Advertisement

މުޖުތަމައުއަށް ނުރައްކަލަކަށް ވެދާނެތީ ރޫމީގެ ބަންދަށް 3 ދުވަސް ޖަހައިފި

ރޫމާ އަދި އޭނާގެ ފިރިމީހާ ނަސީމް: އުމުރުން 45 އަހަރުގެ ރޫމީ ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި. ފޮޓޯ: ސޯޝަލް މީޑިއާ


މުޖުތަމައުއަށް ނުރައްކަލަކަށް ވެދާނެތީ ރޫމީގެ ބަންދަށް 3 ދުވަސް ޖަހައިފި

ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލަކަށް ވެދާނެތީ، މަސްތުވާތަކެތީގެ މައްސަލައެއްގައި ބުދަ ދުވަހު ހައްޔަރުކުރި ޓިކްޓޮކް ތަރި ފާތިމަތު ރޫމާ (ރޫމީ) އަދި އޭނާގެ ފިރިމީހާ މުހައްމަދު ނަސީމް، ތިން ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފި އެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ރޫމާ އަދި ނަސީމް ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހުގެ މެންދުރުގެ ވަގުތެއްގަ އެވެ. އެ މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އެ ދެމީހުން ވެސް ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުއަށް ނުރައްކަލަކަށް ވެދާނެތީ ތިން ދުވަހަށް އެ ދެ މީހުން ބަންދުކުރަން އަމުރުކޮށްފަ އެވެ.

ޓިކްޓޮކްގައި މަޝްހޫރުކަން ހޯދި އުމުރުން 45 އަހަރުގެ ރޫމާއާއި އޭނާގެ ފިރިމީހާގެ މައްސަލައިގައި އެމީހުން ވަނީ ދިފާއުގައި ފުލުހުން ބަލައިފާސްކުރަން އަމުރު ހޯދި ރޫމާގެ ގެ، ހ. ބްލޫބާޑް ނޫން އެހެން ގެޔެއް ބަލައިފާސްކޮށްފައިވާ ކަމަށް ބުނެ، އެކަން ފާހަގަކޮށްފަ އެވެ.

އަދި އެމީހުންގެ އަތުން އެއްވެސް މަސްތުވާއެއްޗެއް ނުފެންނައިރު، އެހެން ގެޔެއްގެ ފުރާޅުމަތިން މަސްތުވާތަކެތި ހިމެނޭ ކޮތަޅެއް ފުލުހުން ހޯދިކަމަށް ކޯޓު އަމުރުގެ ކަރުދާސްތަކުގައި ބަޔާންކުރެ އެވެ.

ކޯޓު އަމުރުގައި، އެ ކޮތަޅު އުކާލިތަން އެއްވެސް މީހަކަށް ފެނިފައިނުވާ ކަމަށް ވެސް އެ ކަރުދާސްތަކުގައި ބުނެ އެވެ. ނަމަވެސް އެ ކޮތަޅަކީ ނަސީމްގެ ކޮތަޅެއް ކަމަށާއި ކޮތަޅު އުކާލީ އޭނާކަމަށް ރޫމާ އަމިއްލައަށް ފުލުހުން ގާތުގައި ބުނިކަމަށް ފުލުހުންގެ ބަޔާނުން އެނގެން އޮތް ކަމަށް ކޯޓު އަމުރުގައި ބުނެ އެވެ.

ރޫމާ އަދި އޭނާގެ ފިރިމިހާގެ މައްޗަށް ފުލުހުން ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތެވެ.