Advertisement

ލ. މެންދޫގައި ޑޮމެސްޓިކް އެއާޕޯޓެއް އަޅަން ހިތަދޫ ކައުންސިލުން ދިރާސާކުރަނީ

27 އޭޕްރީލް 2022 - 11:00 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

(ކ - ވ) ލ. ހިތަދޫ، ލ. މެންދޫ އަދި ލ. ކުނަހަންދޫ. ސަރުކާރުން ވަނީ އެ ތިން ރަށް ގުޅުވާލާ ކޯޒްވޭ މަޝްރޫއެއް ބަޖެޓުގައި ހިމަނާފަ-- ފޮޓޯ: ފޭސްބުކް


ލ. މެންދޫގައި ޑޮމެސްޓިކް އެއާޕޯޓެއް އަޅަން ހިތަދޫ ކައުންސިލުން ދިރާސާކުރަނީ

27 އޭޕްރީލް 2022 - 11:00 0

ލ. މެންދޫގައި ޑޮމެސްޓިކް އެއާޕޯޓެއް އަޅަން ސްވޮޓް އެނަލިސިސްއެއް ހަދައިދޭން ބަޔަކު ހޯދަން އެ އަތޮޅު ހިތަދޫ ކައުންސިލުން އިއުލާންކޮށްފި އެވެ.

ދަނޑުވެރިކަމަށް މިހާރު މައިގަނޑު ގޮތެއްގައި ބޭނުންކުރާ މެންދޫގައި ޑޮމެސްޓިކް އެއާޕޯޓެއް އަޅަން އެފަދަ ދިރާސާއެއް ހަދައިދޭނެ ބަޔަކު ހޯދަން ހިތަދޫ ކައުންސިލުން ކުރި އިއުލާނުގައި ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މެއި މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ބިޑު ހުށަހެޅުމަށެވެ.

ހިތަދޫއާ ކުނަހަންދޫ އަދި މާވަށާއި އެއް ފަޅެއްގައި އޮންނަ މެންދޫގައި ތަރައްގީކުރަން ވިސްނާ ޑޮމެސްޓިކް އެއާޕޯޓުގެ ދިރާސާއާ ގުޅޭގޮތުން ހިތަދޫ ކައުންސިލް ރައީސް އިބްރާހިމް ޝައްމޫން "އަދަދު"އަށް ވިދާޅުވީ އެ މަޝްރޫއަކީ ސަރުކާރުގެ ތަރައްގީގެ ޕްލޭންތަކާއި ކައުންސިލްގެ ތަރައްގީގެ ޕްލޭންތައް އެއްގޮތް ކުރުމަށް ކުރެވޭ ދިރާސާއެއް ކަމަށެވެ.

"އަދި ދިރާސާއެއް ކުރަން މި އިއުލާންކުރީ. އެތަނުގަ އެއާޕޯޓެއް އަޅައިގެން ވާނެ ފައިދާތަކާއި، ފީޒިބިލިޓީއާ އެކަމަށް ދާނެ ހަރަދުތައް،" ޝައްމޫން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުން މެންދުއާ ކުނަހަންދޫ އަދި ހިތަދޫ ކޯޒްވޭއަކުން ގުޅުވާލުމަށް މަޝްރޫއެއް ކުރިޔަށް ގެންދާއިރު ޑޮމެސްޓިކް އެއާޕޯޓެއް މެންދޫގައި އެޅުމުން، އެ ސަރަހައްދުގެ ތަރައްގީގެ ޕްލޭން ފުރިހަމަވެގެންދާނެ ކަމަށެވެ.

"ފީޒިބިލިޓީއަށް ބަލާފަ، އެ ދިރާސާއަށް ބަލާފަ، ދެން އަޅުގަނޑުމެން ކުރިޔަށްދާން ވިސްނާނީ. ސަރުކާރަށް ހުށަހަޅާނީތޯ ނުވަތަ ޕްރައިވެޓް ޕާޓީއަކަށް ވިޔަސް ހުށަހަޅާނީތޯ. ކައުންސިލްގެ އެބަހުރި ވިސްނުން އެތަނުގައި ޑޮމެސްޓިކް އެއާޕޯޓެއް އަޅަން، އެއީ މިހާރު ކައްދޫގައި އޮންނަނީ މިލިޓަރީ އެއާޕޯޓެއް،" ޝައްމޫން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ޑޮމެސްޓިކް އެއާޕޯޓެއް އަޅާނަމަ، އެ ސަރަހައްދުގެ ހަތަރު ރަށަށް ބޮޑެތި ފައިދާތަކެއްވާނެ ކަމަށެވެ. އެގޮތުން ލ. އަތޮޅުގެ އެންމެ ބޮޑު ދެ ރިސޯޓު އެ ސަރަހައްދާ ކައިރީގައި އޮންނައިރު، އެއާޕޯޓެއް އައުމުން އެ ސިނާއަތަށް ވެސް ކުރިއެރުން އަންނާނެ ކަމަށް ޝައްމޫން ވިދާޅުވި އެވެ.

"ފަތުރުވެރިކަމާއި މަސްވެރިކަން އެންމެ ބޮޑަށް އޮންނަނީ މި ސަރަހައްދުގަ. އެއާޕޯޓެއް އައުމުން އެ ސިނާއަތްތަކަށް ވަރަށް ފައިދާ ކުރާނެ. ކުރިން ވެސް އެންމެ ފުރަތަމަ އެއާޕޯޓެއް އަޅަން ނިންމި ރަށަކީ މެންދޫ. އެކަމަކު އަތޮޅަކަށް އެއް އެއާޕޯޓު އަޅަން ވިސްނި އުސޫލުން، އަތޮޅުގެ މެދަށްވާ ގޮތަށް ކައްދޫގައި އެޅީ. އެއީ ހަމަ ރަނގަޅު ނިންމުމެއް،" ޝައްމޫން ވިދާޅުވި އެވެ.

ކުނަހަންދުއާ ހިތަދުއާ ކޯޒްވޭއަކުން ގުޅާލަން މި އަހަރުގެ ބަޖެޓުގައި ސަރުކާރުން ވަނީ 1.09 މިލިއަން ރުފިޔާ ހިމަނައިފަ އެވެ. މީހުން ދިރިއުޅޭ އެ ދެ ރަށް ގުޅުވާލަނީ އެ ދެރަށުގެ މެދަށްވާ ގޮތަށް އޮންނަ 65 ހެކްޓަރުގެ ބިމުގެ ސަރަހައްދެއް އޮންނަ މެންދޫ މެދުވެރިކޮށެވެ.

މެންދުއާ ކައިރިން އޮންނަ މީހުން ދިރިއުޅޭ ހަތަރު ރަށްކަމުގައިވާ ކުނަހަންދޫ، ހިތަދޫ، މާމެންދޫ އަދި މާވަށުގައި ގާތްގަނޑަކަށް 5،000 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅެ އެވެ. އެ ރަށްތަކާއި އެ އަތޮޅުގައި ދެން އެއާޕޯޓެއް އޮންނަ ކައްދުއާ ދެމެދު ގާތްގަނޑަކަށް 30-40 މިނެޓުގެ ދުރުމިނެއް އޮވެ އެވެ.

ލ. އަތޮޅުގެ ދެ ރިސޯޓުކަމުގައިވާ ސިކްސް ސެންސަސްއާ ރަހާ ރިސޯޓު ވެސް އޮންނަނީ މެންދުއާ ގާތްގަނޑަކަށް 5-10 ވަރަކަށް މިނެޓުގެ ދަތުރެއްގެ ދުރުމިނުގަ އެވެ.