21 ޖުލައި 2024 - 09:25 0
21 ޖުލައި 2024 - 09:25 0
މެންޗެސްޓާ (ޖުލައި 21) - މެންޗެސްޓާ ޔުނައިޓެޑް ކުރިން އޮތް ލެވަލަށް ވަރުގަދަ ކްލަބަކަށް ހެދުމަށް ކުދިކުދި ބަދަލުތަކެއް ގެނައުމުގެ ބަދަލުގައި ކުރަން ޖެހެނީ "އޯޕަން ހާޓް ސާޖަރީ" އެއް ކަމަށް ބުނެ، އެ ޓީމުގެ ކުރީގެ ކޯޗު ރަލްފް ރަންގްނިކް ދެއްކި ވާހަކަ އަށް މިހާރު އެ ޓީމާ ހަވާލުވެ ހުރި ކޯޗު، އެރިކް ޓެން ހާގް ތާއީދުކޮށްފި އެވެ.
ޓެން ހާގް، 54، ޔުނައިޓެޑްގެ ކޯޗުކަމާ 2022 ވަނަ އަހަރު ހަވާލުވުމުގެ ކުރިން، ރަންގްނިކް ވަނީ ޔުނައިޓެޑަށް ހަތް މަސް ދުވަހު އިރުޝާދުދީފަ އެވެ. އޮސްޓްރިއާ ގައުމީ ޓީމާ އެކު މި ފަހަރު ޔޫރޯގައި ރަނގަޅު ނަތީޖާތަކެއް ނެރުނު ރަންގްނިކް، ޔުނައިޓެޑާ ހަވާލުވެހުރެ، ކޯޗުކޮށްދިން 29 މެޗުގެ ތެރެއިން އެ ޓީމު މޮޅުވީ، 11 މެޗުންނެވެ.
ރަންގްނިކް އޭރު ބުނީ، ޔުނައިޓެޑްގައި ހުރި މައްސަލަތަކުގެ ހައްލުހޯދަން ކުރަން ޖެހެނީ ކުދިކުދި ކަންތައްތަކެއް ނޫން ކަމަށާއި އެ ކްލަބްގެ ހިތުގެ ބޮޑު އޮޕަރޭޝަނެއް ކަމަށެވެ.
އެ ވާހަކަތަކަށް އިޝާރާތްކޮށް ކުރި ސުވާލަކަށް ދިން ޖަވާބުގައި ޓެން ހާގް ބުނީ، ރަންގްނިކް ދެއްކީ ހަމަ އެންމެ ބަރާބަރު ވާހަކަ ކަމަށެވެ.
"އަހަރެމެން އެ ކަމުގެ އެކި މަސައްކަތްތައް މި ކުރަމުން އަންނަނީ މިދިޔަ ދެ އަހަރު ވެސް. މިއީ ވަރަށް ބޮޑަށް ފަރުވާ ބަހައްޓައިގެން ވަގުތުން ވަގުތަށް ކަންކަން ބަލައިގެން ކުރަން ޖެހޭ އޮޕަރޭޝަނެއް. މި ކަން ފެށިއިރު ވެސް އަހަންނަށް އެނގޭ މިއީ އުނދަގޫ ކަމެއް ކަން،" މިދިޔަ ދެ ސީޒަނުގައި ޔުނައިޓެޑަށް ލީގު ކަޕާއި އެފްއޭ ކަޕް ކާމިޔާބުކޮށްދިން ޓެން ހާގް ބުންޏެވެ.
ދާދި ފަހުން، ޔުނައިޓެޑްގެ 27.7 ޕަސެންޓް ހިއްސާ ގަނެފައިވަނީ، ރެޓްކްލިފްގެ ކުންފުނި އިނިއޯސް އިންނެވެ. އެއީ ޓީމުގެ ކަންކަމުގައި ބަސް ބުނުމުގެ ބާރާއި ކޮންޓްރޯލް ލިބޭ ގޮތަށް ހެދި ޑީލެކެވެ. އެ ކުންފުނިން މިހާރު ވެސް އަންނަނީ އެ ކްލަބް ހިންގުމުގައި ގެންނަން ޖެހޭ ބަދަލުތަކަށް އަލިއަޅުވާލައި، ގިނަ ކަންތައްތަކެއް ކުރަމުންނެވެ. އެ ގޮތުން، އެޑްމިނިސްޓްރޭޝަނުގެ އެކި މަގާމުތަކަށް މީހުން ހަމަޖެއްސުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ބަދަލުތަކާ އެކު، ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑްގެ ހަރަކާތްތައް ރަނގަޅެވެ. ޔުނައިޓެޑުން ވަނީ ދެ ޑީލް ނިންމައިފަ އެވެ. އެއީ ބޮލޯނިއާގެ ފޯވާޑް ޖޯޝުއާ ޒާކްޒީ އާއި ލިލްގެ ޑިފެންޑަރު، ލެނީ ޔޯރޯ އެވެ. ޓެން ހާގް ހުރީ ބަޔާން މިއުނިކްގެ ޑިފެންޑަރު، މަތައިސް ޑި ލިޓް ވެސް ގެންނަން އަމާޒުކޮށްގެންނެވެ.
Comment