Advertisement

ތުހުމަތު ބޮޑު، އެކަމަކު ދައުވާ ބަލިކަށިކަމުގެ ކަންބޮޑުވުން!

10 މޭ 2022 - 08:26 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ނަޝީދަށް ދިން ހަމަލާގެ މާސްޓާމައިންޑު ކަމަށް ފުލުހުން ބުނާ ތަސްލީމް: މާލޭގައި 2017 ވަނަ އަހަރު ބޮމެއް ހެދި މައްސަލައެއްގައި ވެސް އޭނާ އޮތީ ކުރިން ހައްޔަރުކޮށްފައި ހުރި ތަސްލީމުގެ މައްޗަށް އުފުލި ދައުވާއަކީ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ -- ފޮޓޯ: އަދަދު ފައިލް


ތުހުމަތު ބޮޑު، އެކަމަކު ދައުވާ ބަލިކަށިކަމުގެ ކަންބޮޑުވުން!

10 މޭ 2022 - 08:26 0

މާލޭގެ ތޮއްޖެހިފައިވާ މަޖީދީ މަގުގައި އެންމެންގެ ކުރިމަތީގައި ގޮއްވާލި ވަރުގަދަ ބޮމުގެ ހަމަލާއަށްފަހު, ފުލުހުން ހިންގި ބޮޑު ތަހުގީގުގައި ގިނަ ހޯދުންތަކެއް ފެންމަތިކުރި އެވެ. ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި, އެ ހަމަލާގެ މޭސްތިރިޔާގެ ގޮތުގައި ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމްގެ ނަން ކުރިއަށް ގެނަ އެވެ. އެކަމަކު, އޭނާގެ މައްޗަށް ދައުވާ ކުރެވުނު އެ ބޮޑެތި ތުހުމަތުތަކާ ގުޅޭ ދައުވާއެއް ނެތުމުގެ ކަންބޮޑުވުން މިހާރު އެބަ އޮތެވެ.

ނަޝީދަށް ދިން ހަމަލާގެ ބައިވެރިވި ތުހުމަތުގައި ތަސްލީމް ހައްޔަރުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 24 ގައި އައްޑޫއިންނެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި ހަރުކަށި ފިކުރަށް މީހުން އަނބުރާލައި ސިކުނޑި 'ދޮވެލުމުގައި" އިސްކޮށް ހަރަކާތްތެރިވަނީ އޭނާ އެވެ. އަދި ފުލުހުން ބުނެފައިވާ ގޮތުގައި އޭނާއަކީ ރައީސް ނަޝީދަށް ހަމަލާދީ މަރާލަން ޖެހޭ ކަމަށް، ވިސްނައިދީ އިރުޝާދުދީ އަދި ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ފަރާތެވެ.

ނަޝީދަށް ދިން ހަމަލާގައި އެންމެ އިސް ދައުރެއް އަދާކުރި ކަމުގެ ތުހުމަތުވާ ތަސްލީމަކީ ހަރުކަށި ފިކުރު ފެތުރުމުގެ ތުހުމަތު މާކުރިން ވެސް ކުރެވިފައި އޮތް މީހެކެވެ. މއ. އެނބޫގޭގެ އެޕާޓްމަންޓެެއްގައި އެޓިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން ހިންގަމުން ގެންދިޔަ އޮފީސް ތެރޭގައި އައިއީޑީއެއް ހެދުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވަނިކޮށް އޭނާ ހައްޔަރުކުރި އެވެ. އޭނާއާއެކު އިތުރު ހަތަރު މީހަކު ވެސް ހައްޔަރުކުރި އެވެ. އެ މައްސަލަ ތަހުގީގުކޮށް އެމީހުންގެ މައްޗަށް 2017 ވަނަ އަހަރު ދައުވާ އުފުލުނެވެ. އެހެން ނަމަވެސް ކުރިމިނަލް ކޯޓުގައި އޮތް އެ މައްސަލަ އިބްތިދާއީ މަރުހަލާގައި އޮތްއިރު އެމީހުން ތިބީ ދޫކޮށްލާފަ އެވެ.

އެ ދައުވާކޮށްފައި އޮއްވައި, ނަޝީދުގެ ހަމަލާއާ ގުޅިގެން ތަސްލީމް ހައްޔަރުކޮށް އޭނާގެ މައްޗަށް އުފުލާފައިވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާ އެވެ. ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ހައްޔަރުކޮށްފައިހުރި ތަސްލީމަށް މިހާތަނަށް ހަމަލާއާ ގުޅޭ ސީދާ އިތުރު ދައުވާއެއް ނެތެވެ. ތަސްލީމެކޭ އެއްގޮތަކަށް ޓެރަރިސްޓް ޖަމާއަތެއްގެ ރާއްޖޭގެ "އަމީރު"ގެ ގޮތުގައި ފުލުހުން ތުހުމަތު ކުރާ ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލީ މަނިކުގެ މައްޗަށް ވެސް އޮތީ މި ދައުވާ އެކަންޏެވެ. ހައްޔަރުކޮށް ތަހުގީގުކުރެވުނީ އެ ހަމަލާއާ ގުޅިގެން ކަމުގައި ވީނަމަވެސް، އެމީހުންގެ މައްޗަށް އުފުލާފައިވަނީ މުޅީން އެހެން ދައުވާތަކެކެވެ.

މިކަމާ ކަންބޮޑުވުން ފާޅުކުރައްވައި, ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަަސަން ލަތީފް ވިދާޅުވި ގޮތުގައި, ހަމަލާއަށްފަހު އުފުލި ދައުވާތަކުން އެނގެނީ އެކަމާ ގުޅިގެން ދައުލަތުން ކުރަން ޖެހޭ މިންވަރަށް މަސައްކަތް ކޮށްފައިނުވާކަން ކަމެވެ. އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ އެންމެ ބޮޑު އެދުމަކީ އެފަދަ އަމަލެއް ދެން ތަކުރާރު ނުވާނެ ގޮތްވުން ކަމާއި ނަމަވެސް, އެ މަގުން ކަންކަން ނުދާ ކަމަށް ހަސަން ވިދާޅުވި އެވެ.

ހަސަން ގަބޫލު ކުރައްވާ ގޮތުގައި މައްސަލާގައި ދައުވާތައް ކޮށްފައިވަނީ އެންމެ ރަނގަޅަކަށް ނޫނެވެ. އޭނާ ވިދާޅުވާ ގޮތުގައި, އެއީ ވަރަށް ގިނަ ވަކީލުން ވެސް އަދި މައްސަލަ ދިރާސާ ކުރައްވާ ފަރާތްތަކުން ވެސް ފާހަގަ ކުރައްވާ މައްސަލައެކެވެ. އެގޮތުން އޭނާ ވިދާޅުވި ގޮތުގައި, ހައްޔަރުކޮށް ދައުވާ ކުރި މީހުންގެ ޓެރަރިސްޓް ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނު މީހުންނާއި ބައިވެރިވި މީހުން ތިބިއިރު, އެ ހަމަލާ ރޭވިކަމުގެ ދައުވާ ކުރެވެން ޖެހޭނެ އެވެ.

"...ނަމަވެސް ޓެރަރިސްޓް ހަމަލާ ރޭވިކަމުގެ ދައުވާ އެމީހުންގެ މައްޗަށް ނުކުރާތީ ވަރަށް ގިނަ ގާނޫނީ ވަކީލުން ވެސް އަދި މިކަމުގެ ލިޔެކިޔުންތައް ދިރާސާކުރާ ފަރާތްތައް ވެސް އެކަން އެބަ ފާހަގަކުރޭ، ހަމަލާ ރޭވި ފަރާތްތަކަށް އެކަށީގެންވާ ދައުވާކޮށްފައި ނެތްކަން އެއީ ކަންބޮޑުވާކަމެއް," ހަސަން ވިދާޅުވި އެވެ.

ނަޝީދުގެ ހަމަލާއަށްފަހު ކުރިއަށް ގެންދާ ތަހުގީގަށް ފާރަވެރިވުމަށްޓަކައި އެމްޑީޕީން އުފެއްދި މެއި6 ކޮމިޓީގައި ވެސް މިކަމުގެ ކަންބޮޑުވުން އެބަ އޮތެވެ. އެގޮތުން, އެ ކޮމިޓީގެ މެންބަރު މޫސާ ސިރާޖު ވެސް ފާހަގަ ކުރެއްވި ގޮތުގައި, ހަމަލާ ރޭވުމުގައި އުޅުނު މީހުންގެ މައްޗަށް އެކަށީގެންވާ ގޮތެއްގައި ދައުވާ ކޮށްފައިވާ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. ތަސްލީމް އަދި އަލިމަނިކަކީ ވެސް ކުށުގެ ރިކޯޑް އޮވެ, ކުރިން ވެސް އޭގެ ތުހުމަތުތައް އޮތް މީހުންނަށްވާއިރު, އެމީހުންނާ ދެކޮޅަށް އެކަށީގެންވާ މިންވަރަކަށް ހެކި ހުންނާނެ ކަމަށް ސިރާޖު ގަބޫލު ކުރައްވަ އެވެ.

މީގެކުރިން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ފުލުހުންގެ ތަހުގީގުން ހޯދި ހެކިތަކުގެ މައްޗަށް ބަލައި ކުރެވެން ހުރި ހުރިހާ ދައުވާއެއް އެ ވަނީ އުފުލާފަ އެވެ. ނަމަވެސް, ގާނޫނީ ވަކީލު، އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު ސިރާޖު ވިދާޅުވި ގޮތުގައި, ބޮޑު ހަމަލާއެއް ރާވައި, އެކަމުގެ މޭސްތިރިއަކަށް އުޅުނު މީހެއްގެ މައްޗަށް ހަމައެކަނި ޖަމައާތަކަށް ތާއިދު ކުރުމުގެ ދައުވާ ކުރެވޭ މިންވަރަކަށް އެކަނި ހެކި ހުރުމަކީ ކަންބޮޑުވުމެކެވެ. އެ ދެ މީހުންގެ ކުށުގެ ރެކޯޑުތަކާއި ނަޝީދަށް ހަމަލާ ދިނުމުގައި ކަންކަން ހިނގާފައިވާ ގޮތުން, އެމީހުންގެ މައްޗަށް ޓެރަރިޒަމްގެ ބޮޑެތި ދައުވާތައް އުފުލޭ މިންވަރަށް ހެކި ހުންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ސިރާޖު ވިދާޅުވި އެވެ.

އަލީމަނިކު އަދި ތަސްލީމް ވެސް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާދިނުމުގައި ބައިވެރިވާކަމަށް ތުހުމަތުކުރެވިގެންނެވެ. ތަހުގީގުކުރެވުނީ ވެސް އެ މަސައްލަ އެވެ. އެހެންނަމަވެސް ދައުވާ އުފުލުމާ ހަމައަށް އައިއިރު، ދެ މީހުންގެ މައްޗަށް އުފުލި ދައުވާއާ ނަޝީދަށް ދިން ހަމަލާއަކާ އެއްވެސް ގުޅުމެއް ނެތެވެ. ކުރެވުނު ތުހުމަތު ކިތަންމެ ބޮޑު ނަމަވެސް އުފުލިފައި އޮތް ދައުވާއިން އެކަމެއް ނުފެނެ އެވެ.