Advertisement

ގްރާންޑޭ ބަލިކޮށް ޓީސީ ހަތަރު ވަނަ އަށް

6 މޭ 2022 - 23:14 0

ލަނޑު ޖެހުމަށް ފަހު ޓީސީގެ މުއްޓި (ކ) އާއި ނިޝާމް އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ގްރާންޑޭ ބަލިކޮށް ޓީސީ ހަތަރު ވަނަ އަށް

6 މޭ 2022 - 23:14 0

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބް ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.

މިއީ ޓީސީން ދެ ވަނަ ބުރުުގައި ހޯދި ފުރަތަމަ މޮޅެވެ. އެ ޓީމު ހަތަރު ވަނަ އަށް ޖެހިލީ ތިން ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ސަސް އާއި ހަތަރު ވަނައިގައި އޮތް ޓީސީ އަދި ފަސް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ އަށް ވަނީ 11 މެޗުން 14 ޕޮއިންޓް ލިބިފަ އެވެ. ތިން ޓީމުގެ ފަރަގަކީ ލަނޑުގެ ތަފާތެވެ.

މި ހަފްތާގެ މެޗުތަކަށް ފަހު ކްލަބް ވެލެންސިއާ މި ވަނީ ހަ ވަަނަ އަށް ވެއްޓިފަ އެވެ. އެ ޓީމަށް 11 މެޗުން ވަނީ 13 ޕޮއިންޓް ލިބިފަ އެވެ.

ޓީސީން މިރޭ ދަ ގްރާންޑޭ ގޯލަށް ފުރަތަމަ ހަމަލާ ފޮނުވާލީ މެޗުގެ ނުވަ ވަނަ މިނިޓްގަ އެވެ. ޓީސީގެ އަބްދުލްވާހިދު އިބްރާހިމް (ވާޑު) ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިން ބޭރުންނެވެ. މެޗުގެ 12 ވަނަ މިނިޓްގައި ދަ ގްރާންޑޭގެ ސްރީ ލަންކާ ފޯވާޑް މުހައްމަދު އާކިބް ޖެހި ޝޮޓް ޓީސީގެ ގޯލުގައި ހުރި ލަންކާގެ ކީޕަރު ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެވެ.

މިރޭގެ މެޗުގެ ތެރެއިން ޓީސީގެ ހައިޝަމް ބޯޅަ ހިފައިގެން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ގޯލެއް ޖެހޭތޯ ޓީސީން ރަނގަޅު އެޓޭކްތަކެއް ކުރަމުންދިޔައިރު، މެޗުގެ 20 ވަނަ މިނިޓްގައި އެ ޓީމުގެ މުހައްމަދު އަޖުފާން ބޮލުން ޖެހި ބޯޅައެއް ވަނީ ދަ ގްރާންޑޭ ޑިފެންޑަރުން ބްލޮކްކޮށްފަ އެވެ. އޭގެ ހަތް މިނިޓް ފަހުން ޓީސީން ވަނީ ލީޑުނަގައިފަ އެވެ. މިއީ އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން ހައިޝަމް ރަޝީދު (ހައި) ޖެހި މޮޅު ގޯލެކެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓީސީން ލީޑުފުޅާކުރަން ރަނގަޅު ހަމަލާތަކެއް ފޮނުވާލިއިރު، ދަ ގްރާންޑޭ އިން ވަނީ ނަތީޖާ ހަމަހަމަ ކުރެވޭތޯ އެޓޭކްތަކެއް ކޮށްފަ އެވެ. އެ ގޮތުން ޓީސީގެ މިޑްފީލްޑަރު ހުސެއިން އަހުސަމް މޫސާ (ތިއްތޭ) އޭރިއާބޭރުން ޖެހި ބޯޅަ ދަ ގްރާންޑޭގެ ކީޕަރު ހަސަން މުއާޒް ވަނީ މަތަކޮށްފަ އެވެ. އަދި ކޯނަރެއްގައި ޓީސީގެ ސާދު ނިޒާރު ބޮލުން ޖެހި ބޯޅަ ވެސް ކީޕަރު މުއާޒް ވަނީ ހުއްޓުވައިފަ އެވެ. ދަ ގްރާންޑޭ އަށް އެއްވަރުކޮށްދޭން އެ ޓީމުގެ އިސްމާއިލް މަފާޒް އިބްރާހިމް ފޮނުވާލި ބޯޅައެއް ޓީސީގެ މިސްރު ޑިފެންޑަރު އަލާ ނާސިރު ވަނީ ބްލޮކްކޮށްފަ އެވެ.

ދެ ވަަނަ ހާފްގެ ކުޅުން ފަށައިގެން ދެ ވަނަ މިނިޓްގައި ދަ ގްރާންޑޭގެ އާކިބް ބޯޅަ ހިފައިގެން ޓީސީ އޭރިއާތެރެއަށް ވަދެ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

ޓީސީން ދެ ވަނަ ގޯލެއް ޖަހަން މެޗުގެ 60 ވަނަ މިނިޓްގައި ހައިޝަމް ވަނީ ރަނގަޅު ހަމަލާއެއް ފޮނުވާލައިފަ އެވެ. ހިލޭޖެހުމަކުން ހައިޝަމް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. އޭގެ މިނިޓެއް ފަހުން ދަ ގްރާންޑޭގެ ފޯވާޑް އިބްރާހިމް އަމީރު އޭރިއާތެރެއިން ޖެހި ބޯޅަ ކީޕަރު ސުޖަން ވަނީ މަތަކޮށްފަ އެވެ. މެޗުގެ 66 ވަނަ މިނިޓްގައި ޓީސީގެ ފަހަތަށް ދިޔަ ބޯޅައެއް ހޯދައި ދަ ގްރާންޑޭގެ އާކިބް އެ ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ފޮނުވާލި ހަމަލާ ދިޔައީ އަރިމަތިންބޭރުންނެވެ.

ދަ ގްރާންޑޭގެ ކެޕްޓަން ސައްމެ (ކ) ކައިރިން ޓީސީގެ ހަމްދޫން ބޯޅަ ހިފައިގެން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


މެޗުގެ 70 ވަނަ މިނިޓްގައި ޓީސީގެ ހައިޝަމް މުޅިން ހުސްކޮށްލާފައި އެ ޓީމުގެ މިސްރު ފޯވާޑް އޮމަރު ސަލާހަށް ދިން ބޯޅަ ފޮނުވާލި ނަމަވެސް ކީޕަރު މުއާޒް ވަނީ މަތަކޮށްފަ އެވެ.

ދަ ގްރާންޑޭ އިން މެޗުގެ ތެރެއަށް ވަންނަން ކުރި މަސައްކަތަށް ހުރަސްއެޅުނީ މެޗުގެ 74 ވަނަ މިނިޓްގައި އެ ޓީމުގެ ފުލްބެކް، އިބްރާހިމް އުސާމާ ހަސަން މަޖީދު އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. އުސާމާ އަށް ދެ ވަނަ ރީނދޫ ކާޑު ދެއްކީ ޓީސީގެ ހަމްދޫން އަބްދުލް ލަތީފް އަށް ކުރި ފައުލަކަށެވެ.

ދަ ގްރާންޑޭގެ ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުގެ ފައިދާނަގައި ޓީސީން ދެ ގޯލު ޖެހި އެވެ. ފުރަތަމަ ގޯލު ޖެހީ މެޗުގެ 80 ވަނަ މިނިޓްގައި އޮމަރު ސަލާހު ހުސްކޮށްލާފައި ދިން ބޯޅައަކުން މުހައްމަދު މުސްލިހު (މުއްޓި) ޖެހި ގޯލެކެވެ. މުއްޓި ދެ ވަނަ ހާފުގައި ކުޅެން އެރީ އައިހަމް ހަމްދޫންގެ ބަދަލުގަ އެވެ. ޓީސީން ތިން ވަނަ ގޯލު ޖެހީ ވެސް ބަދަލު ކުޅުންތެރިއެކެވެ. މި ގޯލު ޖެހީ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އެވެ.

ލީގުގެ މެޗެއް ދެން ކުޅޭނީ އަންނަ އަންގާރަ ދުވަހު އެވެ.