Advertisement

އާސެނަލާއި ޓޮޓެންހަމް ބަލިވެއްޖެ، ރޮނާލްޑޯގެ ހެޓްރިކުން ޔުނައިޓެޑް ފަސް ވަނަ އަށް

16 އޭޕްރީލް 2022 - 22:10 0

ރޮނާލްޑޯ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


އާސެނަލާއި ޓޮޓެންހަމް ބަލިވެއްޖެ، ރޮނާލްޑޯގެ ހެޓްރިކުން ޔުނައިޓެޑް ފަސް ވަނަ އަށް

16 އޭޕްރީލް 2022 - 22:10 0

މެންޗެސްޓާ (އޭޕްރީލް 16) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން ޓޮޓެންހަމް ހޮޓްސްޕާސް އާއި އާސެނަލް ބަލިވިއިރު، ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކުން ލީގު ފުލުގައި އޮތް ނޮރިޗް ސިޓީ 3-2 އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް ލީގުގެ ފަސް ވަނަ އަށް ޖެހިލައިފި އެވެ.

ލީގުގެ ހަތަރެއްގައި އޮތް ޓޮޓެންހަމް ވަނީ މިރޭ އަމިއްލަ ދަނޑުގައި 1-0 އިން ބްރައިޓަން އަތުން ބަލިވެފަ އެވެ. ރަށުންބޭރުގައި ކުޅުނު މެޗުން ސައުތެމްޓަން އަތުން އާސެނަލް ބަލިވީ 1-0 އިންނެވެ. އާސެނަލް ވަނީ އެންމެ ފަހުން ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވެފަ އެވެ. އަދި އޭގެ ތެރެއިން އެންމެ ފަހުން ކުޅުނު ތިން މެޗުން ބަލިވުން ހިމެނެ އެވެ.

ޓޮޓެންހަމް ހަތަރު ވަނައިގައި އޮތީ 32 މެޗުން 57 ޕޮއިންޓާ އެކު އެވެ. ފަސް ވަނައިގައި އޮތް ޔުނައިޓެޑަށް ވަނީ 32 މެޗުން 54 ޕޮއިންޓް ލިބިފަ އެވެ. ހަ ވަނައިގައި އޮތް އާސެނަލަށް ވަނީ 31 މެޗުން 54 ޕޮއިންޓް ލިބިފަ އެވެ. ޔުނައިޓެޑަށް ކުރި ލިބެނީ ފައިދާ ގޯލު އެއްވަރުވެފައި އޮތުމުން، ޖެހި ގޯލަށް ބަލައިގެންނެވެ. ހަތް ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް 32 މެޗުން 54 ޕޮއިންޓް ލިބިފައިވާއިރު، މާދަމާރޭ ވެސްޓް ހޭމް ކުޅޭ މެޗުން މޮޅުވެއްޖެނަމަ ފަސް ވަނަ އަށް އެރޭނެ އެވެ.

އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ޓޮޓެންހަމްގެ ފަރާތުން ދަށް ކުޅުމެއް ފެނުނުއިރު، މި މެޗުގައި ބްރައިޓަން އިން ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ ބެލްޖިއަމްގެ ފޯވާޑް ލެއަންޑްރޯ ޓްރޮސާޑް އެވެ. ޓޮޓެންހަމް އޭރިއާތެރެއިން ހުސްވި ޖާގައެއްގެ ބޭނުންހިފައި ޓްރޮސާޑް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ. މިދިޔަ ހަފްތާގައި ބްރައިޓަން އިން އާސެނަލް ދަނޑުގައި މޮޅުވި މެޗުގައި ވެސް ޓްރޮސާޑް ވަނީ ގޯލު ޖަހައިފަ އެވެ.

ބްރައިޓަންގެ ޔްވެސް ބިސޫމާ (ވ) ކައިރިން ޓޮޓެންހަމްގެ ސޮން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އޭއެފްޕީ


ނޮރިޗް ސިޓީ ކައިރިން މިރޭ ޔުނައިޓެޑުން ލީޑުނެގި ގޯލު މެޗުގެ ހަތް ވަނަ މިނިޓްގައި ރޮނާލްޑޯ ޖެހީ އެ ޓީމުގެ އެންތަނީ އެލަންގާ ހެދި ގޯހެއްގެ ފައިދާނަގައިގެންނެވެ. މެޗުގެ 32 ވަނަ މިނިޓްގައި އަލެކްސް ޓެލޭސް ދިން ބޯޅައަކުން ރޮނާލްޑޯ ވަނީ ދެ ވަނަ ގޯލެއް ޖަހައި، ޔުނައިޓެޑަށް ދެ ގޯލުގެ ލީޑެއް ނަގައިދީފަ އެވެ. އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ނޮރިޗްގެ ޓީމޫ ޕޫކީ ދިން ބޯޅައަކުން އެ ޓީމުގެ ކިއެރަން ޑޮވެލް ވަނީ ގޯލެއް ޖަހައި އުންމީދެއް ހޯދަައިދީފަ އެވެ. ދެ ވަނަ ހާފް ފެށިގެން ހަތް މިނިޓް ތެރޭ ޔުނައިޓެޑް އޭރިއާތެރެެއިން ތަނަވަސްވި ފުރުސަތެއްގައި ޕޫކީ ވަނީ ގޯލެއް ޖަަހައި، ނޮރިޗަށް އެއްވަރުކޮށްދީފަ އެވެ.

މެޗު ނިމެން 14 މިނިޓަށް ވެފައި ހުއްޓައި، ޔުނައިޓެޑް މޮޅުކޮށްދިން ގޯލު ޖެހީ ރޮނާލްޑޯ އެވެ. އޭނާ މި ގޯލު ކާމިޔާބުކުުރީ ހިލޭ ޖެހުމަކުންނެވެ. މިއީ ރޮނާލްޑޯ އޭނާގެ ޕްރޮފެޝަނަލް ކެރިއަރުގައި ހެދި 60 ވަނަ ހެޓްރިކެވެ. އޭގެ ތެރެއިން 50 ހެޓްރިކް ހަދާފައިވަނީ ކްލަބް ލެވަލްގަ އެވެ. އޭނާ ހެޓްރިކް ހަދައިދީފައިވަނީ، ޔުނައިޓެޑްގެ އިތުރުން ރެއާލް މެޑްރިޑާއި ޔުވެންޓަސްގަ އެވެ. މި ފަހަރު ލީގުގައި ރޮނާލްޑޯ ވަނީ 15 ގޯލު ޖަހައިފަ އެވެ. ސީޒަނުގައި ޖުމްލަ އެކު، ރޮނާލްޑޯ ވަނީ 21 ގޯލު ޖަހައިފަ އެވެ. ރޮނާލްޑޯ މި ވަނީ ޖެހިޖެހިގެން 16 ސީޒަނުގައި ކްލަބް ލެވަލްގައި މަދުވެގެން 20 ގޯލު ހަމަކޮށްފަ އެވެ.

މިދިޔަ ހަފްތާގައި ސައުތެމްޓަން އަމިއްލަ ދަނޑުގައި ބޮޑު ތަފާތަކުން ޗެލްސީ އަތުން ބަލިވި ނަމަވެސް މި ހަފްތާގައި އާސެނަލް ކައިރިން މި ވަނީ ރަނގަޅު މޮޅެއް ހޯދައިފަ އެވެ. މި މެޗުގައި ސައުތެމްޓަން އިން އާސެނަލް ކޮޅަށް ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ ފުރަތަމަ ހާފުގެ ފަހުކޮޅުގައި ޔެން ބެޑްނަރެކެވެ. މި މެޗުގައި އާސެނަލް އިން ފޮނުވާލި ގިނަ ހަމަލާތަކެއް ހުއްޓުވުމުގައި ސައުތެމްޓަންގެ ކީޕަރު ފްރޭޒާ ފޮސްޓާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ލީގުގައި މިރޭ އިތުރު ވަގުުތުގައި ގޯލެއް ޖަހައި، ބްރެންޓްފޯޑުން ވަނީ 2-1 އިން ވަޓްފޯޑް ބަލިކޮށްފަ އެވެ. ކްރިސްޓިއަން ނޯގާޑްގެ ގޯލުން ބްރެންޓްފޯޑުން ލީޑުނެގި މި މެޗުގައި ވަޓްފޯޑްގެ އެމަނުއަލް ޑެނިސް ވަނީ ނަތީޖާ ހަމަހަަމަކޮށްދީފަ އެވެ. އިތުރު ވަގުތުގައި ކްރިސްޓިއަން އެރިކްސަން ދިން ބޯޅައަކުން ބްރެންޓްފޯޑް މޮޅުކޮށްދިން ގޯލު ޖެހީ ޕޮންޓަސް ޖެންސަން އެވެ.