Advertisement

އިޒްރޭލް ސިފައިން އަލް ޖަޒީރާގެ ނޫސްވެރިއެއްގެ ގަޔަށް ބަޑި ޖަހައި މަރާލައިފި

މަރުވީ ތަޖުރިބާކާރު ނޫސްވެރިޔާ ޝީރީން އަބޫ އަކްލެހް. -- ފޮޓޯ: ޖަސްޓް ޕޮލިޓިކްސް


އިޒްރޭލް ސިފައިން އަލް ޖަޒީރާގެ ނޫސްވެރިއެއްގެ ގަޔަށް ބަޑި ޖަހައި މަރާލައިފި

ޖެނިން، ފަލަސްތީން (މޭ 11) - އަލް ޖަޒީރާގެ ތަޖުރިބާކާރު ނޫސްވެރިޔާ ޝިރީން އަބޫ އަކްލެހް ހުޅަނގު އައްސޭރީގައި އިޒްރޭލް ސިފައިން ހިންގަމުން ދިޔަ އޮޕަރޭޝަނެއް ރިޕޯޓު ކުރަން އުޅެނިކޮށް ބަޑި ޖަހައި މަރާލައިފި އެވެ.

އޭނާ މަސައްކަތް ކުރީ އިޒްރޭލުން ވެރިވެގަނެގެން އުޅޭ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެނިން އަވަށުގައި ބުދަ ދުވަހުގެ ހެނދުނު އިޒްރޭލް ސިފައިން ހިންގި އޮޕަރޭޝަނެއް ރިޕޯޓު ކުރުމަށެވެ. ގަތަރުގައި މައި އޮފީސް ހުންނަ، އަލް ޖަޒީރާއިން ބުނީ 51 އަހަރުގެ ނޫސްވެރިޔާގެ ގަޔަށް ބަޑި ޖަހައި މަރާލީ ގަސްތުގައި ކަމަށެވެ.

ހުޅަނގު އައްސޭރީގެ ސިއްހީ އޮފިޝަލުން ބުނީ ބަޑި ޖެހިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ޝީރީން މަރުވި ކަމަށެވެ. ޝީރީންއަކީ އަލް ޖަޒީރާގެ އަރަބި ޗެނަލްއަށް މަސައްކަތް ކޮށްދޭ މަގްބޫލް ފަލަސްތީނުގެ ނޫސްވެރިއެކެވެ. ގިނަ ބަޔަކަށް އޭނާ އެނގެ އެވެ.

ޝީރީންއާ އެކު ބުދަ ދުވަހުގެ އޮޕަރޭޝަން ރިޕޯޓު ކުރަމުން ދިޔަ އަލް ގުދުސް ނޫހުގެ ނޫސްވެރިއަކަށް ވެސް އިޒްރޭލް ސިފައިން ހަމަލާ ދިނެވެ. އޭނާއަށް ދަނީ ފަރުވާ ކުރަމުންނެވެ.

ނޫސްވެރިންނަށް ހަމަލާ ދިން މަންޒަރުގެ ވީޑިއޯއިން ފެންނަ ގޮތުގައި ޝީރީން ހުރީ ނޫސްވެރިއެއްކަން އަންގައިދޭ "ޕްރެސް" ލިޔެފައިވާ ގަދަ ނޫކުލައިގެ ޖެކެޓު ލައިގެންނެވެ.

އިޒްރޭލް ސިފައިން ބުނީ އޮޕަރޭޝަން ހިންގަމުން ދަނިކޮށް ސިފައިންނަށް އަމާޒުކޮށް ބަޑި ޖަހައި ގޮވާ ތަކެތި އުފަން ފެށުމުން ރައްދުގައި ބަޑި ޖެހީ ކަމަށެވެ. ނޫސްވެރިންގެ ގަޔަށް ވަޒަން އެރި ގޮތް ބަލަމުންދާ ކަމަށާއި އެއީ "ފަލަސްތީނުގެ ޓެރަރިސްޓުން" ކުރި ކަމަކަށް ވުން އެކަށީގެންވާ ކަމަށް ބުންޏެވެ.

އަލް ޖަޒީރާއިން ނެރުނު ބަޔާނެއްގައި ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލީ ފަލަސްތީނުގެ ބިންތަކަށް އަރައިގެން އުޅޭ އިޒްރޭލުގެ ފައުޖުތައް ޖަވާބުދާރީ ކުރުމަށެވެ. ނޫސްވެރިޔާ މަރާލީ އަނިޔާވެރިކަމާ އެކު މަރާލުމުގެ ނިޔަތުގައި ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު އަމަލެއް ހިންގައިގެން ކަމަށް ބުންޏޭވެ.