Advertisement

ހިޖާމާ އަދި 'ބަސްބުނުމާއި އަމަލުކުރުމުގެ ކުރިން އިލްމު' ގެ ބާބު


ހިޖާމާ އަދި 'ބަސްބުނުމާއި އަމަލުކުރުމުގެ ކުރިން އިލްމު' ގެ ބާބު

އަށްޑިހައާއި ނުވަދިހައިގެ އަހަރުތަކުގައި ކުޑަކުދިން ކަމުގައިވި ބޭފުޅުން ހަނދުމަފުޅު ހުންނާނެ އެވެ. ކުޅެން އުޅެނިކޮށް ހަށިގަނޑުގެ ތަނެއް ކަނޑައިގެން ނުވަތަ މަށައިގެން ގޮސްފިނަމަ އެންމެ ފުރަތަމަ ފަރުވާއަކީ ރުކުބޭހެވެ. ފަންތޮށީގެ ދަށުގައި ހުންނަ ކުނޑިކޮޅު ކަހައި، ކަނޑައިގެންދިޔަތަނުގައި އަޅާލާއިރަށް ވަގުތުން ލޭ މަނާ ވާނެ އެވެ. ބޮޑުވަރު ވެފައި ހުރިނަމަ ރަތްބޭހެވެ. ހަމުގެ ބަލިނަމަ، ގޮބޮޅިއެއް ފެނުއަޅައި ކައްކައި އެ ފެން ބޯން ދިނުމުން ރަނގަޅުވާނެ އެވެ. ދުވަނި ފަދަ ހަމުގެ ބަލިބަލީގެ ފަރުވާއަކީ ހުވަނދުބޭސްލައިގެން މިރި ފުނޑައި ދުޅަ ހުރި ހިސާބުގައި ވެށުމެވެ. ހަސްފަތާލެއް ޑޮކްޓަރެއް ނެތް އެ ޒަމާނުގައި އަހަރުމެންގެ ކާބަފައިން އެމީހުންގެ ވަށައިގެންވާ މާހައުލުގައި ހުރި ވަސީލަތް ބޭނުންކޮށްގެން ހޯދި، އަދި ސަގާފީ ގޮތުން އަހަރުމެންނަށް ވާރުތަވެގެން އައި މި ފަރުވާތައް އަހަރުމެން ބަލައިގަތީ އަޖުމަ ބަލައި ތަޖުރިބާކޮށްގެންނެވެ. ތަޖުރިބާގެ އަލީގަ އެވެ.

އެކި ބަލިތަކުގައި ކަޅުދިރި، މާމުއި، ކަދުރުފަދަ ތަކެތި ބޭނުންކުރުމުގެ ތާރީހާއި އާދަ ގުޅިފައި އޮތީ ދިވެހިންގެ ހަރުދަނާ ދީނީ އަގީދާއާ އެވެ. ހޫނު ކަޅުސައިތައްޓަށް މާމުއި އަޅައިގެން ތިންއިރު ބޯލަނީ މާމުޔަކީ ޝިފާއެއްކަން ދީނީ ގޮތުން ސާބިތު ވާތީ އެވެ. ކަޅުދިރިއަކީ ވެސް ޑޮކްޓަރަކު ބޭސްސިޓީގައި ލިޔެދޭ އެއްޗެއް ނޫނެވެ. އެހެން ނަމަވެސް މަރުބަލި ނޫން އެހެން ހުރިހާ ބައްޔެއްގެ ޝިފާ ކަޅުދިރީގައިވާކަން އަހަރުމެން ގަބޫލުކުރަނީ އަހަރުމެންގެ މާތް ނަބިއްޔާ އެގޮތަށް ހަދީސް ކުރައްވާފައިވާތީ އެވެ. އެއީ އަހަރުމެންގެ އީމާނާ ގުޅިފައި ހުންނަ ކަންކަމެވެ. ދެންކުރީ ތަޖުރިބާ އެވެ. އެއާއެކު އެއީ ހައްގު ތެދުކަން ކަށަވަރުވީ އެވެ.

ނަބަވީ އިރުޝާދުތަކުގައި ބުނެދީފައި ހުރި ފަރުވާގެ ތެރެއިން ކަވާޖެހުން ނުވަތަ ހިޖާމާ ޖެހުމަކީ މިހާރު މަގުބޫލު ފަރުވާއެކެވެ. މިއީ އަހަރުމެންގެ މާތް ނަބިއްޔާގެ ޒަމާނުގައި މައްކާގައި ބޭސްވެރިކަމުގެ ތެރޭގައި ހިމެނުނު އާންމު ފަރުވާ އެކެވެ. ބޮލުގެފަހަތުން ދެކަންފަތް ކައިރިއާއި ބުރަކަށިބަދައިގެ އެންމެ މަތީގައި ނަބިއްޔާ ޞައްލަﷲ އަލައިހިވަސައްލަމަ ހިޖާމާޖެއްސެވި ކަމަށް އަނަސް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ވެ އެވެ. މިކަން އިބްނު އައްބާސްގެ ބަސްފުޅަކުންވެސް ސާބިތު ވެ އެވެ. އިލްމުވެރިންގެ މެދުގައި ހިލާފެއް އޮތީ މިއީ ސުންނަތެއްތޯ ނުވަތަ ނޫންތޯއާ މެދު އެކަންޏެވެ. ރަސޫލާ ހިޖާމާ ޖެއްސެވިކަމާއި އެހެންކަމުން އެއީ ހުއްދަކަމެއް ކަމަށް ހިލާފެއް ނެތި ހުރިހާ އިލްމުވެރިންވެސް އިއްތިފާގު ވެ އެވެ. އަދި ހިޖާމާ ޖެހުމުގައި އެތައް ފަރުވާއެއް ވާކަން މި ޒަމާނުގެ ހޯދުންތަކުން ސާބިތު ވެ އެވެ.

މިއީ ދަންނަވަން މިއުޅޭ ދެ ވާހަކައިގެ ތެރެއިން އެއް ވާހަކަ އެވެ. ވާހަކައިގެ އެއްބައެވެ. އަނެއް ބައިގައި ދަންނަވާލަން ބޭނުންވަނީ ހިޖާމާ ޖެހުމުގައިވެސް، އަދި އެނޫން ކަމެއްގައި ވިޔަސް، އަމިއްލަ ނަފްސު ގެއްލުމެއްގެ ތެރެއިން ހުށަހެޅުމަކީ ހުއްދަ ކަމެއް ނޫންކަމުގެ ވާހަކަ އެވެ. ހިޖާމާ ޖެހުމުގައި ހުއްދަ ކަމަކީ އެ ހިދުމަތް ލިބިގަތުމެވެ. ހިދުމަތް ދިނުން ހުއްދަވުމުގައި އޮތް ޝަރުތަކީ އެކަމުގެ އިލްމު ލިބިގެންވުމެވެ. މިކަމުގެ ދަލީލުތައް ވަރަށް ގިނަ އެވެ.

ޞަޙީހުލްބުޚާރީގެ އެއް ބާބު ހާއްސަވެފައި އޮތް މައުލޫއުއަކީ 'ބަސްބުނުމާއި އަމަލުކުރުމުގެ ކުރިން އިލްމު' މި މައުލޫއު އެވެ. މި ބާބުގައިވާ މަޝްހޫރު އެއް ހަދީސްގައި ވަނީ ޢަމްރު ބިން ޝުޢައިބު އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން ރިވާކުރެއްވި އެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސް ކުރެއްވި އެވެ. "އެމީހަކީ ބޭސްވެރިކަމުގެ އިލްމުހުރި މީހެއްގެ ގޮތުގައި ކުރިން އެނގިފައި ނެތް މީހަކު، ބޭސްވެރިކަން ކޮށްފިނަމަ އެމީހާ އެކުރާ ކަންތަކުގެ ޒިންމާ އެމީހާ ނަގަންޖެހޭނެ އެވެ."

ބޭސްވެރިކަމުގެ އިލްމުހުރި މީހެއްގެ ގޮތުގައި ކުރިން އެނގިފައިނުވާ މީހާ ކަމަށް އޮތް ބަސްފުޅުން މުރާދުވެވެނީ ބޭސްވެރިކަމުގެ އިލްމު ނެތް މީހުންކަމަށް ހަދީސް ޝަރަހަކުރެއްވި އިލްމުވެރިން ވިދާޅުވެފައި ވެ އެވެ.

މި ހަދީސް ބަސްފުޅުގެ ސާފު މުރާދުން ދަލީލު ލިބޭ އެންމެ ބޮޑު ކަމަކީ ބޭސްވެރިކަން ކުރަންވާނީ އެކަމުގެ އިލްމު ލިބިގެންވުމުގެ އިތުރުން އޭނާއަކީ އެ އިލްމު ހުރި މީހެއްގެ ގޮތުގައި އެހެން މީހުންނަށްވެސް އެނގިގެންވާ މީހެކެވެ. އާދޭހެވެ. ބޭސްވެރިކަމުގެ އިލްމު ހުރި މީހެއްކަން އެހެން މީހުންނަށް އެނގޭނެ އެންމެ މުއުތަބަރު ވަސީލަތަކީ މިޒަމާނުގައި ނަމަ އެކަމަށް ސަރުކާރުގެ ފަރާތުން ނަގަންޖެހޭ ހުއްދަތަކެވެ.

މިސާލަކަށް، ސައިކަލު ދުއްވަން އެނގޭ މީހެއްކަމުގައި ވީ ނަމަވެސް، އޭނާއަކީ ލައިސަންސް ނެތް މީހެއް ކަމުގައިވާނަމަ ގާނޫނުގެ ބޭނުމަށްޓަކައި އޭނާއަކީ ސައިކަލް ދުއްވަން ދަންނަ މީހެއްކަމަށް ނުބެލެވޭނެ އެވެ. އޭނާގެ ފުށުން މީހަކަށް ނުވަތަ އެއްޗަކަށް ގެއްލުމެއް ވެއްޖެނަމަ އޭނާއާ މެދުގައި އިންސާފުކުރާނީ އޭނާއަކީ ސައިކަލު ދުއްވަން ނުދަންނަ މީހެއްކަމުގައި ބަލައިގެންނެވެ.

ހަމަ އެގޮތަށް ބޭސް ފަރުވާކުރުމުގައި، އެ އިލްމުހުރި މީހެއްތޯ ކަނޑައަޅާނީ އެފަދަ ކަންކަން ބެލުމަށް އޮންނަ އިދާރާއަކުން އެކަން ދަލާލަތުކޮށްދީ ދޫކޮށްފައި އޮންނަ ހުއްދައިގެ މައްޗަށް ބަލައިގެންނެވެ. ހިޖާމާ ޖެހުމަކީ ރާއްޖޭގައި ގާއިމުވެފައިވާ އިދާރާތަކުން މަނާކޮށްފައި އޮންނަ ކަމެއް ނޫނެވެ. ހަމަ އެކަނި ޝަރުތުކޮށްފައި އޮތީ ހިޖާމާ ޖެހުމުގެ ހިދުމަތް ދޭ ފަރާތްތަކުން އެ ހިދުމަތެއް ރަޖިސްޓްރީކޮށްގެން ހިންގުމަށެވެ. އެކަމުގެ ސަބަބު ވެސް 2018 ވަނަ އަހަރު ހެލްތު މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައި ވެ އެވެ.

ދެން، ކުރިން ފާހަގަކުރި ހަދީސްފުޅުގައި ޒިންމާ އުފުލަންޖެހޭނޭ ކަމަށް އޮތްއޮތުމުގެ މާނައެއް ކަމަށް ފެންނަނީ ބަލިމީހާއަށް ލިބޭ ގެއްލުމާމެދު ޒިންމާ އުފުލުމާއި އިލްމުނެތްކަމެއްގައި އެހެން މުސްލިމެއްގެ ހައްގަކަށް އަރައިގަނެވުމުގެ ސަބަބުން މާތްﷲ ގެ ހަޒުރަތުގައި އެކަމަށް ޖަވާބުދާރީވާންޖެހުމެވެ. މިއީ ކުޑަ ކަމެއް ނޫނެވެ.

ހިޖާމާ ޖެހުމަކީ މި ލިޔުން ފެށުމުގައި ދެންނެވި ރުކުބޭހާއި ރަތްބޭސް އެޅުން ކަލަހަ ކަމެއް ނޫނެވެ. ހަށިގަނޑުގައި ހުންނަ އެކި ތަކުލީފުތަކާ ގުޅިގެން ހިޖާމާ ޖެހުމުގައި އަމަލުކުރަންޖެހޭ ގޮތް ތަފާތެވެ. ހަށިގަނޑުގައި ހުރި ތަކުލީފެއްގެ ސަބަބު ދެނެގަތުމަކީ ބޭސްވެރިޔާ ކުރަންޖެހޭ ކަމެކެވެ. އެ ސަބަބުގެ މައްޗަށް ބިނާކޮށް، ހިޖާމާ ޖަހަންޖެހޭ ޕޮއިންޓުތަކާއި މިންވަރު ވެސް ތަފާތު ވާނެ އެވެ. ދެން އޮތީ އެކަމުގައި ގެންގުޅެންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑެވެ. މިއީ ލޭ ނަގައިގެން ދެވޭ ފަރުވާއަކަށްވާއިރު، ލޭ ގެންގުޅުމުގައި އަމަލުކުރަންޖެހޭ ވަރަށް ހަރުދަނާ އަދި ހަރުކަށި އުސޫލުތަކެއް ބޭސްވެރިކަމުގައި ހުރެ އެވެ. އެއްވެސް ގައުމެއް ރަށެއް އަވަށެއް ތަފާތުކުރުމެއް ނެތި މުޅި ދުނިޔެއިން އަމަލުކުރަންޖެހޭ ބައިނަލްއަގުވާމީ މިންގަނޑުތަކެއް ހުރެ އެވެ. މިއީ ބޭސްވެރިޔާއަށް އެނގިފައި ހުންނަންޖެހޭނޭ ކަންކަމެވެ. ހިޖާމާ ޖެހުމުގެ އިލްމު އުނގެނެން ޖެހޭނީ އޭގެ އެންމެ ފުނަށެވެ. ތިމާ ދަސްކުރާ މަކުތަބަކީ ޔޫޓިއުބް ކަމުގައި ބަލައިގެން އުޅޭއިރު އެ މަންސައިގައި ހުންނަ ވީޑިއޯތަކުން ފެންނަނީ އެދުރުންތޯ ނުވަތަ ރޯނުއެދުރުންތޯ ކަށަވަރު ވާނެ ގޮތެއް ނޯންނާނެ އެވެ.

ބޭސްވެރިކަމަކީ އެކަމުގައި ފުދެންޖެހޭ ތަސައްރަފު ފުދިގެން މެނުވީ ކުރުން ހުއްދަވާނޭ ކަމެއް ނޫނެވެ. ދުނިޔެވީ ގާނޫނުތަކަށް އެކަނި ބެލިކަމުގައިވީނަމަވެސް ކަން އޮތީ އެހެނެވެ. ވީއިރު، ހިޖާމާއަކީ ބޭސްވެރިކަމުގެ އިލްމުގެ ބަހާ އެކެވެ. އެހެންކަމުން އޭގެ އަސާސްތަކާއި، އެ އިލްމުގެ ފުޅާމިން ނުއެނގި ހިޖާމާ ޖެހުމުގެ ހިދުމަތް ދިނުމަށް ހުށަހެޅުމަކީ ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. އެ ހިދުމަތް ލިބިގަންނަ މީހާ ވެސް، ހިދުމަތް މި ހޯދެނީ ކަމުގެ އިލްމު ހުރި މީހެއްގެ ކިބައިންކަން ކަށަވަރުކުރުމަކީ ކުރަންޖެހޭނޭ ކަމެކެވެ.