފައިން ބުރާސްފަތި ދުވަހު ނެރުނު ރިޕޯޓެއްގައި ބުނީ ޝީރީންގެ ކަންފަތް ކައިރިން މޫނު މައްޗަށް ވަޒަން އެރީ ފަލަސްތީނުގެ ހަތިޔާރު އެޅި ބަޔެއްގެ ފަރާތުން ކަމަށް ވުން އެކަށީގެންވާ ކަމަށެވެ.

ޝީރީންއަކީ ފަލަސްތީނާއި އެމެރިކާއަށް ނިސްބަތްވާ މީހެކެވެ. އޭނާ މަސައްކަތް ކުރީ އަލް ޖަޒީރާގެ އަރަބި ޗެނަލަށެވެ. އޭނާ ވަނީ 20 އަހަރުގެ މުއްދަތަކަށް ފަލަސްތީނުގެ ހަބަރުތައް ރިޕޯޓުކޮށްފަ އެވެ.

ޝީރީންގެ ސަންދޯކުގައި ފަލަސްތީނުގެ ދިދަ ބާއްވާފައި އޮތް އިރު، ރައީސް މަހްމޫދު އައްބާސް ވިދާޅުވީ އޭނާއަކީ "ބަހުގެ މިނިވަންކަމުގެ ޝަހީދެއް" ކަމަށެވެ.

މަރުގެ ފުރިހަމަ ޒިންމާ އިޒްރޭލުން އުފުލަން ޖެހޭނެ ކަމަށާއި މައްސަލަ ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް މަހްމޫދް އައްބާސް ވިދާޅުވި އެވެ.