Advertisement

އާސެނަލުން މެޗު ފަސްކުރީ ނާއިންސާފުން: ކޮންޓޭ

12 މޭ 2022 - 14:37 0


އާސެނަލުން މެޗު ފަސްކުރީ ނާއިންސާފުން: ކޮންޓޭ

12 މޭ 2022 - 14:37 0

ލަންޑަން (މެއި 12) - އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް އާސެނަލުން ކުޅެން ޖެހޭ މެޗު ފަސްކުރަން އާސެނަލުން ހުށަހެޅުމަކީ ނާއިންސާފުން ކުރި ކަމެއް ކަމަށް ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ޕްރިމިއާ ލީގުގައި މިރޭ ޓޮޓެންހަމް ދަނޑުގައި އާސެނަލާ ދެކޮޅަށް ކުޅޭ، "ނޯތު ލަންޑަން ޑާބީ" މެޗު އޮންނާނެ އެވެ. މި މެޗު އެންމެ ފުރަތަމަ ޝެޑިއުލްކުރެވިފައި އޮތީ ޖެނުއަރީ 16 ވަނަ ދުވަހު އެވެ. އެކަމަކު، އެ ވަގުތު އާސެނަލްގައި ކޮވިޑް-19ގެ ހާލަތު އޮތްގޮތުންނާއި އަނިޔާގެ ސަބަބުންނާއި އާސެނަލްގެ ކުޅުންތެރިންތަކެއް އޭރު ކުރިއަށްދިޔަ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ކުޅެން ގޮސް ތިބުމުން ޕްރިމިއާ ލީގުން ނިންމީ މެޗު ފަސްކުރާށެވެ.

މިރޭ ޓޮޓެންހަމް ދަނޑުގައި ކުޅޭ މެޗަކީ ލީގުގެ ގަދަ ހަތަރެއްގެ ރޭހުގައި މުހިންމު ކުރިމަތިލުމެކެވެ. އާސެނަލް މި ވަގުތު ހަތަރެއްގައި އޮތީ 35 މެޗުން 66 ޕޮއިންޓާ އެކު އެވެ. ޓޮޓެންހަމް ދެ ވަނައިގައި އޮތީ 35 މެޗުން 62 ޕޮއިންޓް ހޯދައިގެންނެވެ. މިރޭ އާސެނަލުން ޓޮޓެންހަމް ބަލިކޮށްފިނަމަ، ގަދަ ހަތަރެއް ޔަގީންވީ އެވެ. އެއްވަރުކޮށްލައިގެން ވެސް މެޗުގެ ނަތީޖާ ފަރުޖައްސާލެވެން އޮތް ޓީމަކީ އާސެނަލް އެވެ. އެޑްވާންޓޭޖް ބޮޑީ އާސެނަލަށެވެ. އެހެންވެ، ކޮންޓޭ ހުރީ ހިތްހަމަނުޖެހިފަ އެވެ.

"ކުރިންވެފައި އޮތް ކަމެއްގެ ވާހަކަ މިހާރު ދެއްކުމަކީ ބޭނުންހުރި ކަމެއް ނޫން. ޔަގީނުން ވެސް އަހަރެމެން އޭރު ކުޅެން އޮތް ވަގުތުގައި އެ މެޗު ފަސްކުރުމަކީ ނާއިންސާފުން ކުރި ކަމެއް. ފަހުން ލިބުނު މައުލޫމާތަށް ބަލާއިރު، އާސެނަލުން އެ މެޗު ނުކުޅުނީ، ކޮވިޑާ ހެދި އެއް ނޫން، އަނިޔާ އާއި ކުޅުންތެރިން ނެތުމުގެ މައްސަލައާ ހެދި،" ކޮންޓޭ ބުންޏެވެ.

ކޮންޓޭ ބުނީ މިދިޔަ ޑިސެމްބަރު މަހު ޔުއެފާ ކޮންފަރެންސް ލީގުގައި ޓޮޓެންހަމް 3-0 އިން އަމިއްލަ ދަނޑުގައި ފްރާންސްގެ ރެނެސް އަތުން ބަލިވީ އިނގިރޭސި ޕްރިމިއާ ލީގުން މެޗެއް ފަސްކޮށްދޭން ބޭނުން ނުވުމުން ކަމަށެވެ.

"މި ވަގުތު މުހިންމީ ކުރީގެ ވާހަކަ ދެއްކުމެއް ނޫން، ކުރިމަތީގައި މި އޮތް މެޗުން ކޮންމެހެނެއް ހަދާފައި ވިޔަސް މޮޅުވެގެން،" މިރޭ އަމިއްލަ ދަނޑުގައި އާސެނަލް ބަލިކުރަން ބޭނުންކަން ފާހަގަކޮށް ކޮންޓޭ ބުންޏެވެ.

މިދިޔަ ސެޕްޓެމްބަރު މަހު އާސެނަލުން އަމިއްލަ ދަނޑުގައި ކުޅުނު ލީގުގެ މެޗުން ވަނީ 3-1 އިން ޓޮޓެންހަމް ބަލިކޮށްފަ އެވެ. އެ ފަހަރު އާސެނަލުން ތިން ގޯލު ޖެހީ ވެސް ފުރަތަަމަ 34 މިނިޓް ތެރޭގަ އެވެ.

ޓޮޓެންހަމުން މިރޭ އާސެނަލާ ދެކޮޅަށް ނެރޭނީ އެންމެ ފަހުން ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅުނު ފުރަަތަމަ އެގާރަ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އާސެނަލަށް ބަލާއިރު، އެ ޓީމުގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ބެން ވައިޓާއި ބުކާޔޯ ސަކާ އަށް މެޗު ކުޅެވޭނީ މިއަދު ހަދާ ފިޓްނަސް ޓެސްޓަކުން ފާސްވެއްޖެނަމަ އެވެ.

އާސެނަލާއި ޓޮޓެންހަމް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 23:45 ގަ އެވެ.