14 އޭޕްރީލް 2022 - 15:43 0
އެރިކްސަން ބްރެންޓްފޯޑް ޖޯޒީ ހިފައިގެން.-- ފޮޓޯ: އޭއެފްޕީ
14 އޭޕްރީލް 2022 - 15:43 0
ބްރެންޓްފޯޑް (އޭޕްރީލް 14) - ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން، ބްރެންޓްފޯޑްގައި ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން އޭނާ ހޯދުމުގެ ރޭހުގައި މެންޗެސްޓާ ޔުނައިޓެޑާއި ނިއުކާސަލް ޔުނައިޓެޑުން ގަދަހިފުމަކަށްދާނެ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތައި ފިންލޭންޑާ ދެކޮޅަށް ޑެންމާކް ކުޅުނު މެޗުގެ ތެރެއިން ހާޓްއެޓޭކެއް ޖެހި، ހިތްހުއްޓިގެން ދަނޑުމަތީގައި ފަރުވާ ދިނުމަށް ފަހު ދަނޑުން ގެންދިޔައީ ހޮސްޕިޓަލަށެވެ. އެރިކްސަން ކުޅުމާ ދުރުގައި ހަ ވަރަކަށް މަސް ދުވަހު ހުރެ، ގިނަ ފަރުވާތަކެއް ކުރުމަށް ފަހު މިދިޔަ ޖެނުއަރީ މަހު ބްރެންޓްފޯޑާ ގުޅުނީ މި ސީޒަނުގެ ނިޔަލަށް ހެދި ކޮންޓްރެކްޓެއްގަ އެވެ.
އެރިކްސަން، ހާޓްއެޓޭކް ޖެހުނުއިރު، ކުޅެމުން އައީ އިޓަލީގެ ޗެމްޕިއަން އިންޓަ މިލާނަށެވެ. އެކަމަކު، އެރިކްސަންގެ ސިއްހީ ހާލަތު ހުރި ގޮތުން އިންޓަ އަށް ޖެހުނީ އޭނާ ދޫކޮށްލާށެވެ. އެއީ ހިތަށް އިމްޕްލާންޓަބަލް ކާޑިއޮވާޓާ ޑެފިބްރިލޭޓާ (އައިސީޑީ) ލައްވައިގެން ކުޅުމުގެ ހުއްދަ އިޓާލިއަން ލީގުގައި ނެތުމުންނެވެ.
ހާއްސަ މެޑިކަލް ޓެސްޓްތަކެއް ހަދައި، އޭގެއިން ފާސްވެގެން، ބްރެންޓްފޯޑަށް ސޮއިކޮށް މިހާތަނަށް އެ ޓީމަށް ކުޅެދިން މެޗުތަކުގައި އެރިކްސަން، 30، ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެރިކްސަންގެ ކުޅުން މި ފަހުން އެންމެ ބޮޑަށް ފާހަަގަވި މެޗަކީ ޗެލްސީގެ ދަނޑުގައި ބްރެންޓްފޯޑުން 4-1 އިން މޮޅުވި މެޗުގަ އެވެ. އެ މެޗުގައި ބްރެންޓްފޯޑަށް ލީޑުނަގައިދިން ގޯލު ޖެހީ އެރިކްސަން އެވެ.
މި ސީޒަނަށް ފަހު ބްރެންޓްފޯޑުން ވެސް އޮތީ އެރިކްސަންގެ ކޮންޓްރެކްޓް އާ ކުރަން ނިންމައިގެންނެވެ. އެކަމަކު، އެރިކްސަން ހޯދަން ނިއުކާސަލާއި މެންޗެސްޓާ ޔުނައިޓެޑުން ބޮޑު މުސާރައެއް ހުށަހަޅަމުންދާއިރު، ޔުނައިޓެޑާ ހަވާލުވާން ނިންމާފައިވާ، ނެދަލެންޑްސްގެ ކޯޗު އެރިކް ޓެން ހާގް ވަނީ އެރިކްސަން ގެންނަން ޔުނައިޓެޑަށް ލަފާދީފަ އެވެ.
ޑެންމާކް ގައުމީ ޓީމަށް ވެސް އެނބުރި އައިސް އެރިކްސަން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އަދި މި އަހަރު ފަހުކޮޅު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ ކުރިން މަތީ ފެންވަރުގެ މެޗުތަކެއްގައި ކުޅެން ބޭނުންވާތީ އެރިކްސަން އަންނަ ސީޒަނުގައި ބޮޑު ކްލަބަކުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ޑެންމާކް މީޑިއާތަކުން ވެސް ވަނީ ރިޕޯޓްކޮށްފަ އެެވެ.
ބްރެންޓްފޯޑްގެ ކޯޗު ތޯމަސް ފްރޭންކް ބުނީ އެ ޓީމުގައި އެރިކްސަން މަޑުކުރުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށާއި އެކަމާ ބެހޭގޮތުން ސީދާ ގޮތެއް ނިމޭނީ މި ސީޒަން ނިމުމުން ކަމަށެވެ.
Comment