13 މޭ 2022 - 09:50 0
ނަސްރުގެ 80 ވަނަ މެރަތަންގެ މެޑަލް ޑިފެންސް މިނިސްޓަރު މާރިޔާ އަށް ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
13 މޭ 2022 - 09:50 0
ރާއްޖޭގެ ދުވުންތެރިންގެ ތެރެއިން، އެންމެ ގިނަ މެރެތަން ދުވުމުގެ ރެކޯޑް އޮންނަ ދުވުންތެރިޔާ، ނަސްރުﷲ އަހުމަދު (ނަސްރު)، އޭނާގެ 80 ވަނަ މެރެތަންގެ މެޑެއްޔާއި ޓީޝާޓް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ހަދިޔާކޮށްފި އެވެ.
މިނިސްޓަރު، މާރިޔާ އަށް މެޑަލް ހަދިޔާ ކުރާނެ ކަމަށް މެރަތަން އަށް ދިއުމުގެ ކުރިން ވެސް ނަސްރު ވަނީ ބުނެފަ އެެވެ. އެއީ ވަނަ އެއް ލިބިއްޖެނަމަ އޭރު ގެންގުޅުނު ވިސްނުމެކެވެ. އެކަމަކު، މެރަތަން ފުރިހަމަ ކުރުމުން ލިބުނު މެޑަލަކީ ވެސް ހާއްސަ ރަމްޒެއް ކަމަށްވާތީ، ނަސްރު ނިންމީ އޭނާ ވަޒީފާ އަދާކުރާ މުއައްސަސާ އިން ދޭ ސަޕޯޓް ފާހަގަކޮށް އެ މެޑަލް ހަދިޔާ ކުރުމަށެވެ.
ނަސްރުގެ 80 ވަނަ މެރަތަންގެ މެޑެއްޔާއި ޓީޝާޓް ޑިފެންސް މިނިސްޓަރު މާރިޔާ އަށް ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
ނަސްރުގެ 80 ވަނަ މެރަތަން އަކީ މިދިޔަ މަހު އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދިޔަ ދުވުމެވެ. ނަސްރު ފުލް މެރަތަން ފުރިހަމަ ކުރީ ތިން ގަޑިއިރާއި 48 މިނިޓް 53 ސިކުންތުންނެވެ. ރޭހުގެ ބޮޑު އިންސައްތަ އެއް ދުވީ ރޯދަ އަށް ހުރެ ކަމަށްވާތީ، މިއީ ރޯދަ އަށް ހުރެ ދުވެގެން އަނެއްކާ ވެސް ނަސްރު ކުރި ތަފާތު ތަޖުރިބާ އެކެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސްޓާފް ސާޖެންޓުގެ މަގާމުގައި ހުރި، ނަސްރު ވަނީ މީގެ ކުރިން، އޭނާގެ 60 ވަނަ މެރެތަންގެ މެޑެއްޔާއި ޓީޝާޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހަދިޔާކޮށްފަ އެެވެ. އެއީ 2020 ވަަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ. ނަސްރުގެ 60 ވަނަ މެރަތަން އަކީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ވާޗުއަލްކޮށް ދުވި، ރަޝިއާގެ މޮސްކޯ ރަނިން މެރެތަން އެވެ.
ނަސްރު ދުވުމުގެ ތެރެއަށް ވަނީ 2000 ގެ ކުރީކޮޅުގަ އެވެ. ދުވުމުގެ ތެެރެއަށް ރަސްމީކޮށް ނުކުންނަން ނަސްރަށް ހިތްވަރު ލިބުނީ ސިފައިންގެ ޔުނިޓްތަކުގެ މެދުގައި އޮތް އެތުލެޓިކްސް މުބާރާތެއްގެ ތެރެއިން ކުރެވުނު ތަޖުރިބާ އަކުންނެވެ. ނަސްރު، މި ވަގުތު އަމާޒުހިފައިގެން ހުރީ މެރަތަން ދުވެގެން ސަރަަހައްދުގެ ނޫނީ ދުނިޔޭގެ ރެކޯޑަކާ ހަމައަށް ވާސިލްވުމެވެ
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment