Advertisement

ކާނިގެ ދެ ހޮޓަލަކަށް ޓްރިޕްއެޑްވައިޒާސް ޓްރެވެލާޒް ޗޮއިސް އެވޯޑު

ކާނި ގްރޭންޑް ސީވިއު: އެ ހޮޓަލަށް ވަނީ ޓްރިޕްއެޑްވައިޒާގެ އެވޯޑެއް ލިބިފަ.


ކާނިގެ ދެ ހޮޓަލަކަށް ޓްރިޕްއެޑްވައިޒާސް ޓްރެވެލާޒް ޗޮއިސް އެވޯޑު

ޓްރިޕްއެޑްވައިޒާގެ މިއަހަރުގެ ޓްރެވެލާޒް ޗޮއިސް އެވޯޑު މާފުށީގައި ހިންގާ ކާނި ހޮޓެލްސްގެ ދެ ހޮޓަލަކަށް ލިބިއްޖެ އެވެ.

ދުނިޔޭގެ އެންމެ މަޝްހޫރުއެއް އޮންލައިން ޓްރެވެލް ކުންފުނި ޓްރިޕްއެޑްވައިޒާ އިން ދޭ މި ވޯޑަކީ ދަތުރުވެރިންނާއި ފަތުރުވެރިން ޒިޔާރަތްކުރާ ތަންތަނުގެ ތެރެއިން އެންމެ ގިނައިން ދިގު މުއްދަތަކަށް ރަނގަޅު ރިވިއު ލިބޭ ތަންތަނުގެ ތެރެއިން އެންމެ މަތިން ރޭންކު ލިބޭ 10 ޕަސަންޓު ތަންތަނަށް ދޭ އެވޯޑެކެވެ.

ޓްރިޕްއެޑްވައިޒާއިން މިއަހަރު ނެރުނު އެ ލިސްޓުގައި މާފުށީގައި ހިންގާ ކާނި ހޮޓެލްސްގެ ކާނި ޕާމް ބީޗް އަދި ކާނި ގްރޭންޑް ސީވިއުއަށް ވަނީ އެވޯޑު ލިބިފަ އެވެ.

ޓްރެވެލާޒް ޗޮއިސް އެވޯޑު ލިބުނު ކާނި ޕާމް ބީޗަކީ ޖުމްލަ 211 ރިވިއު ޓްރިޕްއެޑްވައިޒާގައި ލިބިފައިވާ ތަނެކެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށް ލެވެނީ ހޮޓަލުގެ ލޮކޭޝަނާއި ސާފުތާހިރުކަމަށް ލިބިފައިވާ ރިވިއު ތަކެވެ. ހިދުމަތާއި އަގުގެ ގޮތުން ވެސް އެ ހޮޓަލަށް ލިބިފައިވަނީ ރަނގަޅު ރިވިއުތަކެކެވެ.

އެ ހޮޓަލުގެ ކޮޓަރިއެއްގެ އަގު އުޅެނީ އާންމުކޮށް ރެޔަކަށް 1،200ރ. ގެ އަގެއްގަ އެވެ.

ކާނި ގްރޭންޑް ސީވިއުއަށް ޖުމްލަ 407 ރިވިއު ޓްރިޕްއެޑްވައިޒާގައި ލިބިފައިވާއިރު، އެ ރިވިއުތަކުން އެންމެ ފާހަގަކޮށްލެވެނީ އެ ހޮޓަލުން ލިބެން ހުންނަ ހިދުމަތާއި ތަފާތު ބާވަތްތަކުގެ ކޮޓަރި އަދި ހުންނަ ސަރަހައްދާއި ސާފުތާރިހުކަމާއި ރާއްޖޭގެ ރީތި މަންޒަރުތަކުގެ ވާހަކަތެކެވެ.

އެ ހޮޓަލުގެ ކޮޓަރިއެއްގެ އަގަކީ ރެޔަކަށް 1،400ރ. އެވެ.

ރާއްޖޭގެ އެންމެ ވަރުގަދަ އެއް ހޮޓެލް ބްރޭންޑްކަމުގައިވާ ކާނި ހޮޓެލްސްގެ ޖުމްލަ ތިން ހޮޓަލެއް ހުރެ އެވެ. އެއީ މާފުށީގައި ހިންގާ ދެ ހޮޓެލްގެ އިތުރަށް، މާލޭގައި ހިންގާ ކާނި ލޮޖެއެވެ.

ޓްރިޕްއެޑްވައިޒާއަކީ ކޮން ބައެއް؟

ޓްރިޕްއެޑްވައިޒާ އަކީ އެމެރިކާގެ އޮންލައިން ޓްރެވެލް ކުންފުންޏެކެވެ. އެ ކުންފުނީގެ މައިގަނޑު ވެބްސައިޓް ޓްރިޕްއެޑްވައިޒާ އަކީ ދުނިޔޭގެ އެފަދަ އެންމެ ބޮޑު އެއް ބްރޭންޑެވެ.

ވިޔަފާރި، ދަތުރުފަތުރު އަދި ފަތުރުވެރިކަމާގުޅޭ އެ ވެބްސައިޓުގައި ފަތުރުވެރިންނާއި ދަތުރުވެރިންގެ ގާތްގަނޑަކަށް 859 މިލިއަން ރިވިއުސް ހުރެ އެވެ. އެ ވެބްސައިޓުގައި ގާތްގަނޑަކަށް 842،000 ހޮޓެލް، ގެސްޓްހައުސް އަދި ރިސޯޓު ރަޖިސްޓްރީ ކޮށްފައި ވާއިރު، 5.2 މިލިއަން ރެސްޓޯރެންޓު ރެޖިސްޓްރީކޮށްފައިވެ އެވެ.