Advertisement

ހުލާސާކޮށް އިއްޔެ: އަންމަޓީގެ މައްސަލަ ބަލަން ސުޕްރީމް ކޯޓުން ނެރުނު އަމުރު މުރާޖާކުރަން ހުށަހެޅުން

26 އޭޕްރީލް 2022 - 07:54 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ސުޕްރީމް ކޯޓު. އަންމަޓީ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި ދައުލަތުން އިސްތިއުނާފު ކުރި މައްސަލަ ބަލަން ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ހުލާސާކޮށް އިއްޔެ: އަންމަޓީގެ މައްސަލަ ބަލަން ސުޕްރީމް ކޯޓުން ނެރުނު އަމުރު މުރާޖާކުރަން ހުށަހެޅުން

26 އޭޕްރީލް 2022 - 07:54 0

ސީލައިފް ފްލެޓްތަކުގެ މައްސަލައިގައި ހިޔާނާތުގެ ދައުވާ އުފުލާފައިވާ އެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ބަންދުން ދޫކޮށްލި މައްސަލަ ހައި ކޯޓުން އަލުން ބަލަން ސުޕްރީމް ކޯޓުން އިއްޔެ ނެރުނު އަމުރު މުރާޖައާ ކޮށްދިނުމަށް އެދި ހުށަހަޅަން ނިންމައިފި އެވެ.

ހައި ކޯޓުގައި އިސްތިއުނާފު ކުރި އެ މައްސަލަ އެ ކޯޓުން ބޭރުކޮށްލީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ 48 ގަޑިއިރުގެ މުއްދަތު ފާއިތުވި ފަހުން ދައުލަތުން މައްސަލަ ހުށަހެޅުމުން ކަމަށް ބުނެ އެވެ.

ޝަރީއަތް ކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާގައިވާ ގޮތުން ދުވަސް ގުނަނީ މައްސަލަ ނިންމާ ދުވަހާ ޖެހިގެން ދެ ދުވަސް ހިމެނޭ ގޮތުން ކަމުގަ އެވެ. އެ ދެމެދަށް ބަންދު ދުވަހެއް އައިސްފިނަމަ އެ ވެސް ނުހިމަނަ އެވެ.

ދައުލަތުން އިސްތިއުނާފު ކުރުމުގެ 48 ގަޑިއިރު ގުނަމުން އައީ މި ގަވާއިދާ އެއްގޮތަށް ކަމަށް ވާއިރު، ސުޕްރީމް ކޯޓުން އިއްޔެ ނިންމީ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ އެ މާއްދާ ގާނޫނާ ހިލާފު ކަމަށެވެ. އަދި އަންމަޓީ ބަންދުން ދޫކޮށްލި މައްސަލަ ހައި ކޯޓުން ބަލަން ވެސް އަމުރު ކުރި އެވެ.

"މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައި ކޯޓުން މައުޟޫއީ ގޮތެއްގައި ބަލަން ޖެހޭ މައްސަލައެއް ކަމަށް ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅަން، އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ މުއްދަތު ގުނާނީ ވަގުތުން ފެށިގެން ކަމަށް ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައަޅަން،" ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން އިއްޔެ ނިންމެވި ނިންމުގައިވެ އެެވެ.

އެ ނިންމުމަށް ފަހު އައްމަޓީގެ ފަރާތުން ވަކީލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި މައްސަލައެއްގައި ދައުލަތުން އަމަލުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާފައިވާ ހާލު އަދި ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާއަކީ ގާނޫނާ ހިލާފު މާއްދާއެއް ކަމަށް ފާހަގަކުރި ފަރާތަކީ އައްމަޓީގެ ކަމަށް ވެފައި އެ މަންފާ އޭނާއަށް ލިބެންޖެހޭނެ ކަމަށެވެ.

"[އެހެންވެ] މި ނުކުތާ އަހުމަދު މޫސާ މުހައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައި ކޯޓަށް މުރާޖައާކުރުމަށް ހުށަހެޅުމަށް ނިންމައިފީމެވެ،" އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާ


ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާގެ ބޭނުމަށްޓަކައި، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނާނީ، ފުރަތަމަ މަރުހަލާގެ ކޯޓުން މައްސަލަ ނިންމި ދުވަހާއި އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވާ ދުވަހަކާ އެދެމެދަށް އަންނަ ރަސްމީ ބަންދު ދުވަސްތައް ނުހިނަމަ އެވެ.

އަންމަޓީގެ މައްސަލަ އިސްތިއުނާފު ކުރި ގޮތް

20 މާރިޗު 2022 . ފުރަތަމަ މަރްޙަލާގެ ކޯޓުން މައްސަލަ ނިންމި ދުވަސް

21 މާރިޗު 2022 . ފުރަތަމަ ދުވަސް - ގުނާ ދުވަހެއް

22 މާރިޗު 2022 . ދެ ވަނަ ދުވަސް - ގުނާ ދުވަހެއް

23 މާރިޗު 2022 . އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވާ ދުވަސް

އަންމަޓީ މައްސަލައިގެ ފަސް މަންޒަރު

އަންމަޓީ ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުުރީ އޭނާގެ މައްޗަށް ޝަރުތުތަކެއް ކަނޑައެޅުމަށް ފަހު އެވެ. މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އަންމަޓީ ވަނީ ބަންދުން ދޫކޮށްލާފަ އެވެ. ނަމަވެސް، އެ ފަހަރުތަކުގައި ހައި ކޯޓުން އެ އަމުރުތައް ބާތިލުކޮށް އޭނާ ބަންދު ކުރި އެވެ.

އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމަށް، ހަވާލުކޮށްފައި ވަނިކޮށް އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމައެއް ނުކުރެ އެވެ. އަދި ފްލެޓްތައް ވިއްކުމަށް ފައިސާ ނަގާފައިވާއިރު، އެއީ މަކަރާއި ހީލަތުން ނެގި ފައިސާ ކަމާއި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަަމުގެ ތުހުމަތު އަންމަޓީގެ މައްޗަށް ކުރެވުނެވެ.

އެ ތުހުމަތުގައި އޭނާ ހޯދުމަށް ރެޑް ނޯޓިސް ވެސް ނެރެފައިވަނިކޮށް އޭނާ ހައްޔަރުކުރީ ލަންކާއިނެވެ. އެކަމަކު އަންމަޓީ ބުނަނީ އެނާ ލަންކާގައި އުޅުނީ އެ ގައުމު މީހަކާއި ކައިވެނިކޮށްގެން ކަމައި ފިލައިގެން ނޫން ކަމުގަ އެވެ.

އަންމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް އުފުލާފައިވެ އެވެ. އެ ހުރިހާ މައްސަލައެއްގެ ވެސް ޝަރީއަތް ކުރިއަށް ދަނީ ވަކިވަކިންނެވެ. އެއީ، އޭނާ ހިޔާނާތްތެރިވި ކޮންމެ މީހެއްގެ މައްސަލަ ވަކިންނެވެ.

ބައެއް މުހިންމު ހަބަރުތައް

  • ރަޖިސްޓްރީނުކޮށް ހިންގާ އެއްވެސް އިންވެސްޓްމަންޓް ސްކީމަކުން މާލީ ގެއްލުމެއް ލިބިފައިވާ މީހުން އެކަން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)އަށް ހުށަހަޅަން އެންގީ އިއްޔެ އެވެ.
  • ޝަރުއީ ކޯޓުތައް އެކުލެވިގެންވާ ގޮތަށް ބަދަލުތަކެއް ގެނެސް ޑިސްޓްރިކްޓް ކޯޓުތައް އުފެއްދުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ހާމަކުރީ އިއްޔެ އެވެ.
  • ހުޅުމާލޭގެ ދެ ސަރަހައްދަކުން ކާރު ޕާކުކުރަން 70 ޖާގަ ދޫކުރަން ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ފަނޑިޔާރުންގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށް ހާމަކުރަމުން އޭޖީ އޮފީހުން ބުނީ:

"ފަނޑިޔާރުންގެ ގާނޫނު އިސްލާހުކުރުމުގެ މައިގަނޑު ބޭނުމަކީ، ފަނޑިޔާރުންނަކީ ފަނޑިޔާރުކަމުގެ މަގާމާއި ޝަރުއީ ދާއިރާގެ މުސްތަގިއްލުކަން ދެމެހެއްޓޭނެ ފަދައަކުން އަދި ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓޭނެ ގޮތަށް މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކެއްކަން ކަށަވަރުކުރުމަށްޓަކައި ކަމާގުޅޭ އުސޫލުތައް ގާނޫނުގައި ހިމެނުން،"

ދުވަހުގެ ފޮޓޯ

އެފްއޭއެމް ވެޓްރަންސް ލީގުގައި އިއްޔެ ހަވީރު ހުޅުމާލެ ވެޓްރަންސް ކުލަބާއި ދިވެހި ސިފައިންގެ ކުލަބު ކުޅުނު މެޗުގެ ތެރެއިން. މި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެން. ލީގު ބުރުގައި މި ދެ ޓީމުގެ ފަހު މެޗަށް ނުކުތްއިރު، ހުޅުމާލެ ވެޓްރަންސް އިން އޮތީ ފައިނަލުން ޖާގަ ހޯދާފައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ދިރާސާތަކުން ކިޔާލުމަށް

"އެމްޕްލޯއިމަންޓް އިން ރިސޯޓްސް 2020"

މިއީ ދިވެހިރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތްކުރުމުގެ ހާލަތު ދެނެގަތުމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން 2020 ވަނަ އަހަރު ކުރިއަށް ގެންދިޔަ ދިރާސާއެކެވެ. މި ދިރާސާގައި ވަނީ ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދާއި، އުމުރުފުރާތަކާއި، ޖިންސާއި، އަދި މުސާރައިގެ ތަފްސީލުތައް ހިމަނާފަ އެވެ.