Advertisement

ޓީޗަރުންގެ މުސާރަ ބޮޑުވުން; ވަޅުޖެހިފައި އޮތް ދާއިރާއަށް އިންގިލާބީ ބަދަލެއް

2 މޭ 2022 - 08:39 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ޓީޗަރަކު ސްކޫލުގައި ދަރިވަރަކަށް އުނގަންނައިދެނީ: ޓީޗިން ދާއިރާއަށް ވަން ކުދިންގެ އަދަދު ވަނީ މިދިޔަ އަހަރުތަކުގެ ތެރޭގައި ވަރަށް ބޮޑަށް މަދުވެފައި -- ފޮޓޯ: ޔުނިސެފް


ޓީޗަރުންގެ މުސާރަ ބޮޑުވުން; ވަޅުޖެހިފައި އޮތް ދާއިރާއަށް އިންގިލާބީ ބަދަލެއް

2 މޭ 2022 - 08:39 0

ފުލުސް މީހާ އާއި ޑޮކްޓަރާއި ނޫސްވެރިޔާ އާއި ރެސްޓޯރަންޓު ހިންގާ މީހާ ބިނާ ކުރަނީ ޓީޗަރެވެ. އެކަމަކު އެ އެންމެންގެ މުސާރައަށް ވުރެ ޓީޗަރުންގެ މުސާރަ ދިވެހިރާއްޖޭގައި ކުޑަ އެވެ. އެކަމަކު އެއީ އިއްޔެއާ ހަމައަށެވެ. މަސައްކަތްތެރިންގެ ދުވަހުން ފެށިގެން 8889 ޓީޗަރުންގެ މުސާރައަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް ލިބިއްޖެ އެވެ.

"ރާއްޖޭގައިވެސް އިންސާނީ ވަސީލަތް ބިނާކުރުމުގެ އެންމެ ބޮޑު ބުރައެއް އުފުއްލަވާ ބަޔަކީ ޓީޗަރުންކަން ޔަގީން. ނަމަވެސް، އެ މުހިންމު ޒިންމާ އަދާކުރައްވާ ޓީޗަރުން މިހާތަނަށް ތިއްބެވީ، އެބޭފުޅުން ކުރައްވާ މަސައްކަތަށް ޙައްޤުވާ މިންވަރަށްވުރެ މާ ދަށް އުޖޫރައެއްގައި. ޓީޗަރުންގެ މުސާރައަށް މިގެނައި ބަދަލަކީ، ޤައުމު ބިނާކުރުމުގެ ގޮތުން ގެނައި ވަރަށް މުހިންމު ބަދަލެއް،" ޓީޗަރުންގެ މުސާރަ ބޮޑުކޮށްދެވިކަން އިއުލާން ކުރެއްވުމަށްފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވި އެވެ.

ރައީސް އެ ވިދާޅުވި ގޮތަށް، މީގެ ކުރިން ޓީޗަރުންގެ މުސާރަ ދަށްވުމުގެ ސަބަބުން މުޅި ތައުލީމީ ދާއިރާ އޮތީ ވަރަށް ބޮޑަށް އިނދަޖެހިފަ އެވެ. ހާއްސަކޮށް ޓީޗަރުން ހޯދުމަށް ވަރަށް ބޮޑު ދަތިތަކަކާ ކުރިމަތިލާންޖެހި ދިވެހިރާއްޖެއިން ބޭރުން ގުރްއާން ޓީޗަރުން ވެސް ގެންނަންޖެހުނެވެ.

ނަމަވެސް އިއްޔެއަކީ ތައުލީ ދާއިރާގެ މުޅިން އާ ޗެޕްޓަރެއް ފެށުނު ދުވަހެކެވެ. ކުރިން 20،000ރ. ލިބުނު ޕްރިންސިޕަލަށް މިހާރު 30،000ރ. އިން މަތިން ލިބޭނެ އެވެ. ޑެޕިއުޓީ ޕްރިންސިޕަލުންގެ މުސާރަ 16،000ރ. އިން 24،000ރ. އަށް އިތުރުވެއްޖެ އެވެ. ކުރިން 10،000ރ.، 12،000ރ. އަދި 14،000ރ. ލިބޭ ޓީޗަރުންނަށް މެއި މަހުގެ މުސާރައިގެ ގޮތުގައި 13،000ރ.، 19،000ރ. އަދި 20،000ރ. ލިބޭނެ އެވެ.

"މި ބަދަލަކީ މީގެ ހެޔޮ އަސަރު މުޅި ގައުމަށް އަދި އަންނަން އޮތް ޖީލުތަކަށް ކުރާނެ ބަދަލެއް. އުއްމީދަކީ މި ބަދަލާ ގުޅިގެން މޮޅެތި ކުދިން މި ދާއިރާއަށް ގުޅުން އަދި ރަނގަޅު މުދައްރިސުން މި ދާއިރާގައި ދެމިތިބުން،" ޓީޗަރުންގެ މުސާރައަށް ގެނައި ބަދަލާ ބެހޭ ގޮތުން މި ނޫހާ ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވި އެވެ.

ޓީޗަރުން ވެސް ތިބީ ބޮޑުކުރި މުސާރައާމެދު ހިތްހަމަޖެހިފަ އެވެ. މުސާރައަށް އިއްޔެ އައި ބަދަލާއެކު ރާއްޖޭގެ އެހެން ވެސް ގަދަރުވެރި މަސައްކަތާއި ތައުލީމީ ދާއިރާގެ މުވައްޒަފުންނާ އެއްހަމަވީ ކަމަށް ބައެއް ޓީޗަރުން ގަބޫލު ކުރެ އެވެ.

"ހަގީގަތުގައި ޓީޗަރުން ކުރަންޖެހޭ މަސައްކަތާ އަޅާބަލާއިރު ވަރަށް ކުޑަ އުޖޫރައެއް ކުރިން ދިނީ. މިހާރު އެ އައި ލެވެލްއަކީ ރާއްޖޭގެ މުސާރައިގެ ލެވެލާ ބަލާފަ ވަރަށް ރަނގަޅު މިންވަރަކަށް އެ އުފުލުނީ. ކުރިން، މުސާޜަ ބޮޑުކުރާށޭ ކިޔާފަ 200، 300 ރުފިޔާ ބޮޑު ކުރަނީ. އެއީކީ ބޮޑުވުމެއް ވެސް ނޫންތާ. އެކަމަކު މިފަހަރު މި އައި ބަދަލަކީ ބޮޑު ތަފާތެއްގެ ބަދަލެއް،" ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަންގެ ސީނިއާ ދިވެހި ޓީޗަރު މުހައްމަދު ގާސިމް، 49، ވިދާޅުވި އެވެ.

މައިގަނޑު ގޮތެއްގައި މުސާރަ ކުޑަވުމުގެ ސަބަބުން އަދި އިތުރު ބައެއް އެހެން ސަބަބުތަކާހުރެ ފާއިތުވެދިޔަ އަހަރުތަކުގައި ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާ އޮތީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ. ތައުލީމީ ދާއިރާ "އިނދަޖެހުނު ކަމަށް ކަމަށް ތަޖުރިބާކާރުން ބުނަން ފެށީ "ދިޔަ ފެލައިގެން ވެސް" އެކަށީގެންވާ ފެންވަރުގެ ޓީޗަރުން ނުލިބޭން ފެށުމުންނެވެ.

މިފަހުން ޓީޗަރުންނަށް ވާން ބޭނުންވާ މީހުންގެ އަދަދު އާދަޔާ ހިލާފަށް މަދުވެގެން ގޮސްފި. އޭގެ އެއް ހަގީގަތަކީ، މި ވެއެތުވެދިޔަ ހަތަރު، ފަސް އަހަރެއްގެ ތެރޭގައި ޕްރައިމަރީ ޓީޗަރުން ރާއްޖެއިން ބޭރުން ގެންނަން ޖެހިއްޖެ. އެއީ ކުރީގަ ކުރަމުން އައި ކަމެއް ނޫން. ޓީޗަރުން އޮންނަނީ އަބަދުވެސް ގިނަވެފަ. ހާއްސަކޮށް މާލޭގައި މި ތިބި ބޮޑެތި ސްކޫލަކުން އިއުލާނުކޮށްލައިފި ކަމަށްވާ ނަމަ 20 ނުވަތަ 30 ވަރަކަށް ބޭފުޅުން ވެސް ކުރިން ކުރިމަތިލައްވާނެ،" ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ހަސަން މުހައްމަދު ވިދާޅުވި އެވެ.

ތައުލީމީ ދާއިރާގައި 32 އަހަރު، ޕްރިންސިޕަލެއްގެ ގޮތުގައި 30 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ހަސަން ވިދާޅުވީ ޓީޗަރުން ނުލިބެނީ "މުސާރަ އެކަށީގެންވާ ވަރަށް އުފުލިފައި ނެތީމަ ކަމަށްވުމަކީ ވަރަށް ގާތް" ކަމަށެވެ.

"އަޅުގަނޑުމެން މި ދާއިރާއަަށް ވަނީ 1990 ހިސާބު. އެއިރު އަޅުގަނޑުމެންގެ އާމްދަނީ ވަރަށް މަތި. އެއިރު ނައިބެއްގެ މުސާރަ އުޅޭނީ 7000ރ. ޕްރިންސިޕަލަކަށް ލިބޭނެ 6000ރ. އެއިރު އަޅާބަލާއިރު މުސާރަ ވަރަށް ބޮޑު އިނގޭތޯ. އަދިކިރިޔާ އެއާ ކިރިޔާ ވެސް މި އަރާ ހަމަވަނީ،" ކުރިން ޓީޗަރުން ގިނަވެ، ލިބެން ފަސޭހަވި ކަމަށް ބެލެވޭ ސަބަބު ހަސަން ހިއްސާ ކުރެއްވި އެވެ.

އެކަމަކު މިހާރު ސްކޫލް ނިންމާ ދަރިވަރުން ވެސް ޓީޗިން ހެދުމުގެ ޝައުގުވެރިކަން ފާޅެއް ނުކުރެ އެވެ. އަމުދުން ކިޔަވަން މޮޅު، ރަނގަޅު ނަތީޖާ ލިބޭ ދަރިވަރިންގެ ތެރެއިން ކުއްޖަކު ތައުލީމީ ދާއިރާއަށް އެއްވެސް ޝައުގުވެރިކަމެއް ނުހުރެ އެވެ.

"އަޅުގަނޑުމެން ގްރޭޑް 10 ނިންމާ ކުދިން ކައިރި އަހާލީމާ ވެސް ވަރަށް މަދުވާނެ ޓީޗިން ހަދަން ބޭނުންވާ ކުދިން. ކޮންމެވެސް އެހެން ދާއިރާއަކުން ކުރިއަށްދާން ބޭނުންވާނީ. ހާއްސަކޮށް މޮޅެތި ކުދިން އެއްގޮތަކަށް ބޭނުމެއް ނުވޭ ޓީޗިން ހަދާކަށެއް. އެއީ މީގެ ކުރިމަގު އެހާ އުޖާލާކޮށް ނުފެންނާތީ ކަމަށްވެދާނެ،" އޭނާ ވިދާޅުވި އެވެ.

މޮޅު ކުދިން ކިޔަވައިގެން ކިޔަވައިދޭން ނުނިކުތުމަކީ ވެސް މައްސަލައެކެވެ. އަދި އެއީ ދިވެހިރާއްޖެއަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. ރާއްޖޭގައި ޓީޗިން ހަދާ ދަރިވަރުން މަދުވުމުގެ އިތުރުން ގައުމުގައި އުފެދޭ މޮޅު ދަރިވަރުންގެ ތެރެއިން ކުއްޖު ނާދިރު ހާލަތެއްގައި މެނުވީ ތައުލީމީ ދާއިރާއަކަށް ނުވަދެ އެވެ.

"ޓީޗިން އާންމުކޮށް މި ހަދަނީ ބައިވަރު ފައުންޑޭޝަން ކޯސްތަކެއް ވެސް ހަދައިގެން. މާނައަކީ ޓީޗިން ހަދާ ކުދިން އަސްލު މައިގަނޑު ކޯހަކަށް ޝަރުތު ހަމައެއްނުވެއޭ. އޭގެ މާނައަކީ، މި ބުނާ ކްރީމް، އޯލެވެލްގެ ޓޮޕް ޓެންއަށް ދާ ކުދިންނެއް ނާންނާނެ ޓީޗިން ފީލްޑަކަށް،" ތައުލީމީ ދާއިރާގައި 27 އަހަރު ހޭދަކުރައްވާފައިވާ، ބ. ގޮއިދޫ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ނިޒާމް ވިދާާޅުވި އެވެ.

ނަމަވެސް މުސާރަ ބޮޑުކުރުމުން މިހާރު މޮޅު ދަރިވަރުންގެ ލޯތައް ވެސް ތައުލީމީ ދާއިރާއަށް ދާނެ ކަމަށް ނިޒާމް ގަބޫލު ކުރައްވަ އެވެ. އަދި އެކަމުން ރާއްޖޭގެ މުސްތަގްބަލަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށް ނިޒާމް ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތަނުގައި މިކަހަލަ އާމްދަނީއެއް ދޭ ކަމަށްވާ ނަމަ ކިޔަވައިގެން ތިބި މޮޅު ކުދިން މި ދާއިރާއަށް އަންނާނެ. މޮޅު ކުދިން ޓީޗަރުންނަށްވީމަ އެ ޓީޗަރުން އަދި މާ މޮޅުވާނެ. ތޫނުފިލި ކުދިން ޓީޗަރުންނަށް އައީމަ އެ ހިސާބުން އަންނަ އިމްޕެކްޓް ވަރަށް ބޮޑުވާނެ،" އޭނާ ވިދާޅުވި އެވެ.

ޓީޗަރުންގެ މުސާރަތައް މި ބޮޑު ކުރީ ވަރަށް ދުވަހުގެ އިންތިޒާރަށްފަހު އެވެ. ނަމަވެސް ބަދަލު އައި ވަގުތު ވަރަށް ބޮޑު ހެޔޮ ބަދަލެއް ފެނިއްޖެ އެވެ. ޓީޗަރުންގެ މުސާރަ ކުޑަ ކަމަށް މީގެ ފަހުން ނުބުނެވޭނެ އެވެ. ބޮޑު ކުރި މުސާރަ ޓީޗަރުން ބަލައިގަނެ އެވެ. ނިޒާމް ބެލެނިވެރިންނަށް ދޭން ބޭނުންވާ މެސެޖަކީ އެއީ އެވެ.

"ވަރަށް ރަނގަޅު އީދު ހަދިޔާއެއް އަޅުގަނޑުމެންނަށް މި ލިބުނީ. ވަރަށް ބޮޑަށް ޝުކުރިއްޔާ. ބެލެނިވެރިންނަށް އަޅުގަނޑު ބުނެލަން އޮތް ވާހަކައަކީ، ބޮޑުކުރި މުސާރައާ އެއްކޮށް ތިބޭފުޅުންގެ އެކްސްޕެކްޓޭޝަން ވެސް ބޮޑުވެއްޖެކަން އަޅުގަނޑުމެންނަށް އެނގެއޭ އިރާދަކުރެއްވިއްޔާ އެއާ އެއްވަރަށް ޓީޗަރުން މަސައްކަތް ކުރާނެއޭ،" ނިންމާލަމުން އޭނާ ބުންޏެވެ.