Advertisement

ގަދަ ހަތަރެއްގެ ރޭހުގައި ހަމަޖެހިލެވޭނެ ޓީމެއް ނެތް: އާޓެޓާ

16 އޭޕްރީލް 2022 - 15:22 0

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ.-- ފޮޓޯ: އޭއެފްޕީ


ގަދަ ހަތަރެއްގެ ރޭހުގައި ހަމަޖެހިލެވޭނެ ޓީމެއް ނެތް: އާޓެޓާ

16 އޭޕްރީލް 2022 - 15:22 0

ލަންޑަން (އޭޕްރީލް 16) - އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ރޭހުގައި ވާދަކުރަމުން އަންނަ ޓީމުތަކަށް ސީޒަނުގެ ފަހު މެޗުތަކާ ކުރިމަތިލާއިރު ހަމަޖެހިލައިގެން ތިބެވޭނެ މާހައުލެއް ނެތް ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 31 މެޗުން 74 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ލިވަޕޫލަށް ވަނީ 31 މެޗުން 73 ޕޮއިންޓް ލިބިފަ އެވެ.

ގަދަ ހަތަރެއްގެ ފަހު ދެ ޖާގަ އަށް، ފަސް ޓީމެއް ވާދަކުރެ އެވެ. ތިން ވަނައިގައި މި ވަގުުތު ޗެލްސީ އޮތީ 30 މެޗުން 62 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް ޓޮޓެންހަމަށް 31 މެޗުން ވަނީ 57 ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް އާސެނަލަށް ވަނީ 30 މެޗުން 54 ޕޮއިންޓް ލިބިފަ އެވެ. ހަ ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑާއި ހަތް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ވަނީ 51 ޕޮއިންޓް ލިބިފަ އެވެ. ވެސްޓް ހޭމުން 32 މެޗު ކުޅެފައިވާއިރު، ޔުނައިޓެޑުން ކުޅުނީ 31 މެޗެވެ.

ގަދަ ހަތަރެއްގެ ރޭހުގައި އާސެނަލަށް އަމިއްލަ ބާރު ލިބިފައި އޮއްވައި، އޭގެ ބޭނުންނުހިފުނު އެންމެ ބޮޑު ސަބަބަކީ އެންމެ ފަހުން ލީގުގައި އެ ޓީމުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވުމުންނެވެ. މިރޭ ރަށުންބޭރުގައި އާސެނަލުން ކުޅެން ޖެހޭނީ ސައުތެމްޓަންއާ އެެވެ.

އާސެނަލްގެ ކޯޗު އާޓެޓާ ބުނީ މިއީ އުނދަގޫވާނެ މެޗެއް ކަމަށެވެ. އަދި ސައުތެމްޓަން އެންމެ ފަހުން ކުޅުނު މެޗުގައި ބޮޑު ފަރަގަކުން ޗެލްސީ އަތުން ބަލިވެފައި އޮތުމުން މިރޭ ނުކުންނާނީ ވަރަށް ރަނގަޅު ރޫހެއްގައި ނަތީޖާ ނެރެން ކަމަށް އާޓެޓާ ގަބޫލުކުރެ އެވެ.

"އަހަރެން ގަބޫލުކުރާ ގޮތަކީ ގަދަ ހަތަރެއްގެ ރޭހުގައި މި އޮތް ޓީމުތަކަށް ހަމަޖެހިލައިގެނެއް ނެތް ތިބެވެން. ކޮންމެ މެޗަކީ ވެސް ޗެލެންޖެއް. ލީގުގެ ބާކީ މި އޮތް މެޗުތަކުގައި އަހަރެން ދެކޭ ގޮތުގައި ގަދަ ހަތަރެއްގެ ރޭހުގައި ގިނަ ގޮތްތަކެއް ވާނެ. އަހަރެމެން (އާސެނަލުން) ފޯކަސް ކުރަންވީ އަމިއްލަ އަށް ކުރަން ޖެހޭ ކަންކަން ކުރަން،" އާޓެޓާ ބުންޏެވެ.

މި ވަގުތު ހަތަރު ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ ގަދަ ހަތަރެއްގައި ނިންމައި، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވެއްޖެނަމަ ޓޮޓެންހަމް ގޮވައިގެން އޭނާ ބޭނުންވާ މިސްރާބަށް ދާން ފަސޭހަވާނެ ކަމަށެވެ.

ޓޮޓެންހަމުން މިއަދު ހަވީރު (ރާއްޖެ ގަޑިން 16:30 ގައި) ކުޅޭނީ ބްރައިޓަން ހޯލްވް އެންޑް އަލްބިއަންއާ އެވެ. މިރޭ، (ރާއްޖެ ގަޑިން 19:00 ގައި) މެންޗެސްޓާ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ބައްދަލުކުރާނީ ލީގުގެ އެންމެ ފުލުގައި އޮތް ނޮރިޗް ސިޓީއާ އެވެ.