Advertisement

ރަޝިއާ ޓޫރިސްޓުންގެ އަދަދު މާޗު މަހު 56 ޕަސެންޓު ދަށަށް

14 އޭޕްރީލް 2022 - 19:52 0

އަމަން ހަލީމް

އަމަން ހަލީމް

ހުޅުމާލޭ ބީޗުގައި ޓޫރިސްޓުންތަކެއް: ރަޝިއާއިން އަންނަ ޓޫރިސްޓުންގެ އަދަދު މަދު ނަމަވެސް ޖުމްލަކޮށް ޓޫރިސްޓުންގެ އަދަދުތައް ރަނގަޅު. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


ރަޝިއާ ޓޫރިސްޓުންގެ އަދަދު މާޗު މަހު 56 ޕަސެންޓު ދަށަށް

14 އޭޕްރީލް 2022 - 19:52 0

ރަޝިއާއިން ހުސްވި މާޗު މަހު އައި ޓޫރިސްޓުންގެ އަދަދު އޭގެ ކުރީ މަހަށް ވުރެ 56 ޕަސެންޓު ދަށްވެއްޖެ ކަމަށް އިމިގްރޭޝަނުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކޮވިޑު ބަލިމަޑުކަމުގެ ދުވަސްވަރުން ފެށިގެން ރާއްޖޭގެ ޓޮޕް މާކެޓުގެ ގޮތުގައި އޮތް ރަޝިއާއިން ރާއްޖެ އަންނަ ޓޫރިސްޓުން މަދުވީ، ފެބްރުއަރީ ފަހުކޮޅު ފެށި ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުންނެވެ.

މި ހަނގުރާމައާ ގުޅުވާ ހުޅަނގުގެ ގައުމުތަކުން އިސްވެ އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިއާއަށް ވަނީ އިގުތިސޯދީ އަދި މާލީ ފިއްތުންތަކާ ކުރިމަތިލާން ޖެހިފަ އެވެ. އަދި، މީގެ އަސަރު ރާއްޖޭގެ ޓޫރިޒަމަށް ވެސް މިވަނީ ކުރަށް ފަށާފަ އެވެ.

އިމިގްރޭޝަނުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހަނގުރާމަ ފެށިތާ ކައިރީގައި ޓޫރިސްޓުންގެ އަދަދުތަކަށް މާ ބޮޑު ބަދަލެއް ނައި ނަމަވެސް، މާޗު މަހުގެ ދެވަނަ ހަފުތާއިން ފެށިގެން ބޮޑު ވެއްޓުމެއް އައިސްފައިވެ އެވެ.

މިއީ ރަޝިއާއިން އެންމެ ގިނަ އަދަދެއްގެ ފަސިންޖަރުން ރާއްޖެއަށް އުފުލާ އެއިރޯފްލޮޓުން ރާއްޖެ ހިމެނޭ ގޮތަށް ބައިނަލްއަގުވާމީ ވައިގެ ދަތުރުތައް މެދުކަނޑާލި ދުވަސްވަރެވެ. ދަތިކުރުމުގެ ފިޔަވަޅުތަކާ ހެދި ދަތުރުކުރެވޭނެ ގޮތެއް ނެތިގެން އެ އެއާލައިނުގެ ބައިނަލްއަގުވާމީ ވައިގެ ދަތުރުތައް މެދުކަނޑާލީ މާޗު 8 ގަ އެވެ.

އިމިގްރޭޝަނުން އާންމުކޮށްފައިވާ ތަފާސްތަކުން ދައްކާ ގޮތުގައި ރާއްޖެ އަންނަ ރަޝިއާ ޓޫރިސްޓުންގެ އަދަދުތަކަށް ފާހަގަކުރެވޭ ވަރުގެ ބޮޑު ބަދަލެއް އައީ ވެސް އެ ތާރީހުން ފެށިގެންނެވެ. އެގޮތުން ޖެނުއަރީން ފެށިގެން މާޗު 7 ވަނަ ދުވަހާ ހަމައަށް ރަޝިއާއިން ދުވާލަކު އެވަރެޖުކޮށް 700 އަށް ވުރެ ގިނަ ޓޫރިސްޓުން އައި ނަމަވެސް، މިހާރު އެވަރެޖު ހުރީ 280 ގަ އެވެ.

ރަޝިއާ ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު ދައްކުވައިދޭ ތަފާސްހިސާބުތައް --- ފޮޓޯ: މުހައްމަދު އިސާމް/އަދަދު


ޖުމްލަ އަދަދުތަކަށް ބަލާއިރު ފެބްރުއަރީ މަހު 20،082 ޓޫރިސްޓުން އައިއިރު، މާޗު މަހު އައީ 8،806 ޓޫރިސްޓުންނެވެ. މިއީ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ވެއްޓުމެކެވެ.

ރަޝިއާގެ އިތުރުން ޔޫކްރޭނުން އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. މި ހަނގުރާމަ ފެށުމުގެ ކުރިން ޔޫކްރެއިނަކީ ވެސް ރާއްޖޭގެ ޓޮޕް 10 މާކެޓުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

އިމިގްރޭޝަނުން އާންމުކޮށްފައިވާ މައުލޫމާތު ދައްކާ ގޮތުގައި ޖެނުއަރީ މަހު ޔޫކްރެއިނުން 5،352 ޓޫރިސްޓުން އަދި ފެބްރުއަރީ މަހު 2،564 ޓޫރިސްޓުން އައެވެ. އެކަމަކު މާޗު މަހު އައީ 330 ޓޫރިސްޓުންނެވެ. މިއީ 87 ޕަސެންޓުގެ ވެއްޓުމެކެވެ.

ޓޫރިޒަމުގެ މުސްތަގުބަލު ދައްކަނީ ކިހިނެއް؟

ރާއްޖެއަށް މުހިންމު ދެ މާކެޓެއް ގެއްލިގެން ދިޔަ ނަމަވެސް، މާޗު މަހު އައި ޓޫރިސްޓުންގެ އަދަދު ފެބްރުއަރީއަށް ވުރެ ގިނަ އެވެ. މީގެ ފަހަތުގައިވާ މައިގަނޑު ސަބަބަކީ އެހެން ޓޮޕް މާކެޓުތަކުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވުމެވެ.

މާޗު މަހު ޓޫރިސްޓުން އިތުރުވީ މާކެޓުތަކުގެ ތެރޭގައި ހިމެނެނީ ޖަރުމަނާއި އިޓަލީ އާއި އިންޑިއާގެ އިތުރުން މިހާރު ރާއްޖޭގެ ޓޮޕް ސޯސް މާކެޓު ކަމުގައިވާ އިނގިރޭސިވިލާތެވެ. އޭގެ އިތުރުން ސައުދީ އަރަބިއްޔާ އާއި އެމެރިކާ އާއި ކޮރެއާ އަދި ކަޒަކިސްތާނުން އަންނަ ޓޫރިސްޓުންގެ އަދަދުތައް ވެސް އިތުރެވެ.

އެހެންކަމުން މި މާކެޓުތަކަށް ލޮޅުމެއް ނާންނަހާ ހިނދަކު، ޓޫރިޒަމަށް މާ ބޮޑު ލޮޅުމެއް އައިސްފާނެ ކަމަކަށް ނުބެލެވެ އެވެ.

ނަމަވެސް، ކޮވިޑުގެ އިތުރު ވޭރިއަންޓެއް ފެތުރި ބަލިމަޑުކަމުގެ ހާލަތު ގޯސްވުމާއި ރަޝިއާ-ޔޫކްރެއިނު ހަނގުރާމަ ދިގުލައިގެންދިޔުމުގެ ނުރައްކާ ޓޫރިޒަމަށް އެބައޮތް ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑުންނާއި ވާލްޑް ބޭންކުން ފާހަގަކޮށްފައި ވެ އެވެ.

ގެއްލުންތަކެއްވި ނަމަވެސް ހުރިހާ އިދާރާއަކުން ވެސް ބުނަނީ ޓޫރިޒަމް ސިނާއަތުގެ ފަހަތުގައި މި އަހަރު ރާއްޖޭގެ އިގުތިސޯދު ކުރިއަރާނެ ކަމަށެވެ.

އެގޮތުން ވާލްޑް ބޭންކުން ލަފާކުރަނީ 7.6 ޕަސެންޓުގައި ޖީޑީޕީ އިތުރުވާނެ ކަމަށެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ލަފާކުރަނީ 11 ޕަސެންޓުގެ ކުރިއެރުމެކެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ލަފާކުރަނީ 12 ޕަސެންޓުގައި ކުރިއަރާނެ ކަމަށެވެ.