Advertisement

އިރުމަތީ ގުދުސްގެ އިމާރާތެއް ބިމާ ހަމަ ކުރުމުން 35 މީހުން މަގުމަތިވެއްޖެ

އިޒްރޭލުން އިރުމަތީ ގުދުސްގައި ފަލަސްތީން މީހުން ދިރިއުޅޭ އިމާރާތެއް ބިމާ ހަމަ ކުރަނީ. -- ފޮޓޯ: އޭއެފްޕީ


އިރުމަތީ ގުދުސްގެ އިމާރާތެއް ބިމާ ހަމަ ކުރުމުން 35 މީހުން މަގުމަތިވެއްޖެ

ގުދުސް (މޭ 10) - އިޒްރޭލުން ވެރިވެގަނެގެން އުޅޭ އިރުމަތީ ގުދުސްގައި ފަލަސްތީން މީހުން ދިރިއުޅޭ އިމާރާތެއް ބިމާ ހަމަ ކުރުމުން 35 މީހުން މަގުމަތިވެއްޖެ އެވެ.

އިޒްރޭލުން ބުނީ ސިލްވާން ނެއިބާހުޑްގައި ހުންނަ ތިން ފަންގިފިލާގެ އިމާރާތް ބިމާ ހަމަ ކުރީ، ގޭގެ ވެރިންގެ އަތުގައި ހޯދަން ޖެހޭ ހުއްދަތައް ނެތުމުން ކަމަށެވެ.

އިމާރާތް ބިމާ ހަމަ ކުރުމުން މަގުމަތިވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ. އިރުމަތީ ގުދުސް އަދި ހުޅަނގު އައްސޭރީގައި ފަލަސްތީނު މީހުން ދިރިއުޅޭ ގެތަކުގެ ވެރިންގެ އަތުގައި ހުއްދަ ނެތް ކަމަށް ބުނެ އިމާރާތްތައް ބިމާ ހަމަ ކުރުމަކީ އިޒްރޭލުން އާއްމުކޮށް ކުރާ ކަމެކެވެ.

އަންގާރަ ދުވަހު ބިމާ ހަމަކުރި އިމާރާތުގައި ދިރިއުޅޭ މީހުން ބުނީ އިޒްރޭލުގެ އޮފިޝަލުން ހެނދުނު އައިސް އެ މީހުން ގެއިން ނެރެލީ ހިފާ ގެންގުޅޭ ތަކެއްޗާއި އެހެނިހެން މުދާ ނަގަން ފުރުސަތު ވެސް ނުދީ ކަމަށެވެ.

އިޒްރޭލުގެ ސިފައިން އައިސް ބަރު އުޅަނދުތަކުގެ އެހީގައި އިމާރާތް ހަމަކުރި އިރު، ފަލަސްތީނުގެ ޒުވާނުން މަންޒަރު ބަލަން ތިބި ކަމަށް އޭއެފްޕީއިން ރިޕޯޓު ކުރި އެވެ.

އެ އިމާރާތުގައި ދިރިއުޅޭ ރަޖާބީ އާއިލާއިން ބުނީ ހުއްދައިގެ މައްސަލަ ކޯޓުގެ ތެރެއިން ހައްލު ކުރަން އެ މީހުން ފީތަކާއި ޖޫރިމަނާގެ ގޮތުގައި 100،000 އަށް ވުރެ ގިނަ ޑޮލަރު ދެއްކި ކަމަށެެވެ.

އެ އިމާރާތުގައި ފަސް އެޕާޓްމަންޓް ހުންނަ އިރު، ހުރިހާ އެޕާޓްމަންޓެއްގައި ވެސް އުޅުނީ ރަޖާބީ އާއިލާގެ މެމްބަރުންނެވެ.

ގުދުސްގެ އޯލްޑް ސިޓީއާ ޖެހިގެން އޮންނަ ސިލްވާން ނެއިބާހުޑަކީ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން އާބާދު ކުރަން މަސައްކަތް ކުރާ ގްރޫޕްތަކުން ވަރަށް ގަޔާވާ ނެއިބާހުޑެކެވެ.

ފަލަސްތީނުގެ ރެޑް ކްރޮސްއިން ބުނީ އަންގާރަ ދުވަހު އިމާރާތް ބިމާ ހަމަކުރި އިރު، ފަލަސްތީނުގެ ފަސް މީހުންނަށް އިޒްރޭލް ފުލުހުން އަނިޔާ ކުރި ކަމަށެވެ. އޭގެ ތެރެއިން އެކަކަކީ ނޫސްވެރި އެކެވެ.

އދ. އިން ބުނާ ގޮތުގައި އިރުމަތީ ގުދުސްގައި މި އަހަރު އެކަނިވެސް 40 އަށް ވުރެ ގިނަ އިމާރާތް ބިމާ ހަމަ ކުރުމުން، 100 އަށް ވުރެ ގިނަ މީހުން މަގުމަތިވި އެވެ.