Advertisement

ތޮއްޑޫގައި ހާފިޒަކަށް ވާ ކޮންމެ މީހަކަށް ބައިލައްކަ ރުފިޔާ

12 އޭޕްރީލް 2022 - 10:06 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

އއ. ތޮއްޑޫގެ މަގެއް-- ފޮޓޯ: އަދަދު


ތޮއްޑޫގައި ހާފިޒަކަށް ވާ ކޮންމެ މީހަކަށް ބައިލައްކަ ރުފިޔާ

12 އޭޕްރީލް 2022 - 10:06 0

އއ. ތޮއްޑޫ ރައްޔިތުންގެ ތެރެއިން ގުރުއާން ހިތުދަސް ކުރާ ކޮންމެ މީހަކަށް އެ ރަށު ކައުންސިލުންގެ ފަރާތުން 50،000ރ. ދޭން ނިންމައިފި އެވެ.

ތޮއްޑޫ ކައުންސިލް ރައީސް އަހުމަދު ކަރަމް "އަދަދު"އަށް ވިދާޅުވީ ހާފިޒުކަމުގެ ސަނަދު ހާސިލްކުރާ ކޮންމެ މީހަކަށް ބައިލައްކަ ރުފިޔާދޭން ކައުންސިލުން ނިންމީ ކީރިތި ގުރުއާނަށް ލޯބި ޖެހިފައިވާ ޖީލެއް އުފެއްދުމުގެ ބޭނުމުގައި ކަމަށެވެ.

އަދި ރަށުގައި ގިނަ ހާފިޒުން އިތުރުކޮށް ރަށުން ބޭރުން މީހަކު، ތަރާވީސްނަމާދު ކުރުމަށް ގެނައުމުގެ ބަދަލުގައި ރަށު މީހަކު އެކަމަށް ލުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ބޭރުން، ހާފިޒުން ގެނައުމުގައި ހޭދަވާ ހަރަދު ކުޑަވެގެންދާނެ ކަމަށް ވެސް ކަރަމް ވިދާޅުވި އެވެ.

"ރާއްޖެއިން ބޭރުން މިފަހަރުވެސް މީހަކު ގެނައީ. އެއީވެސް ވަރަށް ބޮޑު ހަރަދެއް. އޭގެން މީހަކަށްވެސް އެބަދޭ ގާތްގަނޑަކަށް 50،000ރ." ކަރަމް ވިދާޅުވި އެވެ.

މީގެ އިތުރުން ކައުންސިލާ ގުޅިގެން ހިފްޒު ކްލާސް ތަކެއް ކުރިއަށް ގެންދިއުމަށް ބޭނުންވާ ގުރުއާން ކްލާސްތަކަށް އެ ފުރުސަތު ހުޅުވާލަން ވެސް ވަނީ ނިންމާފަ އެވެ.

"ހިފްޒު ކްލާސްގައި ބައިވެރިވާ ކުދިންގެ ތެރެއިން ފޮތް ނިންމާ ކުދިންނަށްވެސް ހަދިޔާ އެއްޗެހި ދެމުން ދާނެ. މިއީ ހަމައެކަނި އިނާމަށްދޭ 50،000ރ. އިން ނިންމާލާ ކަމެއް ނޫން. ވީހާވެސް ބޮޑަށް އެކަން ހާސިލްވޭތޯ މަސައްކަތް ކުރަން އަޅުގަނޑުމެން މަސައްކަތް ކުރަނީ،" ކަރަމް ވިދާޅުވި އެވެ.

ތޮއްޑޫގައި ހާފިޒުން އުފެއްދުމުގެ އަނެއް މަގުސަދަކީ ރަށުގެ ހަތަރު މިސްކިތުގައި ތަރާސްވީސް ކުރެވުމަށްވެސް ކުރެވިގެންދާ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި މުބާރާތުގައި ބައިވެރިވެވޭނީ މިހާރުގެ ކައުންސިލް ދައުރު ފެށި ހިސާބުން ތޮއްޑޫގެ ދަފްތަރުގައި ތިބި މީހުންނަށެވެ. ހާފިޒު ކަމުގެ ކުލާހަށް ކޮންމެ އުމުރެއްގެ ބަޔަކަށްވެސް ބައިވެރިވެވޭނެ ކަމަށާއި، އެ ކުލާހުން ހޮވާލެވޭ ކުދިން މާލެއަށް ފޮނުވާ ގުރުއާނާ ބެހޭ މަރުކަޒުން ޓެސްޓް ކުރުމަށްފަހު، ހާފިޒުކަމުގެ ސަނަދު ލިބުމާއެކު ކައުންސިލުން ހުށައަޅާ 50،000ރ. ގެ އިނާމު ލިބޭނެ ކަމަށް ކަރަމް ވިދާޅުވި އެވެ.

ރަށަށް ނިސްބަތްވާ ހަތަރު ހާފިޒުން ތިބި ނަމަވެސް ރަށުގައި މިވަގުތު ދިރިއުޅެމުން ދަނީ އެންމެ މީހެކެވެ.

ހާފިޒުންނަށް ދޭ 50،000ރ. ތެރެއިން 25،000ރ. އަކީ ސީދާ ކައުންސިލްގެ ރައީސް ކަރަމްގެ އަތުން ދޭ ފައިސާ ކަމަށާއި، އަނެއް 25،000ރ. އަކީ ހެޔޮ އެދޭ ފަރާތެއްގެ ދީލަތި އެހީއާ އެކު ލިބޭ ފައިސާ އެވެ.