Advertisement

ލޭންޑް ޔޫސް ޕްލޭން ނުހެދި، ގާނޫނުގެ ބާރު ފެނަށް

18 މޭ 2022 - 09:57 1

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ކ. ކާށިދޫގެ ބަނދަރުމަތި: ލޭންޑް ޔޫސް ޕްލޭން ހެދުމުގެ ގާބިލްކަން ގިނަ ރަށްރަށަކު ނެތް ކަމަށް ބުނޭ -- ފޮޓޯ: އާއިމް ޒަމީރު/އަދަދު


ލޭންޑް ޔޫސް ޕްލޭން ނުހެދި، ގާނޫނުގެ ބާރު ފެނަށް

18 މޭ 2022 - 09:57 1

މި ސަރުކާރުގެ ރިޔާސީ ވައުދާ އެއްގޮތަށް، މައި ސަރުކާރުގެ އަތް ދަށުކޮށްފައި އޮތް ބާރުތަކުގެ ލަގަނު ރައްޔިތުންގެ އަތް މައްޗަށް ދޫކޮށްލީ ލާމަރުކަޒީ ގާނޫނަށް ގެނައި ބޮޑެތި ބަދަލުތަކާ އެކު ކައުންސިލުތަކަށް މާލީ ބާރުވެރިކަން ދީފަ އެވެ.

އެކަމަކު އެ އިންގިލާބީ ބަދަލުތަކުގައި ހަގީގީ ކުލަ ނުޖެހި ދިގުލައިގެން ގޮސްފައިވަނީ ގާނޫނުން ލާޒިމްކުރާ ލޭންޑް ޔޫސްތައް ޕްލޭންތައް ހެދުން ޒާތަކަށް ހުއްޓިފައި އޮތުމުންނެވެ. އެ ޕްލޭންތައް ފާސްނުވެ، އެކަން މިހާރު ވެފައި އޮތީ މުޅި ލާމަރުކަޒީ ނިޒާމަށް ކުރި ތަސައްވުރަށް ބޮޑު ހުރަހަކަށެވެ.

"ލޭންޑް ޔޫސް ޕްލޭން ހަދަން ގާނޫނުގައި މަޖުބޫރުކޮށްފަ އެބައޮވޭ. ލޭންޑް ޔޫސް ޕްލޭން ހަދަން މި އޮންނަނީ ތިން ވަރަކަށް ކުންފުނި. ރާއްޖޭގަ 100އަށް ވުރެ ގިނަ ރަށުގަ މީހުން ދިރިއުޅޭއިރު، ލޭންޑް ޔޫސް ޕްލޭންއަކާ ނުލައި އެއްވެސް ކަމެއް ކުރެވޭކަށް ނެތް،" މިހާރު ދިމާވެގެން އުޅޭ މައްސަލަ ސިފަކޮށް ދެއްވަމުން ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ކަންބޮޑުވުންފާޅު ކުރެއްވި އެވެ.

ބާރުވެރިކަން ގުޅޭ ޕްލޭންތައް

މެމްބަރު ނަޝީދު އިޝާރާތް ކުރެއްވި ފަދައިން ގާނޫނަށް ބޮޑެތި އިސްލާހުތައް ގެނައީ ކައުންސިލުތަކަށް މާލީ ގޮތުން ފުރިހަމަ ބާރުވެރިކަމެއް ދިނުމުގެ އަމާޒުގަ އެވެ.

މިގޮތުން، ދައުލަތުގެ އާމްދަނީގެ ފަސް ޕަސަންޓް ކައުންސިލްތަކަށް ހާއްސަ ކުރުމުގެ އިތުރުން، ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ 40 ޕަސަންޓުގައި މައި ސަރުކާރުން ދެން އަތެއް ނުލާނެ އެވެ.

މީހުން ދިރިއުޅޭ ރަށްރަށުގެ އިހްތިސާސްގައިވާ ބިމުގެ ކުލީގެ އިތުރުން، ކައުންސިލްތަކުން ނަގާ ފީގެ އާމްދަނީ އެއްކޮށް ކައުންސިލްތަކަށް މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

އޭގެ އިތުރުން ކުންފުންޏާއި ކޯޕަރޭޓިވްސް އުފައްދައިގެން ވިޔަފާރި ކުރުމާއި އާމްދަނީ ހޯދުމުގެ މަގު ވެސް ކައުންސިލްތަކަށް މިހާރު ގާނޫނުގެ ތެރެއިން އޮތީ ފަހިކޮށްދީފަ އެވެ.

މީގެ އިތުރުން، ރަށު ލެވެލްގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން ޖުމްލަ އަގު ފަސް މިލިއަނަށް ވުރެ ދަށުގެ ޕީއެސްއައިޕީ މަޝްރޫއުތައް ވެސް ކައުންސިލްތަކަށް ހިންގޭ ގޮތް މިހާރު ވަނީ ހަދައިދީފަ އެވެ.

ކައުންސިލުތަކަށް ލިބިދޭ ބާރުތައް ގޮސް ގުޅެނީ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭނާއި ތަރައްގީގެ ޕްލޭން ހެދުމާއި މާލީ ހިސާބުތައް ބެލެހެއްޓުމުގެ ޒިންމާއާ އެވެ.

ނަމަވެސް، އާ ކައުންސިލުތައް އިންތިހާބު ކުރިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އެ ޕްލޭންތައް ނުނިމެ އެވެ. އަދި ކޮވިޑާ ގުޅިގެން ކުރިމަތިވި ހުރަސްތަކާއެކު ތިން މަސް ދުވަހުގެ ތެރޭގައި އެކުލަވާލަންޖެހޭ ޕްލޭންތައް އޭރު އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަންދެން ދަންމާލަންޖެހުނެވެ.

މިދިޔަ މާޗު މަހުގެ ތެރޭގައި އެ ހާލަތު މިހާރު ނިމުމަކަށް ގެނެސް، ޕްލޭންތައް ހަދަންޖެހޭ މުއްދަތު ހިނގަމުންދާއިރު، އެކަން ނިމުމުގެ މަލަމަތި އަދި ފެންނަން ނެތެވެ.

ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އޭރު ބުނެފައިވަނީ 44 ރަށެއް ފިޔަވައި އެހެން ރަށްރަށުގައި ކޮންމެ ވެސް މިންވަރަކަށް ޕްލޭނެއް ކުރިން ހެދިފައިވާ ކަމަށެވެ.

ފާސްކުރަން ހުށަހެޅި ޕްލޭންތައް ފުރިހަމައެއް ނޫން

ގާނޫނު އިސްލާހުކުރި ފަހުން، އެފަދަ 40 އަކަށް ރަށުގެ ޕްލޭން ރިވައިސްކޮށް ފާސްކުރުމަށްޓަކައި ޕްލޭނިން މިނިސްޓްރީއަށް މިހާރު ހުށަހެޅިފައިވާ ކަމަށް އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް "އަދަދު"އަށް ވިދާޅުވި އެވެ.

ގާނޫނުގައި ބަޔާންކުރާ ގޮތުން، އެ ޕްލޭންތަކަކީ ވަށާޖެހޭ ގޮތަށް ފަންނީ ގިނަ މައުލޫމާތުތަކެއް ހިމަނަންޖެހޭ ކަރުދާހެކެވެ. އެކަމަކު ކައުންސިލުތަކުގެ ގާބިލުކަމަށް ބަލާއިރު ގާނޫނުގައި ބަޔާންކުރާ މިންވަރަށް އެ ޕްލޭންތައް ފުރިހަމަ ކުރަން ގިނަ ގޮންޖެހުންތައް ހުރި ކަމަށް އަފްޝަން ހާމަކުރެއްވި އެވެ.

"ގާނޫނުގައި އެބަ ބުނޭ ރަށުގައި ހުރި ގަސްރުއްތަކުގެ މައުލޫމާތު ހިމަނަންޖެހޭނެ ކަމަށް. ދެން ރަށެއްގައި ބިން ހިއްކޭނެ ސަރަހައްދު ވެސް އެބަޖެހޭ ސާވޭކޮށްފަ ހިމަނަން. އެކަހަލަ ޓެކްނިކަލް މަސައްކަތެއް ކުރެވޭނެ ގާބިލުކަމެއް ވެސް އަދި ބަޖެޓެއް ވެސް ކައުންސިލުތަކުގަ ނުހުރޭ،" އޭނާ ވިދާޅުވި އެވެ.

އަފްޝަން ވިދާޅުވި ގޮތުގައި އެފަދަ މަސައްކަތެއް ކުރުމުގެ ގާބިލުކަން ހުރި ފަންނީ މީހުން ރާއްޖޭގައި ވެސް ވަރަށް މަދެވެ. އެހެންކަމުން އެކަމަށް ވަގުތު ބޭނުންވެ އެވެ.

ނަމަވެސް، އާ ކައުންސިލަރުން މަގާމާ ހަވާލުވިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ލޭންޑް ޔޫސް ޕްލޭން ނުހެދިގެން ޒާތަކަށް އަތް ބަނދެވިފައިވާ ތިބިކަމަށް އަފްޝަން ގަބޫލުކުރައްވަ އެވެ.

އެއާއެކު އެލްޖީއޭއިން ވަނީ ޕްލޭނިން މިނިސްޓްރީއާ ބައްދަލުކޮށް، މިހާރު ހުށަހެޅިފައިވާ ޕްލޭންތައް ފާސްކޮށްދޭން އެދިފަ އެވެ.

"އަޅުގަނޑުމެން އެދުނީ މަދުވާ މައުލޫމާތު ފުރިހަމަ ކުރަން މުހުލަތެއް ދިނުމަށްފަހު، މިހާރު ހުށަހެޅިފައިހުރި ޕްލޭންތައް ފާސްކޮށްދޭން. އެކަމަށް އެ ބޭފުޅުންގެ [ޕްލޭނިން މިނިސްޓްރީ] ޕޮޒިޓިވްކޮށް ތިއްބެވީ،" އަފްޝަން ވިދާޅުވި އެވެ.

ނަމަވެސް، އަފްޝަން ވިދާޅުވި ވާހަކައާ އެކަމާމެދު ޕްލޭނިން މިނިސްޓްރީން ދެކޭ ގޮތާ ފުށުއެރުންތަކެއް އެބަހުރި ކަމަށެވެ.

ގާނޫނާ ހިލާފު ކަމެއް ނުކުރެވޭނެ

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "އަދަދު"އަށް ވިދާޅުވި ގޮތުގައި ގާނޫނު މިހާރު އޮތީ އުނދަގޫ ގޮތަކަށެވެ. އަފްޝަން ވެސް ފާހަގަކުރެއްވި ފަދަ ޓެކްނިކަލް މައުލޫމާތުތަކެއް ހިމަނައިގެން ލޭންޑް ޔޫސްތައް ޕްލޭންތައް ފުރިހަމަކުރަން ދަތިތަކެއް ހުރި ކަމަށް އަކްރަމް ވެސް ގަބޫލުކުރައްވަ އެވެ.

އެކަމަކު އެލްޖީއޭއިން އެގޮތަށް އެދުނު ނަމަވެސް، ގާނޫނުން ލާޒިމުކުރާ ކަމަކަށް ލުޔެއް ދޭން މިނިސްޓްރީއަށް ދައްޗެވެ.

"ގާނޫނުގައި ވަކި ކަމެއް ކުރަން ލާޒިމުކޮށްފައި އޮންނައިރު، ގާނޫނާ ހިލާފަށް ކަމެއް އަޅުގަނޑުމެނަށް ނުކުރެވޭނެ،" އަކްރަމް ވިދާޅުވި އެވެ.

މި މައްސަލަ ހައްލުކުރެވެން އޮތީ ގާނޫނު އިސްލާހުކޮށްގެން ކަމަށް އަކްރަމް ގަބޫލުކުރައްވާއިރު، އެކަން ކުރަން މަޖިލީހުގައި އެދިފައިވާނޭ ކަމަށް އޭނާ ހާމަކުރެއްވި އެވެ. ނަމަވެސް، ގާނޫނު އަނެއްކާވެސް އިސްލާހުކުރަން މަޖިލިސް ކޮންޓްރޯލް ކުރާ އެމްޑީޕީން ބޭނުންނުވެ އެވެ. ސަބަބުތައް ވެސް އެބަހުއްޓެވެ.

މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް "އަދަދު"އަށް ވިދާޅުވީ ކަމެއް ނުކުރެވިގެން ގާނޫނު އިސްލާހުކުރުމަކީ އެންމެ ފަހު ކަމެއްގެ ގޮތުގައި އޮންނަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ދެން ގާނޫނު އިސްލާހު ކޮށްގެން އޭގައި ބަޔާންކުރާ މައުލޫމާތު ލޭންޑް ޔޫސް ޕްލޭނުން އުނިކޮށްފިނަމަ އެކަން ކުރުމުގެ މަގުސަދު ގެއްލިގެން އެބަދޭ،" އަލީ ނިޔާޒް ވިދާޅުވި އެވެ.

އޭނާ ވެސް ވިދާޅުވި ގޮތުގައި މި މައްސަލައިގެ ހައްލަކީ ފަންނީ މައުލޫމާތު ހިމަނަން މުއްދަތެއް ދިނުމަށްފަހު އެ ޕްލޭންތައް މިވަގުތަށް ފާސްކޮށްދިނުމެވެ. ކައުންސިލްތައް ހިނގައިގަނެ، ހަގީގީ މަސައްކަތްތައް ފަށައިގަނެވޭނީ އަލީ ނިޔާޒް ވިދާޅުވި ގޮތުގައި އެ މަސައްކަތް ނިންމައިގެނެވެ.

އަފްޝަން ވެސް ހާމަކުރެއްވި ފަދައިން، އެފަދަ ލުޔެއް ދޭން ޕްލޭނިން މިނިސްޓްރީގެ ޓެކްނިކަލް ލެވެލްގައި "ޕޮޒިޓިވް" ކަމަށް އޭނާ ވިދާޅުވި އެވެ.

"ސީދާ އެންމެ މަތީ ލެވެލްގައި މަޝްވަރާ ނުކުރެވެނީ ކަންނޭނގެ އަދި،" އަކްރަމްގެ ވާހަކައަށް އިޝާރާތް ކުރައްވައި އަލީ ނިޔާޒް ވިދާޅުވި އެވެ.

އެކަމަކު ޕްލޭނިން މިނިސްޓްރީގެ "މަތީ ލެވެލް" އެފަދަ ލުޔެއް ދިނުމާ އެއްބަސްނުވާނެ ކަން މިނިސްޓަރު މުހައްމަދު އަސްލަމް މަޖިލީހުގައި އިއްޔެ ދެއްވި ޖަވާބުން ހާމަވެ އެވެ.

"ގާނޫނުގައި ލޭންޑް ޔޫސް ޕްލޭން ހަދަން އިންނަ ކަމަށް ވަންޏާ ލޭންޑް ޔޫސް ޕްލޭން ހަދަންޖެހޭނެ. އަޅުގަނޑަކަށް އެ ނުހަދާނެ ވާހަކައެއް ނުބުނެވޭނެ. ތި ނުހެދިޔަސް މިވެނި ކަމެއް ކޮށްލެވޭނެއޭ ވެސް ނުބުނެވޭނެ،" ޕްލޭން ހެދުމަށް ލުޔެއް ދޭން މެމްބަރު ނަޝީދު އެދިވަޑައިގަތުމުން އޭގެ ޖަވާބުގައި އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ވަޒީރުންނަކީ ގާނޫނުގެ މަތީގައި ތިބޭ ބައެއް ނޫނެވެ. އަދި ލޭންޑް ޔޫސް ޕްލޭންތައް ނުހެދިގެން އުޅުމަކީ އެކަން ނުކޮށް ދޫކޮށްލެވޭނެ ޒާތުގެ ކަމެއް ނޫން ކަމަށް ގަބޫލުކުރައްވާ ކަމުގައި އަސްލަމް ވިދާޅުވި އެވެ.

ލޭންޑް ޔޫޒް ޕްލޭން ފާސްނުކޮށް ގައުމީ އިދާރާގައި ދިގު މުއްދަތަކަށް ހިފަހައްޓާފައިވާ ބޭއްވުން ހުއްޓުމަކަށް ގެންނަން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އިން މިހާރު ވަނީ ބިލެއް ވެސް ހުށަހަޅައިފަ އެވެ.

އެކަމަކު އެ ބިލާ މެދު މަޖިލީހުގެ ސާފު އަގުލަބިއްޔަތު އޮތް އެމްޑީޕީން ދެކޭ ގޮތެއް އަދި ސާފެއް ނޫނެވެ. އަލީ ނިޔާޒް ވިދާޅުވި ފަދައިން ގާނޫނު އިސްލާހު ކުރުމަކީ އެމްޑީޕީން ބޭނުންވާ ގޮތެއް ނޫން ކަމުގައި މީގެ ކުރިން ވެސް އެ ޕާޓީން ބުނެފައިވެ އެވެ.

އޭގެ އަނެއް ކޮޅުން، ގާނޫނު އިސްލާހުނުކޮށް، ޕްލޭންތައް ފާސްކޮށް ދިނުމާ ޕްލޭނިން މިނިސްޓްރީން ދެކޮޅުކަން ވެސް މިހާރު ސާފެވެ.

މައި ސަރުކާރުން ދޫކޮށްލި ބާރުތައް އަދިވެސް އޮތީ ކަރުދާހުގަ އެވެ. ސަރުކާރާއި މަޖިލީހުގެ ހިޔާލުތަފާތުވުމުގެ ތެރޭގައި ފިތިފައިތިބީ ކައުންސިލުތަކެވެ. ގާނޫނުގައި ލިޔެފައިއޮތް ގޮތަށް ހަގީގީ ބާރުވެރިކަމުގެ އިންތިޒާރުގަ އެވެ. މިހާރު ތިބި ކައުންސިލަރުންގެ ދައުރު ވެސް ނިމުމުގެ ކުރިން، ހަގީގީ ލާމަރުކަޒީ ނިޒާމެއްގެ ރާހަތެއް ކުރާނެ ކަމުގެ ފޮނި އުއްމީދުގަ އެވެ.