11 މޭ 2022 - 20:05 0
ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު ފައިސަލް.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު
11 މޭ 2022 - 20:05 0
އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން އޭޝިއާ ސަރަހައްދުގެ ނޮން-އެލިޖިބަލް ގައުމުުތައް ތަމްސީލްކުރާނެ ފަރާތަކަށް ރާއްޖޭގެ ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު ފައިސަލް އިންތިހާބުވެއްޖެ އެވެ.
އައިސީސީން މި ގޮޮތަށް ނިންމާފައިވަނީ އޭޝިއާގެ ނޮން-އެލިޖިބަލް ގައުމުތައް ތަމްސީލްކުރާނެ ފަރާތެއް ނޮމިނޭޓްކުރަން ދިން މުއްދަތު ހަމަވިއިރު، ލިބުނީ ހަމައެކަނި ފައިސަލްގެ ނަން ކަމަށްވާއިރު، އޭނާ އަށް ހުރިހާ ގައުމެއްގެ ތާއީދު އޮތުމުންނެވެ.
އައިސީސީގައި އޭޝިއާ ސަރަހައްދު ތަމްސީލް ކުރުމުގެ ފުރުސަތު ފައިސަލަށް ލިބިފައިވާ މުއްދަތަކީ މި އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން 2024 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށެވެ.
މަގާމުގެ ޒިންމާއާ ހަވާލުވެވަޑައިގެން ހުންނަވައި، ފައިސަލް ކުރައްވަން ޖެހޭނެ މަސައްކަތްތަކަކީ ވޯޓު ނުލެވޭ ގައުމުތަކުގެ ފަރާތުން އައިސީސީގެ އެކި ބައްދަލުވުންތަކުގައި ބައިވެރިވުމާއި އައިސީސީގެ އެކި މަސައްކަތްތަކާ ބެހޭ މުހިންމު ބައްދަލުވުންތަކުގައި ބައިވެރިވުމެވެ.
އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ) އިން މިދިޔަ މާޗް މަހު ބޭއްވި އަހަރީ އާންމު ބައްދަލުވުމުގައި ވަނީ މިހާރުގެ ލީޑަޝިޕާއި ކޮމިޓީތަކުގެ ދައުރު ދައްމާލަން ނިންމާލައިފަ އެވެ. އޭސީސީން ނިންމީ މިހާރު ލީޑަޝިޕްގެ އެކި މަގާމުތަކުގައި ތިބި ފަރާތްތަކާއި ކޮމިޓީތަކުގައި ތިބި އެންމެންގެ މަގާމުތަކުގެ ދައުރު 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއާ ހަމައަށް ކުރިއަށް ގެންދިއުމަށެެވެ. އެ ނިންމުމާ އެކު އޭސީސީ އެގްޒެކެޓިވް ބޯޑުގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފައިސަލްގެ ދައުރު ވެސް ވަނީ އިތުރުުވެފަ އެވެ. އެސޯސިއޭޓް މެމްބަރު ގައުމުތަކުގެ ތާއީދާ އެކު ފައިސަލް އެ މަގާމަށް އެންމެ ފުރަތަަމަ އިންތިހާބުވީ މިދިޔަ އަހަރު އެވެ.
ރާއްޖޭގެ ކްރިކެޓް ބޯޑުގައި މިހާރު އޮތް ލީޑަޝިޕް، ކަމަށްވާ ރައީސް ފައިސަލްގެ ހިންގާ ބޯޑުން އެސޯސިއޭޝަން ހިންގުމާ ހަވާލުވީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި އިންތިހާބު ކާމިޔާބު ކޮށްގެންނެވެ. އޭގެ ފަހުން މިވީ މުއްދަތުގައި ރާއްޖޭގެ ކްރިކެޓްގައި ތަފާތު ގިނަ އާ ކަންތައްތަކެއް ކޮށްފައިވާއިރު، ކްރިކެޓް ޑިވެލޮޕްކުރުމަށް 2030 ވަނަ އަހަރާ ހަމައަށް ކާމިޔާބުގެ މަގުޗާޓެއް ހިމެނޭހެން ދުރުރާސްތާ ޕްލޭނެއް ވަނީ ތައްޔާރުކުރަން ފަށައިފަ އެވެ.
Comment