Advertisement

ރަށު ނޯޓު: ފަތްކޭލާއި އަނބުގެ ފީވައް

7 މޭ 2022 - 15:27 1

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ށ. ފީވައް: މި ރަށުގައި ޒަމާނުއްސުރެ ހައްދާ ދެ ބާވަތަކީ ފަތްކޭލާއި އަނބު. -- ފޮޓޯ: އަޖުފާން/ އަދަދު


ރަށު ނޯޓު: ފަތްކޭލާއި އަނބުގެ ފީވައް

7 މޭ 2022 - 15:27 1

އަނބު މޫސުމުގައި ބާޒާރުގައި ގިނައިން ވިއްކަން އެހުރީ ށ. ފީވަކު އަނބުކަން ނޭނގި ދާނެ އެވެ. އެއީ ޒަމާނުއްސުރެ ވެސް، ފަތްކޭލާއި އަނބުގެ ހާއްސަ ރަށެކެވެ. ރަށުގެ ރަމްޒަކީ ވެސް އެ ދެ ބާވަތެވެ. ދަނޑުބިންތަކާއި ރަށުތެރެއިން ވެސް ފެންނާނީ ފަތްކެޔޮ ގަހާއި އަނބު ގަހެވެ.

"މިއީ އަޅުގަނޑުމެންގެ ކާފަމެން ހިސާބުން ފެށިގެން ވެސް މި ރަށަށް ހާއްސަ ދެ ބާވަތް. އަނބު މޫސުމުގައި އެވްރެޖްކޮށް ކޮންމެ ގެއަކަށް ލައްކައެއްހާ ރުފިޔާ ލިބޭނެ،" ފީވަކު ކައުންސިލްގެ ރައީސް އަލީ ރަޝީދު ވިދާޅުވި އެވެ.

ފީވަކުގެ މައިގަނޑު އިގުތިސޯދީ ހަރަކާތްތުގައި މިހާރު އުޅެމުން އަންނަނީ އުމުރުން ދުވަސްވީ މީހުން. އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ދިރިއުޅެނީ މާލެ އާއި ރިސޯޓްތަކާއި އެހެން ރަށްރަށުގައި. -- ފޮޓޯ: އަޖުފާން/އަދަދު


ދަނޑުވެރިކަމަށް މޮޅު ބިންގަނޑެއް އޮތް މިލަދުންމަޑުލު އުތުރު ބުރި (ށ. އަތޮޅު) ފީވަކުގައި ފަތްކޭލާއި، އަނބުގެ އިތުރަށް، ކަރާ، ފަޅޯ، މިރުސް، ބަރަބޯ، ތޮރާ، ފަލަމަޑީގެ ބާވަތްތަކުގެ އިތުރުން ބާޒާރުގައި ވިއްކަން ހުންނަ ތަރުކާރީ އާއި މޭވާގެ ގިނަ ބާއްވަތްތައް ހައްދަ އެވެ. ސަޕްލައި ކުރަނީ މާލެ އާއި ރިސޯޓަށެވެ.

ފީވަކަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ ސީ-5 އެވެ. ރަށުގެ މިހާރުގެ އާބާދީއަކީ 1162 އެވެ. އެއީ 583 އަންހެނުންނާއި 579 ފިރިހެނުންނެވެ. މީގެ 37 އަހަރު ކުރިން 1985ގައި ބޯހިމެނިއިރު، އާބާދީއަކީ 467 އެވެ. އެއީ 230 އަންހެނުންނާއި 237 ފިރިހެނުންނެވެ. ރަށުގައި ދުއިސްތައަށް ވުރެ ގިނަ ގެ ހުރިއިރު މީހުން ދިރިއުޅެނީ 145 ގޭގަ އެވެ.

ދަނޑުވެރިކަން ފިޔަވައި ރަށުގައި ކުރިއަށް ގެންދާ އިގުތިސޯދީ ހަރަކާތްތަކުގެ ތެރޭގައި ފިހާރަ، ކެފޭ، ގޭހާއި ތެޔޮ ވިއްކާ ތަންތަން ހުރެ އެވެ. ކަނޑުމަހުގެ މަސްވެރިކަން ނުކުރާތާ އެތައް ޒަމާނެއް ވެއްޖެ އެވެ. އާންމުކޮށް ފަރުމަހުގެ މަސްވެރިކަން ވެސް ނުކުރެ އެވެ. ރަށަށް މަސް ހޯދަނީ އެހެން ރަށްރަށުގެ ދޯނިފަހަރުންނެވެ. މި ރަށުގައި އާންމު ވިޔަފާރި ކުރާ 10 ފިހާރަ އާއި ތިން ކެފޭ އާއި ތެލާއި ގޭހުގެ ވިޔަފާރިކުރާ ދެ ތަނެއް ހުރެ އެވެ.

ރަށުގެ އާބާދީ 1100 އަށް ވުރެ މައްޗަށް ޖެހިފައި ވިޔަސް، ދިރިއުޅޭ އާބާދީއަކީ ގާތްގަނޑަކަށް 500 މީހުންނެވެ. ގިނަ ބަޔަކު މާލެއަށް ބަދަލުވެ ދިރިއުޅެނީ ދަރިންނަށް ކިޔަވައި ދިނުމަށާއި ވަޒީފާއަށެވެ. ގިނަ ޒުވާނުން އުޅެނީ ރިސޯޓު ވަޒީފާތަކުގަ އެވެ. ނަތީޖާއަކަށް ވެފައި ވަނީ ރަށަށް ހާއްސަ، އަދި ފީވައް ރަމްޒުކޮށްދޭ ދަނޑުވެރިކަމުގައި މުސްކުޅިން އުޅެންޖެހިފައިވުމެވެ. އަނެއް މައްސަލައަކީ 84 ހެކްޓަރުގެ މި ރަށުގެ 90 ޕަސެންޓް ޗަކަ ބިމަށް ވުމުގެ ސަބަބުން ބޯހިޔާވަހި ކަމަށް އޮތް ދަތިކަމެވެ.

"އެންމެ ފަހުން 2012 ގައި ދޫކޮށްފައި ހުރި ގޯތިތައް ވެސް ހަދަން އެ ފެށުނީ ރަށުގެ ފަޅު ބޮޑުކުރަން ނެގި ފަސްތައް އަޅައިގެން. ޗަކަ ބިމުގައި ގެ އަޅަން ޖެހުމުން ހަރަދު އެތައް ގުނައެއް ބޮޑުވޭ. މިކަމަށް އޮތް ހައްލަކީ ގޯތި ދޫކުރަން ބިން ހިއްކުން،" އަލީ ރަޝީދު ވިދާޅުވި އެވެ.

ފީވަކުގެ މަގުތަކަށް ހިޔާދީފައި އޮންނަނީ ގޯތިތަކުގައި ހުންނަ އަނބު ގަސްތަކުން. -- ފޮޓޯ: އަޖުފާން/ އަދަދު


ބަނދަރު ހަދާފައި އޮތް މި ރަށުގައި ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. ރަށުގެ ސިއްހީ މަރުކަޒެއް ހުރިއިރު، ސްކޫލުގައި ގްރޭޑު 10 އަށް ކިޔަވައިދެ އެވެ. މީގެ ކުރިން ގްރޭޑް 12 އަށް ވެސް ކިޔަވައިދޭން ފެށި އެވެ. ނަމަވެސް ދަރިވަރުން މަދުވަމުން ދިޔުމުގެ ސަބަބުން ކުރިއަށް ނުގެންދެވުނެވެ.

ފީވަކަކީ ސަގާފީ ކުޅިވަރުތަކުގައި ވެސް ހާއްސަ ރަށެކެވެ. ރާއްޖޭގެ ގިނަ ރަށްރަށުން ނުފެންނަ ސަގާފީ ދަނޑިޖެހުމުގައި މި ރަށް ހާއްސަވެ އެވެ. އީދުތެރޭގައި ސަގާފީ ކުޅިވަރާއި ބޮޑުބެރު ޖެހުމާއި ބޮޑުމަސް ނެރުމާއި މާލި ތައްޔާރުކުރުން އޮވެ އެވެ. ކުރިއަށް އޮތް ބޮޑު އީދު ބަންދުގައި ފީވަކަށް ޒިޔާރަތްކޮށްލުމުން ރަށުގެ ރަހަ އާއި މަންޒަރު ފުރިހަމައަށް ފެންނާނެ އެވެ.

އާންމު މައުލޫމާތު


ރަށުގެ ނަން: ފީވައް އަތޮޅު: މިލަދުންމަޑުލު އުތުރުބުރި (ށ. އަތޮޅު) އިނގިރޭސި އަކުރާއި ނަންބަރު: ސީ-5 އާބާދީ: 1162 ފިހާރަ: 10 ކެފޭ، ރެސްޓޯރެންޓް: 3 ގޭހާއި ތެލުގެ ފިހާރަ: 2 ގަރާޖު: ނެތް ގެސްޓް ހައުސް: ނެތް ސްކޫލް: ގްރޭޑު 10 އަށް އެންމެ ކައިރީގައި އޮތް އެއާޕޯޓް: ށ. ފުނަދޫ ކުރިއަށްދާ މަޝްރޫއުތައް: 1. ފެނާއި ނަރުދަމާ ގާއިމުކުރުން