10 މޭ 2022 - 22:58 0
ލީގުގެ މެޗެެއްގައި ގޯލު ޖެހުމަށް ފަހު އިއްބެ އުފާފާޅުކުރަނީ: މިރޭ އިއްބެ ވަނީ ބަދަލަކަށް އަރައި ގޯލު ޖަހާފައި.-- ފޮޓޯ: އަދަދު
10 މޭ 2022 - 22:58 0
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް ގްރީން ސްޓްރީޓްސް 4-0 އިން ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ލީގު ބޮޑު ބްރޭކަށްދާއިރު، އެއް ވަނަ ކަށަވަރުކޮށްފި އެވެ.
ލީގުގައި މާދަމާ ކުޅޭ ދެ މެޗަށް ފަހު އަންނަ މަހުގެ 21 ވަނަ ދުވަހާ ހަމައަށް ބްރޭކެއް ނަގާނެ އެވެ. އެއީ މި މަހު 18-24 އަށް މާޒިޔާ އިން ކުޅޭ އޭއެފްސީ ކަޕް ދެކުނު އޭޝިއާ ގްރޫޕްގެ މެޗުތަކާއި އަންނަ މަހު އުޒްބެކިސްތާންގައި ސެންޓްރަލައިޒްކޮށް ބާއްވާ އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގެ މެޗުތަކަށެެވެ. ބްރޭކަށް ފަހު އައިސް މާޒިޔާ އިން ލީގުގައި ކުޅޭނެ ފުރަތަމަ މެޗަކީ ޖޫން 22 ވަނަ ދުވަހުގެރޭ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗެވެ. ބްރޭކުގެ ކުރިން ޓީސީ ކުޅުނު ފަހު މެޗުން މިއަދު ވަނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން މޮޅުވެ، ތިން ވަނަ އަށް ޖެހިލައިފަ އެވެ.
ބްރޭކަށްދާއިރު، މާޒިޔާ އެއް ވަނައިގައި އޮންނާނީ 12 މެޗުން 33 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ކްލަބް އީގަލްސް އަށް 11 މެޗުން 28 ޕޮއިންޓް ލިބިފައިވާއިރު، މާދަމާރޭ ޔުނައިޓެޑް ވިކްޓްރީ އަތުން މޮޅުވެގެން ވެސް އީގަލްސް އަށް ބްރޭކުގެ ކުރިން ދެވޭނީ މާޒިޔާއާ ދެ ޕޮއިންޓަށް ކައިރިއަށެވެ.
މާޒިޔާ އިން ކުރިއަށް ޖެހިގެން ފުރަތަމަ މިނިޓުން ފެށިގެން ކުޅުނުއިރު، ގްރީން ސްޓްރީޓްސް އިން ވަނީ ފުރަތަމަ ހަމަލާ ފޮނުވާލައިފަ އެވެ. މެޗުގެ ހަތަރު ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ އަންސަރު އިބްރާހިމް (އަންކޮ) ބޮލުން ޖެހި ބޯޅަ ކީޕަރު ނޭޕާލްގެ ކިރަން ކުމާރް ޝެމްޝޮން ވަނީ އަތަށް ނަގައިފަ އެވެ. އޭގެ ފަހުން މާޒިޔާ އިން ރަނގަޅު ދެ ޝޮޓެއް ފޮނުވާލި އެވެ. މާޒިޔާގެ ސްޕެއިން މިޑްފީލްޑަރު ޓަނާ ޑޮމިންގޭޒާއި އިބްރާހިމް އައިސަމް ޖެހި ބޯޅަތައް ގްރީން ސްޓްރީޓްސް ގޯލު ބެލެހެއްޓުމާ ހަވާލުވެހުރި، އަހުމަދު ރަމީޒް ވަނީ މަތަކޮށްފަ އެވެ.
މެޗުގެ 14 ވަނަ މިނިޓްގައި ކައުންޓަ އެޓޭކުގައި ގްރީން ސްޓްރީޓްސްގެ އަލީ ޝާމިސް (ތޮއްޕޭ) އޭރިއާތެރެއަށް ވަދެ ޖެހި ބާރު ބޯޅަ ކީޕަރު ކިރަން ވަނީ މަތަކޮށްފަ އެވެ.
މާޒިޔާ އިން ލީޑުނެގީ މެޗުގެ 16 ވަނަ މިނިޓްގަ އެވެ. މިއީ މާޒިޔާގެ ސެއިން ވިންސެންޓްގެ ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ނެގި ހުރަހަކުން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު އައިސަމް ޖެހި ބޯޅަ ގޯލަށް ވަނީ ކީޕަރު ރަމީޒް އަތުގައި ޖެހިފަ އެވެ. އޭގެ ދެ މިނިޓް ފަހުން ކޯނޭ ވަނީ ގޯލެއް ޖަހައިފަ އެވެ. އެކަމަކު، ޓަނާ ދިން ބޯޅަ ގޯލަށް ފޮނުވާލަން އެރުމުގެ ކުރިން ކޯނޭ ވަނީ ގްރީން ސްޓްރީޓްސްގެ ކެޕްޓަން މުހައްމަދު ސައިފަށް ފައުލުކޮށްފަ އެވެ. އެހެންވެ، ރެފްރީ މުހައްމަދު ޖާވިޒް ނިންމީ ފައުލެއް ކަމަށެވެ.
އޭގެ ފަހުން ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާ އިން ލީޑުފުޅާކުރަން ފޮނުވާލި ފަސް ހަމަލާ ވެސް ހުއްޓުވީ ކީޕަރު ރަމީޒް އެވެ. ޓަނާ އާއި ކޯނޭ ކޮންމެ ކުޅުންތެރިއަކު ފޮނުވާލި ދެ ހަމަލާ އާއި އަކުރަމް އަބްދުލް ގަނީ (އަކޫ) ޖެހި ޝޮޓްގެ ހުރަހަކަށްވީ ވެސް ކީޕަރު ރަމީޒް އެވެ.
ދެ ވަނަ ހާފް ފެށިގެން ތިން ވަނަ މިނިޓްގައި މާޒިޔާ އިން ދެ ވަނަ ގޯލު ޖެހި އެވެ. މިއީ އައިސަމް ޖެހި ގޯލެކެވެ. މެޗުގެ 48 ވަނަ މިނިޓްގައި އޭރިއާތެރެއިން އައިސަމް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.
ގްރީން ސްޓްރީޓްސް އަށް ގޯލެއް ޖަހައިދޭން މެޗުގެ 51 ވަނަ މިނިޓްގައި ތޮއްޕޭ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. މާޒިޔާގެ ޑިފެންސް ފަހަތަށް މަތިން ކުޅުނު ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ ތޮއްޕޭ ޖެހި ބޯޅަ ކީޕަރު ކިރަން ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން މެޗުގެ 69 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ ހަސަން ނަޒީމް ގާސިމް (ޗޯޓު) މުޅިން ހުސްކޮށް ބޯޅަ ހިފައިގެންވަދެ ތިރިތިރިން ގޯލުގެ ދުރު ކަނަށް ޖަހަން ފޮނުވާލި ބޯޅަ ކީޕަރު ކިރަން ވަނީ މަތަކޮށްފަ އެވެ.
ލަނޑެއް ޖަހަން ގްރީން ސްޓްރީޓްސް އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފިދިޔައިރު، މާޒިޔާ އިން ވަނީ މެޗުގެ 75 ވަނަ މިނިޓްގައި ތިން ވަނަ ގޯލެއް ޖަހައިފަ އެވެ. ކޯނޭ ގޯލު ކުރިމައްޗަށް މުޅިން ހުސްކޮށް ނަގައިިދިން ބޯޅަ ނާއިޒު ހަސަން (ދާދު) ވަނީ ގޯލު ތެރެއަށް ފޮނުވާލައިފަ އެވެ. މެޗުގެ އިތުރު ވަގުތުގެ ފަހު މިނިޓްގައި މާޒިޔާގެ ފަހު ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ.
މިރޭގެ ނަތީޖާއާ އެކު ގްރީން ސްޓްރީޓްސް ލީގުގެ ހަތް ވަނައިގައި އޮތީ 12 މެޗުން 11 ޕޮއިންޓާ އެކު އެވެ.
މާޒިޔާ އިން މިރޭގެ މޮޅަށް ފަހު ދެން އޮތީ އޭއެފްސީ ކަޕްގެ މެޗުތަކެވެ. އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގެ މެޗުތައް އިންޑިއާގެ ކޮލްކަތާގައި މި މަހު ކުޅޭ ގްރޫޕް ސްޓޭޖުގައި މާޒިޔާ އިން ނުކުންނާނީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ގޯކުލަމް ކެރަލާއާ ދެކޮޅަށެވެ. އެ މެޗުތައް 18 ގައި ފަށާއިރު، މާޒިޔާ އިން އަންނަ ހުކުރު ދުވަހު މުބާރާތުގެ ތައްޔާރީތަކާ އެއްކޮށް އިންޑިއާ އަށް ފުރާނެ އެވެ.
Comment