5 މޭ 2022 - 16:25 0
އަހުމަދުﷲ އަބްދުލްހާދީ
ދިޔަމިގިލީގައި މީހަކު މަރާލަން އުޅުނު ސާމިދު: އޭނާ އެ ހަމަލާ ދިނީ ކީއްވެގެންކަމެއް އަދި އެނގިފައެއް ނުވޭ،
5 މޭ 2022 - 16:25 0
މިދިޔަ މާޗު މަހުގެ 13 ވަނަ ދުވަހު ތ. ދިޔަމިގިލީގައި އެރަށު މުދިމަށް ވަޅިއަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި ތުހުމަތުވާ އެރަށު ހަސަން ސާމިދު ހުސައިން، 35، ގެ މައްޗަށް ގަސްދުގައި މީހަކު މަރަން އުޅުނު ކަަމުގެ ދައުވާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އުފުލައިފި އެވެ.
ސާމިދުގެ މައްޗަށް މިދިޔަ ބުރާސްފަތި ދުވަހު ޕީޖީ އޮފީހުން އުފުލާފައިވާ ދައުވާއަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރަން އުޅުނު ކަމުގެ ކުށުގެ ދައުވާ އެވެ. އެ މައްސަލަ ދިޔަމިގިލި މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާއިރު ދައުވާ ސާބިތުވެއްޖެނަމަ ސާމިދަށް 15 އަހަރާއި 25 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ޕީޖީ އޮފީހުން އެ މައްސަލައިގައި އިތުރަށް ބުނީ އެ ދުވަހު ހެނދުނު 10:00 ޖަހާކަންހާއިރު އެރަށުގެ މަސްޖިދުލް އަމާނާތުގެ ވަގުތީ އިމާމުކަން ކުރަމުންދިޔަ އަހުމަަދު މުހައްމަދު ރަޝީދު ދިޔަމިގިލީގެ މަގެއްމަތިން ބައިސްކަލެއްގައި ދަނިކޮށް ހުއްޓުވައި ސާމިދު އޭނާގެ ބޮލާއި، ކަރާއި، ބުރަކައްޓާއި، ކަނާއަތު ކޮނޑާއި، ވާއަތަށް ވަޅިއަކުން ހަމަލާދީފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.
ރަޝީދަށް ލިބުނު އަނިޔާތައް ސީރިއަސްކަމުން އިތުރު ފަރުވާ ދިނީ މާލެ ގެނެސް އައިޖީއެމްއެޗްގަ އެވެ. ޑޮކްޓަރުންނާ ހަވަލާދީ އޭނާގެ އާއިލާއިން ބުނާ ގޮތުގައި ހަށިގަނޑަށް 13 ފަހަރު ވަޅި ޖަހާފައިވެ އެވެ.
ދިޔަމިގިލި މީހުން ކިޔައިދިން ވާހަކަތަކުން އެނގޭ ގޮތުގައި، ސާމިދުއަކީ، ދިރިއުޅުމުގަ އަދި މީހުންނާ މުއާމަލާތްކޮށް، އެކީ އުޅުމުގައި އައިބު ގޮތެއް ހުންނަ މީހެއް ކަމެވެ. ސޯމިދަކީ ރުޅި ގަދަ މީހެއް ގޮތުގައި ގިނަ ބަޔަކު ސިފަކުރި އެވެ. މައްސަލަ ޖެހިގެން އަނބިމީހާއާއި ދެ ދަރިން ވެސް ވަކިން ލ. އަތޮޅުގައި ދިރިއުޅޭތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި އެ ދުވަހު ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އާންމުވި އެވެ. އޭގައި ފެންނަ ގޮތުން، ހަމަލާ ދެނީ މަގުމަތީގައި ދެ މީހުން ވާހަކަ ދައްކަން ތިބެފަ އެވެ. މުދިމު އިންނަނީ ބައިސްކަލެއްގެ މަތީގައި މަޑުކޮށްލައިގެން ވާހަކަ ދައްކާށެވެ.
އެއަށް ފަހު ކުއްލިއަކަށް ފެންނަނީ މުދިމުގެ ކަނދުރާމަތިން ބުރަކަށްޓަށް ފަސް ވަރަކަށް ފަހަރު ވަޅި ޖެހުމަށް ފަހު ދާން އުޅެފައި އަނެއްކާ ވެސް އަނބުރާލާފައި ގޮސް ކައިރިވެ މޭ މައްޗަށް ވަޅި ޖަހަން އުޅެނިކޮށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment