Advertisement

މުސާރައިގެ އޮނިގަނޑު އަވަސް ކުރަން ގޮވާލާ ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ ޔޫނިއަނުން މުޒާހަރާއަށް

މޯލްޑިވްސް ހެލްތު ޕްްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) ގެ ބައެއް މެމްބަރުން މިއަދު ފިނޭންސް މިނިސްޓްރީ ކައިރި ކުރި މުޒާހަރާގެ ތެރެއިން: އެ މީހުން ދަނީ މުސާރަތައް އިތުރުކުރަން ވަޒީފާގެ އޮނިގަނޑެއް އަވަހަށް ތައްޔާރުކުރަން ގޮވާލަމުން. ފޮޓޯ: އެމްއެޗްޕީޔޫ


މުސާރައިގެ އޮނިގަނޑު އަވަސް ކުރަން ގޮވާލާ ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ ޔޫނިއަނުން މުޒާހަރާއަށް

ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ މުސާރައިގެ އޮނިގަނޑާއި ޕްރޮމޯޝަން ދިނުމުގެ ޕޭ ހާމަނައިޒޭޝަން މަސައްކަތްތައް ލަސްވާތީވެ އަދި ހަމަހަމަކަމެއް ނެތި ސަރުކާރުން އެ މަސައްކަތް ކުރިޔަށްގެންދާ ކަމަށް ބުނެ މޯލްޑިވްސް ހެލްތު ޕްްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން މިއަދު މުޒާހަރާއެއް ކުރިޔަށް ގެންގޮސްފި އެވެ.

ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތް ކައިރީގައި މިއަދު އެ ޔޫނިއަންގެ ބައެއް މެމްބަރުން ކުރި އެ މުޒާހަރާގައި އެމީހުން ގޮވާލީ ސަރުކާރުން ޕޭ ހާމަނައިޒޭޝަން މަސައްކަތް ސިޔާސީނުކޮށް ހަމަހަމަކަމާއެކު ކުރިޔަށް ގެންދިޔުމަށެވެ.

"އަޅުގަނޑުމެން ހަތަރު އަހަރު ވެއްޖެ އެކަމަށް ލޮބީކުރާތާ. އެ މަސައްކަތް މިވަނީ ވަރަށް ބޮޑަށް ލަސްވެފަ. އެކަމަކު ޕޭ ހާމަނައިޒޭޝަން ފަދަ ހައްގެއް އެއީ ޕޮލިޓިކަލްކޮށްގެން ކުރެވޭނެ ކަމެއް ނޫން. ސިޔާސީ ގޮތުން ވޯޓަށް ބަލައި އާބާދީ ބޮޑު ބަޔަކަށް އަމާޒުކޮށްގެން ކުރަން އޮންނަ ކަމެއް ނޫން. ހަމަހަމަކޮށް ކުރަން ޖެހޭނީ ސަރުކާރުން،" އެ ޔޫނިއަނުގެ ފަރާތުން މި ނޫހަށް މައުލޫމާތު ދެއްވަމުން ފާތިމަތު ޒިމްނާ ބުންޏެވެ.

ޒިމްނާ ބުނީ މުޒާހަރާގެ ބައިވެރިން އަދި ޔޫނިއަނުން ވެސް ގޮވާލަނީ މުސާރައިގެ އޮނިގަނޑެއް އަވަހަށް ތައްޔާރުކުރުމަށް ކަމަށެވެ. އޭނާ ބުނީ އެންމެ ފުރަތަމަ އެ ޔޫނިއަނުގެ ފަރާތުން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް އިތުރުކުރަން މަސައްކަތް ފެށީ މީގެ ހަތަރު އަހަރު ކުރިން ކަމަށެވެ.

"2019 ގަ ފެށި ކަމެއް މިއި. 2020 ގެ ބަޖެޓުގަ ވެސް ނެތް އެކަމެއް. އޭރު ކޮވިޑުގެ ހާލަތު ވެސް ނާންނާނެތާ. ދެން 2021 އަދި މިއަހަރުގެ ބަޖެޓުގަ ވެސް ހަމަ ނެތް. އެކަމަކު ހެލްތު ސެކްޓާގަ އެބަ އުޅޭ ގާތްގަނޑަކަށް 23 ފަންތިއެއް، އެގޮތަށް ޕްރޮމޯޝަން ކަހަލަ އެއްޗިހި ނުލިބި. ބައެއް މީހުން އެބަ ދޭ ރިޓަޔަމެންޓާ ހަމަޔަށް 15 އަހަރު ވަންދެން އެއް ފަންތިއެއްގައި މަސައްކަތް ކުރުމަށް ފަހު،" ޒިމްނާ ބުންޏެވެ.

އޭނާ ބުނީ އެ 150 މެމްބަރުންގެ އެ ޔޫނިއަނުގެ ހަރަކާތްތަކުގައި ގާތްގަނޑަކަށް 600 އެއްހާ މަސައްކަތްތެރިން ބައިވެރިވާ ކަމަށެވެ. އަދި އެ ޔޫނިއަނުގެ މެމްބަރުން އިތުރުކުރުމުގެ މަސައްކަތާއި ލޮބީކުރުން ވަރުގަދަކޮށް، ކޮންމެ ހަފްތާއަކުހެން އެ މުޒާހަރާތައް ކުރިޔަށްގެންދިޔުމަށް އެ ޔޫނިއަނުން ރާވަމުންދާ ކަމަށް ޒިމްނާ ބުންޏެވެ. އަދި ކުރިޔަށް އޮތްތަނުގައި އަތޮޅު ތެރޭގަ ވެސް އެކަންކަން ކުރިޔަށް ގެންދާނެ ކަމަށް އޭނާ ބުންޏެވެ.

ސިއްހީ ދާއިރާގެ މަސައްކަތްތެރިންތަކެއް މުޒާހަރާކުރަން މި ފެށި މިދިޔަ ހަފްތާތެރޭ ސްކޫލު ޓީޗަރުންގެ މުސާރަތައް ސަރުކާރުން އިތުރުކޮށްފައިވަނިކޮށެވެ. މުސާރަތައް އިތުރުކުރީ ސްކޫލުތަކުގެ ޓީޗަރުން ވެސް އެފަދަ އޮނިގަނޑަކަށް އެދި ވަކާލާތުކުރަމުން އަންނަތާ އެތައް އަހަރެއް ފަހުންނެވެ.

ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ މުސާރަތައް އިތުރުކުރުމަށް ވެސް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޕޭ ކޮމިޝަނުން ވަނީ މިދިޔަ މަސް ތެރޭ އެފަދަ އޮނިގަނޑެއް ތައްޔާރުކުރުމަށްޓަކައި ފަންނީ ފަރާތްތަކުގެ ލަފާ ހޯދުމަށް ބޭއްވި ބައްދަލުވުންތައް ކުރިޔަށް ގެންގޮސް ނިންމާލާފަ އެވެ.