Advertisement

ބައްސާމް ޓީމުގައި ހިމެނުނު އީގަލްސްގެ މުފާ އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލައިފި

27 ޑިސެންބަރު 2023 - 14:01 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކޮންގްރެސްއެއްގެ ތެރެއިން މުފާ.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ


ބައްސާމް ޓީމުގައި ހިމެނުނު އީގަލްސްގެ މުފާ އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލައިފި

27 ޑިސެންބަރު 2023 - 14:01 0

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް، ބައްސާމް އަދީލް ޖަލީލްގެ އެކްސްކޯގައި މަސައްކަތްކުރި ކްލަބް އީގަލްސްގެ ވައިސް ޗެއާމަން، މުފާވިޒު ހާޝިމް (މުފާ)، އެފްއޭއެމް އިންތިހާބުގައި ވާދަކުރަން މިއަދު ކެންޑިޑެސީ ފޯމު ހުށަހަޅައިފި އެވެ.

އަންނަ މަހު، 31 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އެފްއޭއެމްގެ އިންތިހާބުގައި، މުފާގެ އިތުުރުން، މިއަދު ކެންޑިޑެސީ ފޯމު ހުށަހެޅީ އެފްއޭއެމްގެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު، އަހުމަދު ތޯރިގު (ޓޮމް) އެވެ.

އެފްއޭއެމްގެ ރައީސަކަށް މި ފަހަރު ބައްސާމް ކުރިމަތިނުލާނެކަން އިއުލާނުކުރައްވާފައިވާއިރު، އޭނާގެ ތާއިދާ އެކު، އިންތިހާބަށް ނުކުތީ މުފާ ކަމަށް ވަނީ އެނގިފަ އެވެ.

އެ ގޮތުން، ބައްސާމްއާ އެކު، އެފްއޭއެމް ލީޑަޝިޕްގަޔާއި ފުޓްބޯޅައިގެ އެކި ކަންކަމުގައި މަސައްކަތްކުރި ގިނަ ފަރާތްތަކެއް މުފާގެ ޓީމުގައި ހިމެނެ އެވެ.

މުފާ (ވ)، އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލުމަށް ކެންޑިޑެސީ ފޯމު ހުށަހަޅަނީ.---


މިދިޔަ ދެ ދައުރުގައި ވެސް، އެފްއޭއެމްގެ އެކްސްކޯގައި މަސައްކަތްކުރި، މުފާ ހުށަހެޅި އެކްސްކޯ ގައި އެފްއޭއެމް އެންމެ ފަހުން އޮތް އެކްސްކޯގައި މަސައްކަތްކުރި އަހްމަދު ޝަކީބު (ޑޮކް) އާއި ކުރިން އެކްސްކޯއިން އިސްތިއުފާދިން، ކްލަބް ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލު (މުއާބެ) ހިމެނެ އެވެ.

މުއާބެ، ހިމަނާފައިވަނީ މުފާގެ ޓީމުގެ ނައިބު ރައީސްގެ ގޮތުގަ އެވެ. ދެން ނައިބު ރައީސަކަށް ހިމެނީ، ބުރު ސްޕޯޓްސްގެ މުހައްމަދު އަހްސަން އެވެ.

މުފާގެ ކެންޑީޑެސީ ފޯމުގައި ދެން، އެކްސްކޯ މެމްބަރުންގެ ގޮތުގައި ހިމަނާފައިވަނީ ބުރުގެ މެނޭޖަރު އަރުޝަދު އަޝްރަފު، ޖޭޖޭ ސްޕޯޓްސް ކްލަބުން ކުރީގެ ގައުމީ ޓީމުގެ ފޯވާޑް ހަސަން އަދުހަމް (ސަޑޭ) އާއި ޔުނައިޓެޑް ވިކްޓަރީގެ ރައީސް، އިސްމާއީލް ޝަފީއު (އިއްސެ) އާއި ބުރުގެ މުހައްމަދު ހަސަން އެވެ. ދެން އަންހެން މެމްބަރުގެ މަގާމަށް ހިމަނާފައިވަނީ، ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި މިހާރު ކޯޗިންގައި ފާހަގަކުރެވޭ، މަރްޔަމް މިރްފަތު އެވެ.

ފުޓްބޯޅައިގެ ހިންގުންތެރިޔެއް ކަމަށްވާ، މުހައްމަދު ހާޝިމްގެ ދަރިފުޅު މުފާ އަކީ، ކްލަބް އީގަލްސް ފުރަތަމަ ޑިވިޝަނުގައި ގަދަބާރަކަށް ހެދުމަށް މިދިޔަ 15 ވަރަކަށް އަހަރު ތެރޭ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ފަރާތެކެވެ. އީގަލްސް ޖެނެރަލް ސެކްރެޓަރީ އަކަށް ކުރިން ހުރި މުފާ ފަހުން އެ ކްލަބްގެ ވައިސް ޗެއާމަންގެ މަގާމަށް ވަނީ އިންތިހާބުވެފަ އެވެ.

އެފްއޭއެމްގެ އިންތިހާބާ ބެހޭ ކަންތައްތަކެއް އޮޅުންފިލުވަން ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ވަނީ އެފްއޭއެމަށް ސިޓީއެއް ފޮނުވައިފަ އެވެ.