Advertisement

ހަގީގަތާ ބީރައްޓެހި ވުމުން ޖެހި މެޑަލްއިން އޮފު ކެނޑިފައި

11 މޭ 2022 - 09:44 1

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

އެމްއެންޔޫގެ ލެކްޗަރާއިން އިހުތިޖާޖްކުރަނީ. ޑިމާންޑަކީ މުސާރަ ބޮޑުކުރުން. ފޮޓޯ: މުޙައްމަދު ޝާބިން/އަދަދު


ހަގީގަތާ ބީރައްޓެހި ވުމުން ޖެހި މެޑަލްއިން އޮފު ކެނޑިފައި

11 މޭ 2022 - 09:44 1

އެޑިޔުކޭޝަން މިނިސްޓަރުގެ މޫނުމަތިން އެކަނިވެސް ކަމުގެ އުފާވެރިކަމާއި ހިތްހަމަޖެހުން ސިފަވި އެވެ.

"އަޅުގަނޑުމެނަށް މި ލިބުނީ ވަރަށް ރަނގަޅު އީދު ހަދިޔާއެއް،" އައިޝަތު އަލީ އެ ދުވަހު ވިދާޅުވި އެވެ.

ޓީޗަރުންގެ މުސާރަ ބޮޑުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު މިއަހަރު ފުއްދަވާނެކަން އެމަނިކުފާނު ވަނީ މިދިޔަ ފެބްރުއަރީ މަހު އިއުލާނު ވެސް ކުރައްވައިފަ އެވެ.

މަސައްކަތްތެރިންގެ ދުވަހާއި އަދި އެއާ ވިދިގެން އައި އީދު ދުވަހުގެ ކުރިން ކުއްލި ގޮތަކަށް އެކަން އިއުލާނު ކުރަން ނިންމެވީ ވެސް އެކަމަށް އެންމެ މުނާސަބަ ދުވަހަށް ވާތީ ކަމަށް ވެދާނެ އެވެ.

ގައުމާ މުހާތަބު ކުރައްވައި އެ އީދު ހަދިޔާ އިއުލާނު ކުރެއްވުމުގެ ކުރިން ރައީސް އޮފީހަށް ނޫސްވެރިން ގެންދިޔަ އެވެ. ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް އައި ބަދަލު ރިޔާސީ އިއުލާނަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ކުރިން ނޫސްވެރިންނަށް ރަނގަޅަށް އޮޅުންފިލުވައިދީ ސާފުކޮށް ދިނުމަށެވެ.

އަތަށް ދިން ކަރުދާސްތައް މަތިމަތިން ދިރާސާކުރަމުން ދިޔަ އިރު، ލޮލުގައި އެއް ކަމެއް އޭރުވެސް އަޅައިގަތެވެ. މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވެފައިވަނީ ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަތައް ބޮޑު ކުރައްވާނެ ވާހަކަ އެވެ. އެކަމަކު އެ އޮނިގަނޑުން ލެކްޗަރާއިންގެ ބައެއް ނުފެނުނެވެ. ނޫސްވެރިންގެ ރަސްމީ ބައްދަލުވުމުގެ ކުރިން ބޭއްވި އެ ބައްދަލުވުމުގައި ވެސް އެކަން ސާފުކުރަން ސުވާލު އަމާޒު ވެސް ކުރި އެވެ. ރައީސް މިދިޔަ ފެބްރުއަރީ މަހު ވިދާޅުވި ތައުލީމީ ދާއިރާގައި ލެކްޗަރާއިން ނުހިމެނޭތޯ ސާފު ކުރާށެވެ. ނަމަވެސް، އޭރު އެކަމަށް ލިބުނީ ވަރަށް ފިނި ޖަވާބެކެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށުގައި ތިބެނީ ހަމައެކަނި ޓީޗަރުން ކަމަށާއި ލެކްޗަރާއިންނަކީ ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބަލަހައްޓާ ބައެއް ކަމަށް ބުނެ އެވެ. އޭރު ލިބުނު ޖަވާބު ދެކޮޅު ނުޖެހިގެން ނޫސްވެރިންގެ ރަސްމީ ބައްދަލުވުމުގައި ވެސް އެ ސުވާލު ކުރި އެވެ. އެކަމަކު އެދެވޭ ޖަވާބެއް ދެން ވެސް ނުލިބުނެވެ.

ލެކްޗަރާއިންގެ ހިތްހަމަނުޖެހުން

އެ ދުވަހު އިއުލާނު ކުރި މުސާރައިގެ އޮނިގަނޑަކީ ބަދެލެކޭ ބުނާ ވަރުގެ ހެޔޮ ބަދަލެކެވެ.

ކުރިން 20،000ރ. ލިބުނު ޕްރިންސިޕަލަށް މިހާރު 30،000ރ. އިން މަތިން ލިބޭނެ އެވެ. ޑެޕިއުޓީ ޕްރިންސިޕަލުންގެ މުސާރަ 16،000ރ. އިން 24،000ރ. އަށް އިތުރުވެއްޖެ އެވެ. ކުރިން 10،000ރ.، 12،000ރ. އަދި 14،000ރ. ލިބޭ ޓީޗަރުންނަށް މެއި މަހުގެ މުސާރައިގެ ގޮތުގައި 13،000ރ.، 19،000ރ. އަދި 20،000ރ. ލިބޭނެ އެވެ.

އާ އޮނިގަނޑު އިއުލާނު ކުރުމުގެ ކުރިން އެޑިޔުކޭޝަނުން އޮތީ ޓީޗަރުންގެ އުފާވެރި ޝުއޫރުތައް ހާމަކުރަން ވީޑިއޯ ކްލިޕުތަކެއް ވެސް ދުރާލައި ރެކޯޑުކޮށްފަ އެވެ. ނޫސްވެރިންގެ ބައްދަލުވުމަށްފަހު މާގިނައިރުތަކެއް ނުވެ އެ ވީޑިއޯތައް ސޯޝަލް މީޑިޔާގައި އާންމު ކުރަން ފެށި އެވެ.

ލިބޭ އުޖޫރަ ބޮޑުވުމުގެ އުފާ ޓީޗަރުން ފާޅުކުރަމުންދިޔައިރު، އަނެއް ކޮޅުން ލެކްޗަރާއިންގެ މޮޅިވެރިކަން ދިޔައީ އެއާ އެއްވަރަށް އިތުރުވަމުންނެވެ. ކަން ހިނގީ ކުރީންވެސް އަންދާޒާ ކުރެވުނު ގޮތަށެވެ. ރައީސް ވިދާޅުވި "ތައުލީމީ ދާއިރާ"އިން ލެކްޗަރާއިން ބާކީ ކޮށްލުމުގެ އިހުސާސް ކުރެވުނީ އެވެ.

"އިޖްތިމާއީ އަދާލަތު ހިފެހެއްޓުމަށް ޓަކައި ވެސް، ހުރިހާ ދާއިރާއަކަށް މިބަދަލު ގެނައުމަކީ އަޅުގަނޑު ކުރާނެ ކަމެއް،" ހުރިހާ ދާއިރާގެ މުސާރައަށް ވެސް ހެޔޮ ބަދަލު އަންނާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވި އެވެ.

އެކަމަކު ރިޔާސީ ހިތާބުގައި ރައީސް އެ ދެއްވި ޔަގީންކަން އެ މީހުނަކަށް ނުފުދެ އެވެ.

އައިޔޫއެމް އިން "އަދަދު"އާ ވާހަކަ ދެއްކި ލެކްޗަރާއިން ބުނި ގޮތުގައި އެ މީހުންގެ މުސާރަ ބޮޑުކޮށްދޭނެ ކަމަަަށް ނުރަސްމީކޮށް އެކި ފަހަރު ބުނެފައިވާ ކަމަށާއި އެކަމަކު އެކަން ހަގީގަތަކަށް ނުވާ ކަމަށެވެ.

"އަޅުގަނޑުމެންނަކީ ވެސް ހަމަ ތައުލީމު ފޯރުކޮށްދޭ ބައެއް. މީގެ ކުރިން ހަމަ އެއް ކެޓަގަރީއެއްގައި އޮތީ ޓީޗަރުންނާ، އެހެން ނަމަވެސް އެންމެ ފަހުން މިކަން [މުސާރަ ބޮޑުކުރުމުގެ ކަންތައް] ނިމިގެން އައި އިރު އަޅުގަނޑުމެންގެ ކެޓަގަރީއެއް ނޭނގުނު،" އައިޔޫއެމްގެ ލެކްޗަރާ އަކު ވިދާޅުވި އެވެ.

އޭނާ އާއި އެ ޔުނިވާސިޓީގެ އެެހެން ބައެއް ލެކްޗަރާއިން ވެސް ވިދާޅުވީ އެތަނުގެ ލެކްޗަރާއިންގެ މުސާރަ މީގެ ކުރިން އޮތީ އެމްްއެންޔޫގެ މުސާރަތަކަށް ވުރެ ވެސް ކުޑަކޮށް ކަމަށެވެ. އަދި ޓީޗަރުންނާ އެއް މިންވަރަކަށް މަަސައްކަތްކޮށް އޮފީހުގައި އެއް ވަރަކަށް ވަގުތު ހޭދަކުރާއިރު ލެކްޗަރާއިންގެ މުސާރައަށް ބަދަލެއް ނުގެނައުމަކީ ގޯހެއް ކަމަށް އޭނާ ދެކެ އެވެ.

ލެކްޗަރާއިންގެ މުސާރަ ބޮޑުނުވާތާ މިހާރު 10 އަހަރު ވެފައިވާއިރު އެކަން ކުރުމުގެ މަޝްވަރާތައް ކުރާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ފަހުން ވިދާޅުވުން އެ މީހުނަކަށް ގަބޫލެއް ނުކުރެވެ އެވެ.

"މިހާރު އަޅުގަނޑުމެންގެ މުސާރައަކީ މާސްޓާސް ޓީޗަރެއްގެ މުސާރަ. އެ މުސާރައެއް ނޫން މިހާރު [އަޅުގަނޑުމެންނަށް] ހައްގުވާނީ. އެއީ 10 އަހަރު ކުރީގެ މުސާރައެއް،" އެމްއެންޔޫގެ އެސިސްޓެންޓް ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ އާމިނަތު ޝާފިޔާ އާދަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު އެ މުސާރަ ކުޑަކަމަކަށް ގަބޫލުކުރައްވަނީ ހިދުމަތާއި ތަކެތީގެ އަގުބޮޑުވެ، ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެފައިވާތީ އެވެ.

"ޒަރޫރީ ހުރިހާ ބޭނުންތަކެއް މިއޮތީ އަގުބޮޑުވެފައި. އެހެންވެއްޖެއްޔާ އަޅުގަނޑުމެން، މީގެ 10 އަހަރު ކުރިން 2012 ގައި އުޅުނު ރީތި ތާހިރު ދިރިއުޅުމެއް މިހާރު އަޅުގަނޑުމެންނަކަށް ނޫޅެވޭނެ. އެހެންވީމާ އެންމެނަށް ހަމަހަމަ ގޮތެއްގައި މި ތާހިރު ދިރިއުޅުން ހޯއްދަވައި ދެއްވަން ޖެހޭނެކަމަށް އަޅުގަނޑުމެން ދެކެނީ،" އޭނާ ވިދާޅުވި އެވެ.

އެކަން އަވަސް ކުރަން ގޮވާލައި ސަރުކާރަށް ޕްރެޝަރު ކުރަން ލެކްޗަރާއިން ވަނީ ހިމޭން އިހުތިޖާޖެއް ވެސް ފަށައިފަ އެވެ.

މުސާރަ ބޮޑުކުރުމުގެ ރާޅު ބާނި

ލެކްޗަރާއިންގެ މުސާރައިގެ އޮނިގަނޑު ބަދަލުކުރުމުގެ މަސައްކަތަށް އަވަސް ވެގަނެގެން އުޅެނިކޮށް، ސަރުކާރަށް މިހާރު ވަނީ އިތުރު ބޮލުރިހުމަކާ ކުރިމަތިވެފަ އެވެ.

ސިއްހީ ދާއިރާގެ ހިދުމަތްތެރިން އެ ކުރައްވާ ބުރަ މަސައްކަތް އަޅުގަނޑުމެން ހަނދާން ނައްތައެއް ނުލަން. - ރައީސް ސޯލިހު

"ހަނދާން ނައްތާނުލާ"ކަމަށް މެއި އެއް ވަނަ ދުވަހު ރައީސް ވިދާޅުވި ސިއްހީ ދާއިރާއިން ވެސް މިވަނީ މުސާރަ ބޮޑުކުރަން ގޮވާލައި އިހުތިޖާޖަށް ނުކުމެފަ އެވެ.

މޯލްޑިވްސް ހެލްތު ޕްްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ)އިން ބުނާ ގޮތުގައި މުސާރައިގެ އާ އޮނިގަނޑާއި ޕޭ ހާމަނައިޒޭޝަނަށް ވަކާލުކުރާތާ އެތައް އަހަރެއް ވެފައިވާއިރު، އެ މަސައްކަތް ވަނީ ވަރަށް ބޮޑަށް ލަސްވެފަ އެވެ.

އަދި ޓީޗަރުންނަށް ސަރުކާރުން ދިން އިސްކަން ސިއްހީ ހިދުމަތްތެރިންނަށް ނުލިބެނީ އޭގެ ސިޔާސީ މަންފާ ކުޑަކަމުން ކަމަށް އެ މީހުން ތުހުމަތު ކުރެ އެވެ.

"އަޅުގަނޑުމެން ހަތަރު އަހަރު ވެއްޖެ އެކަމަށް ލޮބީކުރާތާ. އެ މަސައްކަތް މިވަނީ ވަރަށް ބޮޑަށް ލަސްވެފަ. އެކަމަކު ޕޭ ހާމަނައިޒޭޝަން ފަދަ ހައްގެއް އެއީ ޕޮލިޓިކަލްކޮށްގެން ކުރެވޭނެ ކަމެއް ނޫން. ސިޔާސީ ގޮތުން ވޯޓަށް ބަލައި އާބާދީ ބޮޑު ބަޔަކަށް އަމާޒުކޮށްގެން ކުރަން އޮންނަ ކަމެއް ނޫން. ހަމަހަމަކޮށް ކުރަން ޖެހޭނީ ސަރުކާރުން،" އެ ޔޫނިއަނުގެ ފަރާތުން މި ނޫހަށް މައުލޫމާތު ދެއްވަމުން ފާތިމަތު ޒިމްނާ ބުންޏެވެ.

އޭނާ ބުނީ އެ 150 މެމްބަރުންގެ އެ ޔޫނިއަނުގެ ހަރަކާތްތަކުގައި ގާތްގަނޑަކަށް 600 އެއްހާ މަސައްކަތްތެރިން ބައިވެރިވާ ކަމަށެވެ. އަދި އެ ޔޫނިއަނުގެ މެމްބަރުން އިތުރުކުރުމުގެ މަސައްކަތާއި ލޮބީކުރުން ވަރުގަދަކޮށް، ކޮންމެ ހަފްތާއަކުހެން އެ މުޒާހަރާތައް ކުރިއަށް ގެންދިޔުމަށް އެ ޔޫނިއަނުން ރާވަމުންދާ ކަމަށް ޒިމްނާ ބުންޏެވެ.

އަދި ކުރިއަށް އޮތްތަނުގައި އަތޮޅު ތެރޭގަ ވެސް އެކަންކަން ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވި އެވެ.

މި ނޫން ގޮތަކަށް މިކަން ނުކުރެވޭނެ؟

މި ހިތްހަމަނުޖެހުންތަކުގެ ދިފާއުގައި ސަރުކާރުން ތަކުރާރުކޮށް ނަގަނީ ޕޭ ހާމަނައިޒޭޝަން ނޫނީ މުސާރަތައް އެއް ހަމަ ކުރުމެވެ. ސަރުކާރުން ބުނާ ގޮތުގައި އެ މަސައްކަތް ނިމި މުސާރަތައް އެއް ހަމަ ކުރުމުން މުސާރައިގެ ފަރަގުތައް ނައްތާލެވޭނެ އެވެ.

އެކަމަކު އެ ވާހަކަ ދައްކާތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެ މަސައްކަތް ނިމޭނެ ދުވަހެއް ވެސް އަދި ނޭނގެ އެވެ. އަދި އެކަމުން އެހެން ދާއިރާތަކުގެ މުސާރަތަކަށް އަންނާނެ ސީދާ ބަދަލެއް ވެސް ސާފެއް ނޫނެވެ.

ޕޭ ހާމަނައިޒޭޝަންގެ ސިޔާސަތާއެކު ގިނަ ދާއިރާތަކުގެ މުސާރަ އެއް ހަމައަކުން ބޮޑު ކުރުމުގެ ފުރުސަތު ސަރުކާރަށް ވަނީ ގެއްލިފަ އެވެ.

ހަމައެކަނި ޓީޗަރުންގެ މުސާރަ 50 ޕަސަންޓަށް ވުރެ މަތިން ބޮޑުކޮށް ދީގެން ސަރުކާރުން ވަނީ މިންގަނޑެއް ކަނޑައަޅައިފަ އެވެ. އެއީ ހަމަ ޔަގީނުން ވެސް އެހެން ދާއިރާތަކުން މުސާރަ ބޮޑުވީ ކަމަށް ބަލާނެ މިންގަނޑެވެ. އެއަށްވުރެ ތަންފުކެއްގެ މަދުވުމެއް ވެސް ދެން ގަބޫލެއް ނުކުރާނެ އެވެ.

ލެކްޗަރާއިންނާއި ސިއްހީ ހިދުމަތްތެރިން އެއީ އަދި ފެށުމެވެ. މުސާރަ ކުޑަވެގެން ޝަކުވާކޮށް މިދިޔަ އަހަރު އިހުތިޖާޖަށް ނުކުތް ސިވިލް ސާވަންޓުން ވެސް ތިބީ އެވެ. އިސާހިތަކު އެ މީހުންގެ ކެތްތެރިކަން ވެސް ކޮޅުންލާނެ އެވެ.

ރިޔާސީ ވައުދުތައް ނުފެއްދޭ ކަމަށް ތާއަބަދު އަމާޒުވެފައިވާ ސަރުކާރުން އީދު ދުވަހާ ދިމާކޮށް ފުއްދީ މުހިންމު ވައުދެކެވެ. ޓީޗަރުންގެ މުސާރަ ބޮޑުކުރުމަކީ ސިޔާސީ ގޮތުން ބެލި ނަމަވެސް ސަރުކާރަށް ބޮޑު މޮޅެކެވެ.

ނަމަވެސް އޭގެ ފަހަތުން ދެން ނުކުންނާނެ ނަތީޖާ ރަނގަޅަށް ނުވިސްނި، ރިޔާސީ ބިޔަ ވައުދެއް ފުއްދައިގެން ޖެހި މެޑަލްގެ އޮފު މިހާރު ވަނީ ރަނގަޅަށް ވެސް ކެނޑިފަ އެވެ.