Advertisement

އީގަލްސް ހުރަސްއަޅައި ޔުނައިޓެޑް ވިކްޓްރީ ހަތަރަކަށް

11 މޭ 2022 - 23:40 0

ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓަރީގެ އަޒީމް (ކ) ކައިރިން އީގަލްސްގެ ހަންނަ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އީގަލްސް ހުރަސްއަޅައި ޔުނައިޓެޑް ވިކްޓްރީ ހަތަރަކަށް

11 މޭ 2022 - 23:40 0

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް އީގަލްސް އަތުން 2-0 އިން މޮޅުވެ، ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.

ލީގުގައި މިރޭގެ މެޗަށް ފަހު އަންނަ މަހުގެ 21 ވަނަ ދުވަހާ ހަމައަށް ބްރޭކެއް ނަގާނެ އެވެ. އެއީ މި މަހު 18-24 އަށް މާޒިޔާ އިން ކުޅޭ އޭއެފްސީ ކަޕް ދެކުނު އޭޝިއާ ގްރޫޕްގެ މެޗުތަކާއި އަންނަ މަހު އުޒްބެކިސްތާންގައި ސެންޓްރަލައިޒްކޮށް ބާއްވާ އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގެ މެޗުތަކަށެެވެ.

ބްރޭކަށްދާއިރު، ކޮންމެ ޓީމެއް ވަނީ 12 މެޗު ކުޅެފަ އެވެ. މާޒިޔާ އޮތީ 33 ޕޮއިންޓާ އެކު އެއް ވަނައިގަ އެވެ. އީގަލްސް ދެ ވަނައިގައި އޮތީ 28 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާއި ހަތަރެއްގައި އޮތް ޔުނައިޓެޑް ވިކްޓްރީ އަށް ވަނީ 17 ޕޮއިންޓް ލިބިފަ އެވެ. ޓީސީ ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ފުރަތަމަ މޮޅު ހޯދި ވެލެންސިއާ ފަސް ވަނައިގައި އޮތީ 16 ޕޮއިންޓާ އެކު އެވެ. ހަ ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ވަނީ 14 ޕޮއިންޓް ލިބިފަ އެވެ. ގްރީން ސްޓްރީޓްސް ހަތް ވަނައިގައި އޮތީ 11 ޕޮއިންޓާ އެކު އެވެ. ފުލުގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް އަދި ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

އީގަލްސް އިން މި މެޗަށް ނުކުތްއިރު އެ ޓީމުގެ ކުރިއަށް ކުޅެމުން އައި އަހުމަދު ހަސަން (އައްމަޑޭ) ހުރީ ދެ ކާޑު ހަަމަވުމުގެ ސަބަބުން ސަސްޕެންޝަނުގަ އެވެ. އަނިޔާގެ ސަބަބުން ހިޝާމް ސަލީމް (ކޮކީ) އާއި އަހުމަދު ރިޒުވާން (ރިޒޭ) ޓީމުގައި ނެތެވެ.

އެޓޭކަށް ޖެހިގެން ކުޅުނު ނަަމަވެސް މިރޭގެ މެޗުގެ ފުރަތަމަ 25 މިނިޓް ތެރޭ ދެ ޓީމަށް ވެސް ގޯލަށް އަމާޒުކޮށް ރަނގަޅު ހަމަލާއެއް ފޮނުވާލެވޭ ގޮތެއްނުވި އެވެ. މެޗުގައި ގޯލާ އަމާޒުކޮށް ފުރަތަމަ ރަނގަޅު ޝޮޓް ފެނުނީ 29 ވަނަ މިނިޓްގަ އެވެ. އީގަލްސްގެ އިޓަލީ މިޑްފީލްޑަރު ޖިއަކޯމޯ ފަވޭރޯ އޭރިއާބޭރުން ޖެހި ބޯޅަ އަމާޒުވީ ޔުނައިޓެޑް ވިކްޓްރީގެ ގޯލްކީޕަރު އަހުމަދު އަނަފް ޒަރިޔަންދު އަތަށެވެ. އޭގެ ދެ މިނިޓް ފަހުން ޔުނައިޓެޑް ވިކްޓްރީގެ މުހައްމަދު ރީހާން އޭރިއާބޭރުން ފޮނުވާލި ބާރު ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ފުރަތަމަ ހާފުގައި ގޯލެއް ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އަށެވެ. މެޗުގެ 40 ވަނަ މިނިޓްގައި އީގަލްސްގެ ޒައިން ޒަފަރު ޔުނައިޓެޑް ވިކްޓްރީގެ ތިން ކުޅުންތެރިން ކައިރިން ނެއްޓުމަށް ފަހު ހުސްކޮށްލާފައި ހަންނަ އަށް ދިން ބޯޅަ ހިފައިގެން އޭރިއާތެެރެއަށް ވަދެ ކީޕަރު އަނަފް ކައިރިން ނައްޓާފައި ގޯލަށް ފޮނުވާލި ބޯޅަ ޔުނައިޓެޑް ވިކްޓްރީގެ ޑިފެންޑަރު އާދިލް އަބްދުލް ރަހުމާން ވަނީ ބޯޅަ ހުއްޓުވައިފަ އެވެ.

ޔުނައިޓެޑް ވިކްޓްރީން 54 ވަނަ މިނިޓްގައި ރަނގަޅު ހަމަލާއެއް އުފެއްދި އެވެ. އެ ޓީމުގެ ފުލްބެކް، މޫސާ އަޒީމް ހަސަން އީގަލްސް އޭރިއާތެރެއިން ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު ފޮނުވާލި ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެެ. އޭގެ ތިން މިނިޓް ފަހުން ޔުނައިޓެޑް ވިކްޓްރީން ލީޑުނެގި އެވެ. މިއީ ޔުނައިޓެޑް ވިކްޓްރީގެ އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) ޖެހި ބޯޅައެއް އީގަލްސްގެ ކީޕަރު ހަސަން އަލީފް އިބްރާހިމް އަތުގައި ޖެހިފައި ރީބައުންސް ބޯޅަ ލިބުމުން އަލީ ހައިޝަމް (ޗުމްޕު) ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ޔުނައިޓެޑް ވިކްޓްރީ އަށް ލީޑުލިބުމާ އެކު އީގަލްސް އިން ބޮޑަށް ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. މެޗުގެ 63 ވަނަ މިނިޓްގައި ހަންނަ ޖެހި ބޯޅައެއް ބޭރުވީ ހުރަސްދަނޑުގައި ޖެހިފަ އެވެ. ފުލުފުލުގައި އީގަލްސް އިން އެޓޭކްކުރެވޭތޯ މަސައްކަތް ކުރަމުންދިޔައިރު، މެޗުގެ 83 ވަނަ މިނިޓްގައި ހަންނަ ޖެހި ބޯޅަ އަމާޒުވީ ކީޕަރު އަނަފް އަތަށެވެ.

އީގަލްސް އިން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް ލިބުނު ފުރުސަތެއްގައި ކުރިއަށް ޖެހިގެން ޔުނައިޓެޑް ވިކްޓަރީން ދެ ވަނަ ގޯލެއް ޖެހި އެވެ. މިއީ މެޗުގެ 89 ވަނަ މިނިޓްގައި ބެލަރޫސްގެ ފޯވާޑް އިވާން ވެރާސް ޖެހި ގޯލެކެވެ. މި ގޯލު ޖަހަން އިވާން އަށް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިނީ ބަދަލު ކުުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި މޮޅަށް ކުޅުނު އަރީން އަބްދުﷲ އިބްރާހިމް އެވެ. އަރީން އަކީ ކުރިން އީގަލްސް އަށް ކުޅުނު ކުޅުންތެރިއެކެވެ.

އިތުރު ވަގުތުގައި އިވާން ބޯޅަ ހިފައިގެން މުޅިން ހުސްކޮށް އޭރިއާތެރެއަށް ވަދެ ޖެހި ބޯޅަ ކީޕަރު އަލީފް ވަނީ މަތަކޮށްފަ އެވެ.