Advertisement

ފޯ ކެއިން ހެއްޔެވެ؟

9 އޭޕްރީލް 2022 - 13:05 1

އަހުމަދު އަލާ ދީދީ

އަހުމަދު އަލާ ދީދީ

"ފޯ" އަކީ މާލި ކުޅެން ފަށާ ރޭގެ ކުރީ ރޭ، ތައްޔާރު ކުރާ މީރު ފޮނިކާ އެއްޗެއް


ފޯ ކެއިން ހެއްޔެވެ؟

9 އޭޕްރީލް 2022 - 13:05 1

ފޯ ކެއިން ހެއްޔެވެ؟ ނޫނީ ފޯ ގޮނުލުމުގެ ކުޅިވަރު ދުށިން ހެއްޔެވެ؟ އިހުގައި ރާއްޖޭގެ ބައެއް ރަށްރަށުގައި ދިވެހި ގޮތުން ފާހަގަކުރާ ވަކި ހާއްސަ ދެމަހެއްގައި މާލި ހެދިގެން ކުޅިވަރު ކުޅުން އޮވެ އެވެ. މިއީ ސަގާފީ ގޮތުން ފާހަގަކޮށް ކުޅެ އުޅުނު ކުޅިވަރެކެވެ. ފޯ ހިލައިގެން ފޯ ގޮނުލުން އޮންނަނީ މާލި ކުޅޭ މަސް މަހުގައި، އެ ފެސްޓިވަލު ފެށޭ ރޭގެ ކުރީ ރޭގަ އެވެ. މާލި ކުޅޭ މަހޭ ބުނަނީ ދިވެހި ކަލަންޑަރުގެ މާމަހާއި ފުސްމަހަށެވެ. މިއިން ކޮންމެ މަހެއްގެ 13، 14، އަދި 15، ވަރަށް ކުލަގަދަ ފެސްޓިވަލެއްގެ ގޮތުގައި މާލި ކުޅުން އޮންނަ ރޭތަކެވެ. "ފޯ" މި ކިޔަނީ މާލި ކުޅެން ފަށާ ރޭގެ ކުރީ ރޭ، ތައްޔާރު ކުރާ މީރު ފޮނިކާ އެއްޗަކަށެވެ. އެއީ ކޮންމެ މާމަހާއި ފުސް މަހެއްގެ 12 ވިލޭރޭ އޮންނަ ކަމެކެވެ.

ފޯ ގޮނުލުމާ އަދި މާލި ކުޅުމަކީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިހެން ބާއްވާ އުޅުނު ކަމެއްކަމުގެ މައުލޫމާތެއް އަޅުގަނޑަށް ލިބިފައެއް ނެތެވެ. ލިބިފައިވާ މައުލޫމާތު ކުށް ކަމުގައި ނުވަނީނަމަ ބުނެވޭނީ މިއީ ތިލަދުންމަތީގެ ރަށްތަކުގެ ތެރެއިންވެސް ވަކި ހާއްސަ ރަށްތަކަކަށް ނިސްބަތްވާ ސަގާފީ ފެސްޓިވަލެއްކަމެވެ. މާލިކުޅުމާ ފޯ ގޮނުލުމުގެ ކުޅިވަރު ބާއްވާ އުޅުނު ރަށްތަކުގެ ގޮތުގައި ތިލަދުންމަތީން ކެލަ އާއި ފިއްލަދޫ އަދި ވަށަފަރު ފާހަގަކޮށްލެވެ އެވެ. ފަހަރުގައި އަޅުގަނޑަށް މައުލޫމާތު ލިބިފައި ނެތްކަމުގައި ވިޔަސް މި ކުޅިވަރު ކުޅެ އުޅުނު މި ނޫން އެހެނިހެން ބައެއް ރަށްރަށް ހުރުމީ ވެސް އެކަށީގެންވާ ކަމެކެވެ.

ފޯ ހިލުން ދެއްތޯއެވެ! މާމަހާއި ފުސްމަހުގެ 12 ވިލޭރެއަށް އިރު އޮއްސުމުގެ ކުރިޔަށް ގޭގޭގައި ފޯ ހިލަން ފަށާނެ އެވެ. އެ ދުވަހުގެ އިރު އޮއްސުމާއެކު ފޯ ގޮނުލުން ފެށޭނެތީ އެވެ. "ފޯ" މިއީ ހަނޑޫ ކުޑަ ރާޅުގޮތެއް ހުންނަ ކަހަލަ ގޮތަކަށް ހިމުންކޮށް ފުނޑައިގެން، ގަބުޅި ހުންޏާއި ހަކުރާ އެއްކޮށް، ގަރަމް މަސާލާކޮޅެއް ވެސް އަޅައިގެން ހިލާ ފޮނި ކާ އެއްޗެކެވެ. ބައެއް ފަހަރު އޭގެ ތެރެޔަށް މާފެން ފޮދެއްވެސް ބުރުވާލާ އުޅޭ ކަމުގައިވެއެވެ. ފޯ ހިލާއިރުގައި އޭގެ ތެރެއަށް ގަބުޅި ހުނި ގިނައިން އެޅި ވަރަކަށް މަޑުވެފައި މީރުވާނެ ކަމަށް ވެސްވެ އެވެ.

އިރު އޮއްސުމުގެ ކުރިޔަށް ގޭގޭގައި ފޯ ހިލުމުގެ މަސައްކަތް ކުރިޔަށް ހިނގަމުން ދާއިރު، ޒުވާން ފުރައިގެ ކުދީން އުޅޭނީ ގޮނު ހެދުމައިގެންނެވެ. ގޮނޭ ކިޔަނީ ދުންމާރިއެއްގެ ސިފަޔަށް ހުންނަ ބޮޑު ގޮއްޓެއް ފާޑު އެއްޗަކަށެވެ. މި ދުވަހަށް ތައްޔާރު ކުރާ ގޮނު ހަދާނީ ވީހާވެސް ބޮޑެތި މާކަށި ކެޔޮ ފަތުންނެވެ. އަދި އޭތި އެލުވުމަށްޓަކައި ރީތި ދަނޑިކޮޅެއްވެސް ކޮށާ މަށާ ހަދާނެ އެވެ. އަމިއްލަ އަށް ގޮނު ނެހެދޭ ވަރުގެ ކުޑަ ކުދީންނަށް އެ ކުދީންގެ ބައްޕައިން ގޮނު ހަދައިދީ އޭތި އެލުވާ ދަނޑިކޮޅު ޒީނަތްތެރިކޮށްދީ ހަދާ އުޅެ އެވެ. މާކަށި ކެޔޮ ފަތުން ގޮނު ހެދުމަށް ފަހު އޭގެ ތިނެސް ކަނަށް ވާ ގޮތަށް ވަކަ ގަނޑެއް އޭގައި އައްސާލައެވެ. ބޭނުމަކީ އެ ގޮނު ދަނޑިކޮޅުގައި އައްސާ އެލުވާލުމެވެ. އެހައިރުން އެހެރީ ފޯ ގޮނު ތައްޔާރު ކުރެވިފައެވެ.

ދެން އޮންނާނީ ފޯ ގޮނުލުމެވެ. 12 ވިލޭރެއަށް އިރު އޮއްސުމާއެކު (މަޣުރިބު ނަމާދުން ފައިބައިގެން އައިސް) ފޯ ފާތިހާ ކިޔަވަ އެވެ. ފާތިހާ ކިޔަވަން އަންނަ މީހާއަށް ހާއްސަކޮށްގެން އެގެއެއްގައި ހިލާފައި ހުރި ފޯ ނަގާ ތައްޓަކަށް އަޅާ ތައްޔާރުކޮށްފައި ހުންނާނެ އެވެ. އޭނާ އައިސް ފާތިހާ ކިޔަވާ ނިމުމާއެކު ދެން ރަސްމީކޮށް ފޯ ގޮނުލުމުގެ ކުޅިވަރު ފަށަންވީ އެވެ. ފާތިހާ ކިޔަވާ މީހާ އައިސް ފޯ ފާތިހާ ކިޔަވާ ނިމުމުގެ ކުރިޔަކަށް އެއްވެސް މީހަކު ހިލާފައި އެހުރި ފޯ ކައެއް ނޫޅޭނެ އެވެ.

ފޯ ގޮނުލުމޭ މި ބުނަނީ ކަށި ކެޔޮ ފަތުން ހެދި ގޮނުތައް ހިފައިގެން ރަށުގެ އެކި ގޭގޭ ދޮށަށް ހިނގާ އުޅޭ އުޅުމަށެވެ. މިގޮތަށް ފޯ ގޮނުލާން ހިނގާނީ ޒުވާން ފުރައިގެ ކުދީންނެވެ. އެކުދީން ގޭގޭ ދޮށަށް ގޮސް އޭގެ ތެރެއިން ކޮންމެވެސް އެއްކުއްޖެއް ފިލާ ހުރެ ގޭގެ ތެރެޔަށް ފޯ ގޮނު ދިއްކޮށްލަފާނެ އެވެ. ބައެއް ފަހަރު މިގޮތަށް ފިލާ ހުރެގެން ގޮނު ދިއްކޮށްލެވޭ ވަރަށް އޭގައި އައްސާފައި އޮންނަ ދަނޑިގަނޑުވެސް ދިގުކޮށްފައި ހުރެވެސް ދާނެ އެވެ. އަނެއްބައި ފަހަރު ފޯ ގޮނު ދިއްކޮށްލާ ކުއްޖާ ހުންނާނީ ކާކުކަން ނޭނގޭ ގޮތަށް ބޮލާފޮށާ އަޅައިގެންނެވެ.

މިއިން ކޮންމެ ގޮތަކަށް ކަމުގައި ވިޔަސް ގެއެއްގެ ތެރެޔަށް ގޮނު ދިއްކޮށްލައި ކުއްޖާ ގޮވާލާނީ ފޯ ލަވައިންނެވެ. ފޯ ލަވައިން ގޮވާލުމޭ މި ބުނަނީ އެމީހެއްގެ ހަމަ އަޑު ނޫން ތޫލި އަޑެއް ނެރެގެން ވާހަކަ ދައްކާ ދެއްކުމަށެވެ. ގުރޫޕު ހަދާފައި ގެއެއްގެ ކައިރިޔަށް ފިލާ ހުރެގެން ނޫނީ ކާކުކަން ނޭނގޭ ގޮތަށް ހުރެ އެގެޔެއްގެ ތެރެޔަށް ފޯ ގޮނު ދިއްކޮށްލާ ކުއްޖާ ފޯ ލަވައިން ގޮވާލާނީ

"ކަބޯ ކަބޯ ފޯ ކޮޅެއް" މިހެންނެވެ.

އެކުއްޖަކު މިހެން ގޮވާލީމާ ކޮންމެވެސް މީހަކު އައިސް ގޮނުގެ ތެރެޔަށް އެގެޔެއްގައި ހިލާފައި ހުރި ފޯ ކޮޅެއް އަޅައިދޭނެއެވެ. ބައެއް ފަހަރު ފޯ ގޮނު ދިއްކޮށްލާ އެހެން ގޮވާލުމުން އެގެޔަކުން

"ތިޔައީ ކޮން ސޮރެއްތަ؟ ތިޔައީ ކޮން ގޮއްޔެ އެއްތަ؟" މިހެންވެސް އަހާލާ އުޅެއެވެ.

އެހެން ނަމަވެސް ފޯ ގޮނުލާން އައި ކުއްޖާ އެޔަށް މާބޮޑު ޖަވާބެއް ނުދޭނެއެވެ. އެއީ މާގިނަ ވާހަކަ ދައްކާންވެއްޖެނަމަ ކޮން ކުއްޖެއްކަންވެސް އެނގިދާނެތީ ކަން ނޭނގެ އެވެ. އޭނާގެ ގޮނަށް އެގެޔަކުން ފޯ ކޮޅެއް އަޅާލަދޭ އިރަށް، ދުވެ ފިލާފާނެ އެވެ. ގެޔަށް ވަތް ކުއްޖާ ނިކުންނަންދެން ބޭރުގައި އޭނާގެ ގުރޫޕު އޮންނާނެ އެވެ. އެބަޔެއްގެ ގޮނަށް އަޅާލަދިން ފޯ ކަމުން ގޮސް އަނެއްކާ އަނެއް ގެޔެއްގެ ތެރެޔަށް ހަމަ އެގޮތަށް ގޮނު ދިއްކޮށްލަފާނެ އެވެ.

އާއްމުކޮށް ގޭގޭދޮށަށް މި ގޮތަށް ފޯ ގޮނުލާން ހިނގާ އުޅޭނީ ޒުވާން ފުރައިގެ ކުދީންނެވެ. ކޮންމެ ކުދި ބަޔަކުވެސް ދާނީ އެ ކުދީންގެ ރައްޓެހީންނާއި އެކު ގުރޫޕު ހަދައިގެންނެވެ. މިހެންކަމުން މިގޮތަށް ގުރޫޕު، ގުރޫޕަށް ހިނގާއިރު، ގިނަފަހަރު އޭގެ ތެރޭގައި ހިމެނޭ ކޮންމެ ކުއްޖަކުވެސް ފޯ ގޮނު ދިއްކޮށްލާން ބޭނުންވާ ތަފާތު ގޭގެ ހުރެއެވެ. ފަހަރުގައި އެއިން ކުއްޖަކު ވަރަށް ހިތާވާ ކުއްޖަކު އުޅޭ ގެޔަކަށެވެ. ނޫނީ ކޮންމެވެސް ގާތް އެހެން ރައްޓެހި ކުއްޖެއްގެ ގެޔަކަށެވެ. އަދި ތިމާގެ އެހެން މީހުންގެ ގޭގެއަށެވެ. މި ގޮތަށް އެ ގުރޫޕެއްގައި ހިމެނޭ އެކި ކުދީން ހިތު އަޅާފައި ހުންނަ ގޭގޭ ދޮށަށް ހިނގަމުން ފޯ ލަވައިން ގޮވަމުން، ފޯ ގޮނުލާން ހިނގާ ސަކަރާތް އެރޭގެ 9، 10 ޖަހަންދެން އޮވެ އެވެ. އެއީ ޒުވާން ފުރައިގެ ކުދީންނަށް ވަކީން ހާއްސަ މަޖާ ރެޔެކެވެ.

ފޯ ގޮނުލާ ނިމި ކޮންމެ ގުރޫޕެއްގެ ބަޔަކުވެސް ގެޔަށް ވަންނަން ދެން އަންނަ ރޭ ފެށޭ މާލި ކުޅުމުގެ މަޝްވަރާތަކުންނެވެ. މާލި ހަދާނެ އައު އީޖާދުތައް މަޝްވަރާ ކުރަމުންނެވެ. ރީތި އާޓިސްޓިކު އައު ގޮތްތަށް ކިޔައިދެމުންނެވެ. މި މަޝްވަރާތަކާއިއެކު ކޮންމެ ކުއްޖަކުވެސް ގެޔަށް ވަންނާނީ އަނެއް ދުވަހު އޭނާގެ ގުރޫޕާއެކު މާލި ހަދަން ދާން ގަޑިކިޔަމުންނެވެ.

ފޯ ހިލުމާއި ފޯ ގޮނުލުމުގެ ހަފުލާ ބޭއްވެމުގައި އެއް ރަށާއި އަނެއް ރަށާއި ދެމެދު ކުދި ކުދި ފަރަގު ހުންނަކަން ފާހަގަވެ އެވެ. އަދި އެއް ޖީލުން އަނެއް ޖީލަށް މިކަން ވާރުތަ ކުރުމުގައިވެސް ބައެއް ކުދި ތަފާތުތައް ހުންނަކަން ފާހަގަކުރެވެ އެވެ. އަޅުގަނޑަށް މި ސަގާފީ ކުޅިވަރުގެ މައުލޫމާތު ހިއްސާކޮށް ދެއްވީ ތިލަދުންމަތީ ކެލާ، ދިއްގާމާގޭ ހައުލަތު މާހިރާއެވެ.