Advertisement

ހުލާސާކޮށް އިއްޔެ: ހާންޖީ ރެސްޓޯރަންޓުގައި އަނިޔާވެރި މަރެއް

17 އޭޕްރީލް 2022 - 08:11 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

"ޚާންޖީ މޯލްޑިވްސް" ރެސްޓޯރެންޓްގައި ރޭ މަރާލި ބަންގްލަދޭޝްގެ މީހާ ބިންމައްޗަށް ވެއްޓިފައިވާއިރު، އޭނާ ސަލާމަތްކުރުމަށް އެތަނުގެ ބައެއް މުވައްޒަފުން މަސައްކަތް ކުރަނީ.


ހުލާސާކޮށް އިއްޔެ: ހާންޖީ ރެސްޓޯރަންޓުގައި އަނިޔާވެރި މަރެއް

17 އޭޕްރީލް 2022 - 08:11 0

ހުޅުމާލޭގައި ހުންނަ ހާންޖީ ރެސްޓޯރުންޓުގައި މަސައްކަތްކުރާ ޕާކިސްތާނުގެ ކައްކާ ހަމަ އެތަނުގެ ބަންގްލަދޭޝް މުވައްޒަފަކަށް ވަޅިން ހަމަލާދީ މަރާލީ އިއްޔެ އެވެ.

ބަންގްލަދޭޝް މީހާ މަރުވީ ރެސްޓޯރެންޓް ބަދިގެ ތެރޭގައި އިއްޔެ ހަވީރު ޕާކިސްތާނުގެ ކައްކާ ކަމަށްވާ މުހައްމަދު އާބިދު, 26 އާ ދެމެދު ހިނގި ދެބަސްވުމެއްގެ ތެރެއިން އޭނާގެ ކަރަށާއި މެޔަށް އަމާޒުކުރި ހަމަލާތަކެއްގަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފަ އެވެ.

ހަވީރު ރެސްޓޯރެންޓްގެ ބަދިގެ ތެރޭ ހިނގި ދެބަސްވުމުގެ ސީދާ ސަބަބު ސާފުވެފައި ނުވީ ނަމަވެސް, އެނގިފައިވާ ގޮތުގައި ހަމަލާ ދިން ކަމަށް ތުހުމަތުވާ ޕާކިސްތާނުގެ ކައްކާ އާއި ބަންގްލަދޭޝް މީހާއާ ދެމެދު މީގެ ކުރިން ވެސް ދެބަސްވުންތައް ހިނގަ އެވެ.

ފުލުހުން އިއްޔެ ފޮޓޯ އާއި ވަނަވަަރު ވެސް އާންމުކޮށްފައިވާ ޕާކިސްތާނުގެ ކައްކާއަކީ, އޭނާގެ ދަންނަ މީހުން ބުނާ ގޮތުގައި ވަރަށް އަވަހަށް ރުޅި އަންނަ, ރުޅި ގަދަ މީހެކެވެ. މީގެކުރިން ވެސް ރެސްޓޯރެންޓް ތެރޭގައި މާރާމާރީއެއް ހިންގާފައިވެ އެވެ.

ޚާންޖީ ރެސްޓޯރެންޓްގައި ބަންގްލަދޭޝްގެ މުވައްޒަފަށް ވަޅިން ހަމަލާ ދިން ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދު


ހަމަލާ ދިނުމަށް ފަހު ޕާކިސްތާނުގެ ކައްކާ ކަމަށްވާ މުހައްމަދު އާބިދު ފިލުމުން އޭނާގެ ފޮޓޯ ރޭ އިރައިކޮޅު ފުލުހުން އާންމުކުރި އެވެ. އޭނާ ހައްޔަރުކުރިކަން ފުލުހުން އާންމުކުރީ ރޭގެ މެންދަމު އެވެ.

ފުރާނަ ސަލާމަތް ވޭތޯ އެހެން މީހުން މަސައްކަތްކުރި

އިއްޔެގެ ހާދިސާއަށް ފަހު ބަންގްލަދޭޝް މީހާ، މަރުވިކަން އަދި ނޭނގޭތީ އެވަގުތު އޭނާ ތަޅުންގަނޑު މަތީ ބާއްވައިގެން, ފުރާނަ ސަލާމަތް ކުރަން އެތަނުގައި ދެން ތިބި މުވައްޒަފުން މަސައްކަތްތަކެއް ކުރި ކަން ވަނީ ވީޑިއޯއަކުން އެނގިފަ އެވެ.

"އަދަދު"އަށް ލިބިފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ބަންގްލަދޭޝް މީހާއަށް ސީޕީއާރްދީ, އޭނާ ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔުމަށްޓަކައި ޕާކިސްތާނަށް ނިސްބަތްވާ އެހެން މުވައްޒަފުންތަކެއް އުޅެ އެވެ. އުރުދޫ ބަހުން އެމީހުން ވާހަކަ ދައްކަމުން ދިޔައިރު, ކަން ހިނގި ގޮތް އެމީހުންނަށް ވެސް އޮޅުންނުފިލައިގެން އުޅޭ ތަން ފެނެ އެވެ.

"ކިޔާ ޕްރޮބްލަމް ހޯގައީ [ކިހިނެއްވެގެން މި އުޅެނީ]," އެތަނުން އެކަކު ސުވާލުކުރާ އަޑުއިވެ އެވެ. "މާލޫމް ނެހީ, މޭ އަބީ ބަހަރްސޭ އާޔާ, [ނޭނގެ, އަހަރެން ވެސް ދެންމެ ބޭރުން މި އައީ]," ޝެފެއްގެ ޔުނީފޯމް ލައިގެން ހުރި މީހަކު ބުނެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ޖަލުގައި ހުރި މައްސަލަތައް ހައްލުކުރަން ކުރިން އެއްވެސް ސަރުކާރަކުން މަސައްކަތް ނުކުރާ ވަރަށް މި ސަރުކާރުން މަސައްކަތްކޮށްފި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވިކަން ރިޕޯޓުކުރީ އިއްޔެ އެވެ.
  • ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މަސްކިރާ މިންވަރު ދޫކޮށްލުމަށްފަހު އަނެއްކާވެސް މަސް ގަންނަ މިންވަރު މަދުކޮށް، ކޮންމެ ދުވަހަކު ވެސް ދޯންޏަކުން ހަތް ޓަނު މަސް ކިރާ ގޮތަށް ނިންމީ އިއްޔެ އެވެ.
  • މާލެއިން ފެށިގެން ތިލަފުށްޓާ ހަމައަށް ވިލިމާލެއާއި ގުޅިފަޅާއި އެކު ގުޅައިލާ ބްރިޖް މަޝްރޫއަށް ޓަކައި ވިލިމާލޭ ހުޅަނގު ދެކުނު ފަރާތު ފަޅުގައި އަޅާފައިވާ އުޅަނދުފަހަރު ނަގައި އެ ސަރަހައްދު ހުސްކުރަން މާލެ ސިޓީ ކައުންސިލުން އެންގީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ރާއްޖޭގެ ޖަލުތަކުގެ ހާލަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ:

"ޖަލުގަ ބޭނުންކުރެވޭ ބައެއް މަދު އިމާރާތްތަކަކީ ޖަލަށްޓަކައި ބޭނުންކުރުމަށް ބޭނުމަށް ކުރިން އެޅިފައި ހުރި އިމާރާތްތަކެއް ނަމަވެސް އެތަންތަން ހުރީ އިންސާނީ ކަރާމާތާ އަސާސީ ހައްގުތަކަށް ބައިނަލްއަގުވާމީ މިންގަނޑުތަކުން ބަލައިގަތުމަށް އެކަށީގެންވާ ދަށް ފެންވަރެއްގައި ކަމީ އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ ހަގީގަތެއް،"

ދުވަހުގެ ފޮޓޯ

ހުޅުމާލޭގައި ހުންނަ ހާންޖީ ރެސްޓޯރަންޓުގައި މަސައްކަތްކުރާ ކައްކާ އެ ތަނުގެ އެހެން މުވައްޒަފަކަށް ވަޅިން ހަމަލާދީ މަރާލުމާ ގުޅިގެން އެ ސަރަހައްދު ބަންދުކޮށްގެން ފުލުހުން ތަހުގީގު ކުރިއަށް ގެންދަނީ. އެ މައްސަލާގައި ފުލުހުން ވަނީ ޕާކިސްތާނު ރައްޔިތެއް ހޯދަން އިއުލާނުކޮށްފައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


.