2 މޭ 2022 - 15:21 0
ފާތިމަތު އަޖްފާން
ގެއްލިގެން ހޯދަމުންދާ ޑައިވް އިންސްޓްރަކެޓަރު މުހައްމަދު ސައީދެ: އޭނާއަކީ ފުވައްމުލަކުގެ އެންމެ ތަޖުރިބާކާރު އެއް ޑަައިވަރު -- ފޮޓޯ: ފައިލް
2 މޭ 2022 - 15:21 0
ފުވައްމުލަކު ނެރު ކައިރިއަށް މިއަދު ފީނަން ފޭބި ދެ ދިވެހި ފިރިހެނުންގެ ތެރެއިން ގެއްލިގެން ހޯދަމުންދަނީ މުހައްމަދު "ސައިއްޓޭ" ސައީދު، 35، ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
ފުވައްމުލަކުން ވާހަކަ ދެއްކި މީހަކު "އަދަދު" އަށް ބުނީ ސައީދަކީ ޑައިވްކުރާތާ ގާތްގަނޑަކަށް 20 އަހަރުވެފައިވާ، ތަޖުރިބާކާރު ޑައިވަރެއް ކަމަށެވެ. އަދި އޭނާ އަކީ އެ ރަށުގައި ޑައިވް ސެންޓަރެއް ހިންގާ އަދި ޑައިވް އިންސްޓްރަކެޓެއްގެ ގޮތުގައި ހަރަކާތްތެރިވާ މީހެއްް ކަމަށް ވެސް އޭނާ ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އޭނާ ފީނަން ފޭބި އިރު ލައިގެން ހުރީ ކަޅު ކުލައިގެ ޑައިވިން ސޫޓެއް ކަމަށެވެ.
އޭނާ ހޯދުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ކޯސްޓްގާޑު ސްކޮޑްރަންއިން ހަރަކާތްތެރިވަމުން އަންނައިރު ފުވައްމުލަކުގައި މިވަގުތު ތިބި ހުރިހާ ޑައިވަރުން ކަހަލަ ގޮތަކަށް މިހާރު ސައިއްޓޭ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ރަށުން މި ނޫހަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.
ގެއްލިގެން ހޯދަމުންދާ ސައީދު ޑައިވް ކުރުމުގައި-- ފޮޓޯ: ވިޒިޓް ފުވައްމުލަށް
މި ހާދިސާ ހިނގި ގޮތް މިހާތަނަށް އެެއްވެސް މީހަކަށް އެގިފައި ނުވާއިރު ސައީދު އާއި އޭނާއާ އެކު ދެން ފޭބި މަހުމޫދު މިއަދު ޑައިވަށް ފޭބީ ޑައިވް ކުރަން މީހުން ފައިބާ ސްޕޮޓަކަށް ފަތުރުވެރިން ގޮވައިގެން ކަމަށް ފުވައްމުލަކުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އެމީހުން ފޭބުމަށްފަހު މައްޗަށް އެރީ މަހުމޫދު އެކަނި ކަމަށާއި އެ ފަހުން ސައީދު ހޯދަން ފެށީ ކަމަށް އޭނާ ބުންޏެވެ.
މަހުމޫދު އިތުރު ފަރުވާއަށް ދ. ކަނޑިންމަ ރިސޯޓަށް ގެންދިއުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އޭނާ އެ ރިސޯޓަށް ގެންދަނީ ޑީކޯވާ މީހުންނަށް ފަރުވާދިނުމަށް ހާއްސަ ތަނަކަށެވެ.
ޑައިވިންއާއި ސްނޯކްލިންއަށް ގޮސްގެން އުޅެނިކޮށް މަރުގެ ތަފާތު ހާދިސާ ރާއްޖޭގައި ވަނީ ހިނގާފަ އެވެ. މިއަހަރު ވެސް މިފަދަ އެތައް ހާދިސާއެއް ހިނގާފައި ވާއިރު ޑައިވް ކޮށް ފީނާ ހަދާމީހުން، ކަމުގެ ތަމްރީނު ހޯދައިގެން އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިރުޝާދު ދެމުންނެވެ.
ޑައިވް ސެންޓަރެއް ހިންގާ އަދި ޑައިވް އިންސްޓްރަކެޓެއްގެ ގޮތުގައި ހަރަކާތްތެރިވާ މުހައްމަދު ސައީދު-- ފޮޓޯ: ފޭސްބުކް
އަދި ހަމަ އެހެންމެ ޑައިވްކޮށް ފީނާ ހަދާ މީހުން ގިނަ ސަރަހައްދު ތަކުގައި ޑިކޮމްޕްރެޝަން ޗެމްބާ ބެހެއްޓުމުގެ ވާހަކައަކީ ވެސް ދައްކަމުން އަންނަ ވާހަކަ އެކެވެ.
މިފަދަ ހާދިސާއެއް އެންމެ ފަހުން ހިނގާފައި ވަނީ މިދިޔަ ޖެނުއަރީ މަހު އެވެ. ޑައިވިނަށް ފޭބި ފަތުރުވެރިޔަކު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ ފެނިފައި ވަނީ ކަނޑުގެ 15 މީޓަރުގެ އަޑީ މަރުވެފައި އޮއްވަ އެވެ.
0.00%
66.67%
16.67%
16.67%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment