Advertisement

އެފްއޭ ކަޕް ފައިނަލުގައި ވެސް ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުމެއް

18 އޭޕްރީލް 2022 - 00:53 0

ްކްރިސްޓަލް ޕެލަސް ކޮޅަށް ގޯލު ޖެހުމަށް ފަހު ޗެލްސީ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ


އެފްއޭ ކަޕް ފައިނަލުގައި ވެސް ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުމެއް

18 އޭޕްރީލް 2022 - 00:53 0

ލަންޑަން (އޭޕްރީލް 17) - އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި މިރޭ ކްރިސްޓަލް ޕެލެސް 2-0 އިން ބަލިކޮށް މުބާރާތުގެ ފައިނަލުން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ޗެލްސީން ޖާގަ ހޯދައިފި އެވެ.

އަންނަ މަހު 14 ވަނަ ދުވަހު ކުޅޭ ފައިނަލުގައި ޗެލްސީން ލިވަޕޫލާ ދެކޮޅަށް ކުޅޭއިރު، މި ފަހަރުގެ ލީގު ކަޕް ފައިނަލުގައި ވެސް ވާދަކުރީ މި ދެ ޓީމެވެ. އެ މެޗުން ޕެނަލްޓީ ޖަހައިގެން މޮޅުވީ ލިވަޕޫލް އެެވެ. މިއީ 1993 ވަނަ އަހަރަށް ފަހު އެއް ޓީމުތަކެއް ލީގު ކަޕާއި އެފްއޭ ކަޕް ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ، އެ ފަހަރު، ވާދަކުރި ދެ ޓީމަކީ ޝެފީލްޑް ވެނެސްޑޭ އާއި އާސެނަލް އެވެ.

ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލަށް ނުކުތްއިރު، ޕެލެސް އަށް އޮތް އެންމެ ބޮޑު ނުތަނަވަސްކަމަކީ އެ ޓީމުގެ މިޑްފީލްޑަރު ކޮނާ ގަލަގާ އަށް ނުކުޅެވުމެވެ. ޗެލްސީގެ ލޯން އެއްބަސްވުމެއްގެ ދަށުން ޕެލެސް އަށް ކުޅެމުން އަންނަ ގެލަގާ މި މެޗުގައި ކުޅުވަން ޕެލެސް އިން އެދުނު ނަމަވެސް ޗެލްސީން ހުއްދަ ނުދިނެވެ.

މިރޭގެ މެޗުގައި ޗެލްސީން ޖެހި ދެ ގޯލު ވެސް ކާމިޔާބުކުރީ މެޗުގެ ދެ ވަނަ ހާފްގަ އެވެ. ދެ ވަނަ ހާފް ފަށައިގެން ޕެލެސްގެ ޗެއިކޫ ކުޔާޓޭ އަށް ކޯނަރެއްގައި ހުސްކޮށް ލިބުނު ފުރުސަތުން ޖެހި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ. ޗެލްސީން ލީޑުނެގީ މެޗުގެ 65 ވަނަ މިނިޓްގައި ރުބެން ލޮފްޓަސް-ޗީކް ޖެހި ގޯލުންނެވެ. ލޯން އެއްބަސްވުމެއްގެ ދަށުން ކުރިން ޕެލެސް އަށް ކުޅުނު ލޮފްޓަސް-ޗީކް ވަނީ އޭރިއާތެރެއިން ލިބުނު ބޯޅަ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ. އޭނާ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ކައި ހަވާޓްޒް ބޯޅަ ހޯދީ ޕެލެސްގެ ޓައިރިކް މިޗެލް ހެދި ގޯހަކުންނެވެ. ލޮފްޓަސް-ޗީކް ކުޅެން އެރުވީ މަޓެއޯ ކޮވަސިޗަށް އަނިޔާވެގެންނެވެ.

ޗެލްސީން ދެ ވަނަ ގޯލު ޖެހީ މެޗުގެ 76 ވަަނަ މިނިޓްގަ އެވެ. މިއީ ޓީމޯ ވާނާ ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، މޭސަން މައުންޓް ޖެހި ގޯލެކެވެ. މައުންޓް ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ދުރު ކަނަށެވެ.

ޗެލްސީ އެންމެ ފަހުން އެފްއޭ ކަޕްގެ ތަށި އުފުލާލީ 2018 ވަނަ އަހަރު އެވެ. އޭގެ ކުރިން ވަނީ 2012 ވަނަ އަހަރު ލިވަޕޫލް ބަލިކޮށް ޗެމްޕިއަންކަން ހޯދައިފަ އެވެ. އެއީ އެންމެ ފަހުން ލިވަޕޫލް ކުޅުނު ފައިނަލެވެ. މިދިޔަ އަހަރުގެ އެފްއޭ ކަޕް ފައިނަލުގައި ޗެލްސީ ވަނީ 1-0 އިން ލެސްޓާ ސިޓީ އަތުން ބަލިވެފަ އެވެ. އޭގެ ކުރިން ފަހަރު ފައިނަލުގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އާސެނަލް އަތުން ވަނީ 2-1 އިން ބަލިވެފަ އެވެ.