Advertisement

ސައުދީ ރަސްގެފާނު ކޮލޮނޮސްކޮޕީއަކަށް ފަހު ހޮސްޕިޓަލުގައި

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް. -- ފޮޓޯ: ހަލީޖް ޓައިމްސް


ސައުދީ ރަސްގެފާނު ކޮލޮނޮސްކޮޕީއަކަށް ފަހު ހޮސްޕިޓަލުގައި

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އާދީއްތަ ދުވަހުގެ މެންދުރު ފަހު ހެއްދެވި ކޮލޮނޮސްކޮޕީއަކަށް ފަހު ޑޮކްޓަރުންގެ ލަފާގެ މަތިން ހޮސްޕިޓަލުގައި މަޑު ކުރައްވައިފި އެވެ.

ޝާހީ ގަނޑުވަރާ ހަވާލަދީ ދައުލަތުގެ ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ބުނީ ރަސްގެފާނު ހޮސްޕިޓަލުގައި މަޑު ކުރައްވަނީ ޑޮކްޓަރުންގެ ލަފާގެ މަތިން އަރާމު ކުރެއްވުމަށް ކަމަށެވެ.

ކޮލޮނޮސްކޮޕީގެ ނަތީޖާ ރަނގަޅު ކަމަށް ވެސް އެސްޕީއޭއިން ބުންޏެވެ. ނަމަވެސް ރަސްގެފާނު ހޮސްޕިޓަލުގައި މަޑު ކުރައްވާނީ ކިހާ މުއްދަތެއް ކަމެއް ހާމައެއް ނުކުރެ އެވެ.

އެސްޕީއޭއިން ކުރިން ރިޕޯޓު ކުރި ގޮތުގައި ހޮނިހިރު ދުވަހުގެ ހަވީރު ރަސްގެފާނު އެޑްމިޓް ކުރެއްވީ ޖިއްދާގެ ކިންގް ފައިސަލް ސްޕެޝަލިސްޓް ހޮސްޕިޓަލްގަ އެވެ.

އުމުރުފުޅުން 86 އަހަރުގެ ރަސްގެފާނު ވަނީ 2020 ވަނަ އަހަރު ގޯލްބްލެޑާ ސާޖަރީއެއް ކުރައްވާފަ އެވެ. އޭގެ އިތުރުން ހިތަށް ލައްވާފައިވާ ޕޭސްމޭކަރުގެ ބެޓެރި މިދިޔަ މާޗް މަހު ބަދަލުކުރެއްވި އެވެ.

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ކަމަށް ސަލްމާން ވަޑައިގެންނެވީ 2015 ވަނަ އަހަރު އެވެ. އޭގެ ކުރިން އެމަނިކުފާނު ވަނީ ވަލީ އަހުދު ކަމާއި ނައިބު ބޮޑު ވަޒީރުކަން ވެސް ކުރައްވާފަ އެވެ.