Advertisement

އިންޑޮނީޝިއާގައި ރިޔާސީ ދައުރު ދިގުދަންމަން އުޅޭތީ މުޒާހަރާ ކުރަނީ

12 އޭޕްރީލް 2022 - 07:29 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިންޑޮނީޝިއާގެ މުޒާހަރާތައް ފެށީ ޔުނިވާސިޓީ ދަރިވަރުން. -- ފޮޓޯ: އޭއެފްޕީ


އިންޑޮނީޝިއާގައި ރިޔާސީ ދައުރު ދިގުދަންމަން އުޅޭތީ މުޒާހަރާ ކުރަނީ

12 އޭޕްރީލް 2022 - 07:29 0

އިންޑޮނީޝިއާގެ ގާނޫނު އަސާސީއަށް ބަދަލު ގެނެސް، ރިޔާސީ ދައުރު ދިގުދަންމަން އުޅޭތީ އެތައް ހާސް ބަޔަކު މުޒާހަރާ ކުރަން ފަށައިފި އެވެ.

ހޯމަ ދުވަހު ޔުނިވާސިޓީ ދަރުވަރުން ފެށި މުޒާހަރާ ރޫޅާލަން ފުލުހުން ވަނީ ކަރުނަ ގޭސް ޖަހައި، ބާރު ސްޕީޑްގައި ފެން ވެސް ޖަހައިފަ އެވެ.

އިންޑޮނީޝިއާގެ ރިޔާސީ އިންތިހާބް އޮންނަން ޖެހެނީ 2024 ގަ އެވެ. އެ ގައުމުގެ ގާނޫނު އަސާސީގައި ބުނެފައި ވަނީ ރައީސަށް މަގާމުގައި ހުންނެވޭނީ ގިނަވެގެން ދެ ދައުރު ކަމަށެވެ.

އެހެންކަމުން ރައީސް ޖޯކޯ ވިޑޯޑޯއަށް އިތުރަށް މަގާމުގައި ނުހުންނެވޭނެ އެވެ. ނަމަވެސް އިސް މިނިސްޓަރުންނާއި ބައެއް ސިޔާސީ ޕާޓީތަކުން މިދިޔަ މަހު ވަނީ އިންތިހާބު ފަސް ކުރުމުގެ ވާހަކަ ދައްކާފަ އެވެ.

އެ ފަރާތްތަކުން ބޭނުން ވަނީ ގާނޫނު އަސާސީއަށް ބަދަލު ގެނެސް، ދެ ދައުރަށް ވުރެ ދިގު މުއްދަތެއް ރައީސްކަން ކުރެއްވޭ ގޮތަށް ހެދުމަށެވެ.

ޕާލިމެންޓުގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިމާރާތުގެ ބޭރުގައި ހޯމަ ދުވަހު 2،000 އަށް ވުރެ ގިނަ މީހުން އެއްވި އެވެ. މިދިޔަ ހަފްތާގައި ވެސް އިންޑޮނީޝިއާގެ އެކި ހިސާބުތަކުގައި މުޒާހަރާތައް އޮތެވެ.

"އަޅުގަނޑުމެން ޑިމާންޑް ކުރަނީ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއިން ގާނޫނު އަސާސީއަށް ހިޔާނާތްތެރި ނުވުމަށް. އަދި 2024 ގެ އިންތިހާބު ފަސް ކުރުން ބަލައެއް ނުގަންނާނަން،" މުޒާހަރާ ރޭވި ލުތްފީ ޔުފްރިޒާލް ނެރުނު ބަޔާނެއްގައި ބުންޏެވެ.

އިންތިހާބު ލަސްކޮށް، ދެ ދައުރަށް ވުރެ ދިގު މުއްދަތަކަށް ވެރިކަމުގައި ހުރެވޭނެ ގޮތް ހަދަން އުޅޭ ކަމަށް ފެތުރޭ ވާހަކައަކީ ދޮގެއް ކަމަށް ރައީސް ވިޑޯޑޯ ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.