Advertisement

ސޮއި ފޯޖުކުރާ ހާލަތުގައި ހުރީ އަޅުގަނޑެއް ނޫން: މުފާ

1 ޖަނަވަރީ 2024 - 16:31 1

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު


ސޮއި ފޯޖުކުރާ ހާލަތުގައި ހުރީ އަޅުގަނޑެއް ނޫން: މުފާ

1 ޖަނަވަރީ 2024 - 16:31 1

ކްލަބް ވެލެންސިއާގެ ތާއީދު އޮތް ކަމަށް ބުނެ ސިޓީއެއްގައި ސޮއި ފޯޖުކުރި ކަމަށް ކުރާ ތުހުމަތަށް، އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ، ކްލަބް އީގަލްސްގެ ވައިސް ޗެއާމަން، މުފާވިޒް ހާޝިމް (މުފާ) އިންކާރު ކުރައްވައިފި އެވެ.

މި މަހު 31 ވަނަ ދުވަހު ބާއްވަން އެފްއޭއެމް އިން އިއުލާނުކޮށްފައިވާ އިންތިހާބު މަޑުޖައްސާލަން ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ވަނީ އަންގައިފަ އެވެ.

އެފްއޭއެމް އިން ގަވާއިދާ ހިލާފަށް ގިނަ ކަންތައްތަކެއް ކުރަމުން އަންނާތީ، ބަލަން ޖެހޭ ކަންކަން ރަނގަޅަށް ބެލުމުގެ ގޮތުން ކޮމިޝަނާ އޮފް ސްޕޯޓްސް އިން އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ކުރިއަށް އޮތް، އެފްއޭއެމް އިންތިހާބުގައި ވާދަކުރަން ކްލަބް ވެލެންސިއާގެ ތާއީދު ސިޓީއެއް، އިންތިހާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުން، މުފާ އާއި އެފްއޭއެމްގެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އަތުގައި ވެސް އެބައޮތެވެ.

ވެލެންސިއާގެ ބޯޑުން ތާއީދު ކުރަން ނިންމާފައިވަނީ، ތޯރިގަށް ކަމަށާއި ދެން އުޅޭ ސިޓީގެ މައްސަލަ ފުލުހުންނަށް ހުށަހަޅާނެ ކަމަށް އެ ކްލަބާއި އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް ތޯރިގު ވެސް ވަނީ ހާމަކޮށްފަ އެވެ.

ފޯޖުކޮށްފައި އޮތް ސިޓީއެއް، މުފާގެ ޓީމުން ގެންގުޅޭ ކަމަށް ކުރެވޭ ތުހުމަތާ ގުޅޭގޮތުން، މުފާ ވިދާޅުވީ، މި ވަގުތަށް ބަލާއިރު، ވެސް އޭނާ ސޮއި ފޯޖުކުރަން ނުޖެހޭނެ ވަރަށް ތާއީދު އެބައޮތް ކަމަށެވެ.

"ސޮއި ފޯޖު ކުރާކަށް إن شاء الله އަޅުނގަޑު ނުޖެހޭނެ، ތިޔަ ބުނާ ސޮއި ނުލާވެސް 5 ސޮއި!، ސޮއި ފޯޖު ކުރަން ޖެހޭ ހާލަތުގައި ހުރީ އަޅުނގަޑެއް ނޫން. ފުލުހުން މި މައްސަލަ ވަކި ކޮޅަކަށް ބުރަނުވެ އިންސާފުވެރި ތަހުގީކޮށް ރައްޔިތުންއަށް ހަގީގަތް ހާމަ ކޮށްދެއްވުން އެދެން،" މޯލްޑިވްސް ޕޮލިސް ސާވިސް ޓެގްކުރުމަށް ފަހު، މުފާ، އޭނާގެ ރަސްމީ ފޭސްބުކްގައި ލިޔުއްވާފައިވެ އެވެ.

ރާއްޖޭގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި މުފާ ވަނީ ކޮމިޝަނާ އޮފް ސްޕޯޓްސް، ތޮލާލް ވެސް މި ކަމުގައި ވަކި ފަރާތަކަށް ބުރަނުވެ ކަންކަން ނިންމުމަށް އެދޭ ކަމަށް ވިދާޅުވެފަ އެވެ.

އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކު އަތުގައި ވެސް މަދުވެގެން، ފުރަތަމަ ޑިވިޝަނުގެ ތިން ކްލަބެއްގެ ތާއީދު އޮންނަން ޖެހެ އެވެ.

ވެލެންސިއާ ނުލައި ވެސް މުފާ އަތުގައި، ފަސް ކްލަބެއްގެ ތާއީދު އޮތްނަމަ، ތޯރިގު އަތުގައި އޮންނާނީ ވެލެންސިއާ ހިމަނައިގެން ތިން ކްލަބެއްގެ ތާއީދެވެ.

އެހެންކަމުން، ވެލެންސިއާގެ ތާއީދު އޮންނަ ފަރާތެއް ކަނޑައެޅުން އެއީ، އެފްއޭއެމްގެ އިލެކްޓޯރިއަލް ކޮމިޓީން ނިންމަން ޖެހޭ މުހިންމު ނިންމުމެކެވެ.

އެފްއޭއެމްގެ ރައީސަކަށް މިދިޔަ ދެ ދައުރު ހުންނެވި، ބައްސާމް އަދީލް ޖަލީލް، ކުރިއަށް އޮތް ދެ އިންތިހާބުގައި ވާދަނުކުރައްވާނެ އެވެ. ބައްސާމްގެ ތާއީދާ އެކު، ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރަނީ، މުފާ ކަމަށް ވަނީ އެނގިފަ އެވެ. އެ ގޮތުން، މުފާގެ ޓީމުގައި، ބައްސާމާ އެކު މަސައްކަތް ކުރި ގިނަ ފަރާތްތަކެއް ހިމެނެ އެވެ.

މުފާ ހުށަހެޅި އެކްސްކޯ ގައި އެފްއޭއެމް އެންމެ ފަހުން އޮތް، ރައީސް ބައްސާމް އަދީލް ޖަލީލްގެ އެކްސްކޯގައި މަސައްކަތްކުރި އަހްމަދު ޝަކީބު (ޑޮކް) އާއި ކުރިން އެކްސްކޯއިން އިސްތިއުފާދިން، ކްލަބް ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލު (މުއާބެ) ހިމެނެ އެވެ.

މުއާބެ، ހިމަނާފައިވަނީ މުފާގެ ޓީމުގެ ނައިބު ރައީސްގެ ގޮތުގަ އެވެ. ދެން ނައިބު ރައީސަކަށް ހިމެނީ، ބުރު ސްޕޯޓްސްގެ މުހައްމަދު އަހްސަން އެވެ. މުފާގެ ކެންޑީޑެސީ ފޯމުގައި ދެން، އެކްސްކޯ މެމްބަރުންގެ ގޮތުގައި ހިމަނާފައިވަނީ ބުރުގެ މެނޭޖަރު އަރުޝަދު އަޝްރަފު، ޖޭޖޭ ސްޕޯޓްސް ކްލަބުން ކުރީގެ ގައުމީ ޓީމުގެ ފޯވާޑް ހަސަން އަދުހަމް (ސަޑޭ) އާއި ޔުނައިޓެޑް ވިކްޓަރީގެ ރައީސް، އިސްމާއީލް ޝަފީއު (އިއްސެ) އާއި ބުރުގެ މުހައްމަދު ހަސަން އެވެ. ދެން އަންހެން މެމްބަރުގެ މަގާމަށް ހިމަނާފައިވަނީ، ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި މިހާރު ކޯޗިންގައި ފާހަގަކުރެވޭ، މަރްޔަމް މިރްފަތު އެވެ.