Advertisement

ޔުނައިޓެޑްގެ މަގާމެއްގައި ހުރެ ރަންގްނިކް އޮސްޓްރިއާގެ ކޯޗުކަން ކުރަން ނިންމައިފި

29 އޭޕްރީލް 2022 - 18:12 0


ޔުނައިޓެޑްގެ މަގާމެއްގައި ހުރެ ރަންގްނިކް އޮސްޓްރިއާގެ ކޯޗުކަން ކުރަން ނިންމައިފި

29 އޭޕްރީލް 2022 - 18:12 0

ވިއޭނާ، އޮސްޓްރިއާ (އޭޕްރީލް 29) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗަކަށް މި ވަގުތު ހުރި ރަލްފް ރަންގްނިކް މި ސީޒަނަށް ފަހު އޮސްޓްރިއާ ގައުމީ ޓީމާ ހަވާލުވާން އެއްބަސްވެއްޖެ އެވެ.

އޮސްޓްރިއާ ކޯޗުގެ މަގާމު މިދިޔަ މާޗް މަހު ހުސްވީ، އެ ޓީމާ ހަވާލުވެ ހުރި ފްރާންކޯ ފޯޑާ މަގާމުން އިސްތިއުފާ ދިނުމުންނެވެ. އެއީ މި އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިނުވުމުންނެވެ.

މިދިޔަ ނޮވެމްބަރު މަހު ރަންގްނިކް ޔުނައިޓެޑްގެ ކޯޗަކަށް ހަމަޖެއްސީ ހަ މަސް ދުވަހުގެ ކޮންޓްރެކްޓެއްގަ އެވެ. އެ އެއްބަސްވުން އަންނަ މަހުގެ ނިޔަލަށް ހަމަވާއިރު، ދެން ކުރިއަށް އޮތް ދެ އަހަރުގައި ރަންގްނިކް ބަދަލުވާނީ ޔުނައިޓެޑްގެ އެޑްވައިޒަރީ މަގާމަކަށެވެ. އެއީ ޓީމުގެ ޓެކްނިކަލް ކަންކަމުގައި ލަފާދިނުމަށެެވެ. އެ މަގާމުގައި ހުރެ، ރަންގްނިކް މިހާރު މި ވަނީ އޮސްޓްރިއާ ގައުމީ ޓީމަށް ކޯޗުކޮށްދޭން ނިންމައިފަ އެވެ.

އަންނަ ސީޒަނުގައި ޔުނައިޓެޑްގެ ކޯޗަކަށް އެރިކް ޓެން ހާގް ހަމަޖައްސަން ނިންމާފައިވާއިރު، ރަންގްނިކް ވަނީ އަންނަ މަހަށް ފަހު އޮސްޓްރިއާ ގައުމީ ޓީމާ ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ހަވާލުވާން ނިންމައިފަ އެވެ.

ދުނިޔޭގެ ރޭންކިންގެ 23 ވަނައިގައި އޮތް އޮސްޓްރިއާ ގޮވައިގެން ރަންގްނިކް ތައްޔާރުވާނީ 2024 ވަނަ އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމަށެވެ.

ރަންގްނިކް ބުނީ މި ފުރުސަތު ލިބުނީތީ ވަރަށް އުފާކުރާ ކަމަށާއި ޒުވާން ކުޅުންތެރިންތަކެއް އުފައްދައި، ވަރުގަދަ ޓީމެއް ގޮވައިގެން އޮސްޓްރިއާ އަށް ދެން އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރަނގަޅު ކަންތައްތަކެއް ހާސިލްކުރަން ބޭނުންވާ ކަމަށެވެ.

އޮސްޓްރިއާ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ގާހާޑް މިލިޓެޗް ވިދާޅުވީ ރަންގްނިކް ފަދަ ފުޓްބޯޅައިގެ "އެކްސްޕާޓް" އެއް އޮސްޓްރިއާ އަށް ކޯޗުކޮށްދޭން ލިބުމަކީ އެ ގައުމުގެ ފުޓްބޯޅަ ރަނގަޅު މަގުން ކުރިއަށްގެންދަން ލިބޭ ފުރުސަތެއް ކަމަށެވެ.

އޮލަ ގުނަ ސޯލްޝެއާ ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކޮށް ރަންގްނިކް އެ މަގާމަށް ގެނައި ފަހުން ޔުނައިޓެޑުން ކުޅުނު 25 މެޗުގެ ތެރެއިން މޮޅުވީ 10 މެޗުންނެވެ.

ޖަރުމަނުގެ މަޝްހޫރު ޕްރެސިން ފުޓްބޯޅަ، "ގެގެންޕްރެސިން" ގެ ތަފާތު ވިސްނުންތަކެއް ގެންގުޅުނު ރަންގްނިކަަކީ ފުޓްބޯޅައިގެ ކޯޗިންގައި ދިގު ތާރީހެއް އޮތް ފަރާތެކެވެ. އޭނާ އެންމެ ފުރަތަމަ ކޯޗުކަން ކުރަން ފެށީ 1983 ވަނަ އަހަރު އެވެ. އޭގެ ފަހުން ޖަރުމަނުގެ މަޝްހޫރު ކްލަބްތައް ކަމަށްވާ ޝާލްކާ އާއި ސްޓުޓްގާޓް އަދި ހޮފެންހައިމްގެ އިތުރުން ލައިޕްޒިގުގައި މަސައްކަތްކުރި އެވެ. އޭނާ ވަނީ 2011 ވަނަ އަހަރު ޝާލްކާ އަށް ޖަރުމަނު ކަޕް ޗެމްޕިއަންކަން ހޯދައިދީފަ އެވެ. ރަންގްނިކްގެ ފަރާތުން ޕްރެސިން ފުޓްބޯޅަ ދަސްކުރި ޖަރުމަނުގެ ކޯޗުން ވެސް ގިނަ އެވެ. އެ ގޮތުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވެސް ވަނީ ރަންގްނިކްގެ ޕްރެސިން ފުޓްބޯޅަ އަކީ ފަހުގެ މިއައި ސިސްޓަމްތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލޯސަފީކަމަށް ބުނެފަ އެވެ. ޗެލްސީގައި މި ވަގުތު ކޯޗަކަށް ހުރި ތޯމަސް ޓުޗެލް ކޯޗިންގެ ދާއިރާ އަށް ނެރުމުގައި އެންމެ އިސް ދައުރެއް ކުޅުނީ ރަންގްނިކް އެވެ.

އޮސްޓްރިއާ ގައުމީ ޓީމުން ރަންްގްނިކް ގެންނަން ލަފާހޯދީ ރެޑްބުލް އިން ހިންގާ ފުޓްބޯޅަ ނެޓްވޯކްގައި އޭނާގެ ތަޖުރިބާ އަށް ބަލައިފަ އެވެ. ޖަރުމަނުގެ އާރްބީ ލައިޕްޒިގާއި އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގްގައި ޓީމު އެކުލަވާލުމުގެ މަސައްކަތްތަކުގައި ރަންގްނިކް ވަނީ ސީނިއާ ޓެކްނިކަލް މީހެއްގެ ދައުރު އަދާކޮށްފަ އެވެ.